ހައި ކޯޓުގެ ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވަނީ

ހައި ކޯޓުގައި މި ވަގުތު އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވުމުން ރިޓަޔަމަންޓް ބަލައިގަންނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިދިޔަ ހޯމަ ދުވަހު ނިންމައިފި އެވެ.މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރެއްވި  ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވަން ހުށަހެޅުއްވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް، ފަނޑިޔާރު އެގޮތަށް ނިންމެވީ ފަނޑިޔާރުކަމުގައި ގިނަ ދުވަހު ހިދުމަތް ކުރެވިފައިވުމާއި ސިއްހީ ހާލަތަށް ރިއާޔަތްކުރެއްވުމަށް ފަހު ކަމަށް އެނގިފައިވެ އެވެ.ޖޭއެސްސީން ފަނޑިޔާރު ނިޔާޒުގެ ރިޓަޔަމެންޓް ގަބޫލުކުރަން ނިންމާފައިވާއިރު، އެ ފަނޑިޔާރާ ގުޅޭ ސުލޫކީ ފަސް މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އެބަދެ އެވެ. އެ މައްސަލަތަކަކީ ގިނަ ދުވަސްވީ، އަދި މީގެކުރިން ކޮމިޝަނުން ސުލޫކީ މައްސަލައެއް ނެތް ކަމަށް ވެސް ކަނޑައަޅާފައިވާ މައްސަލަތަކެވެ.ފަނޑިޔާރު ނިޔާޒު، ފަނޑިޔާރު ކަމުން ރިޓަޔާކުރައްވަން ނިންމާފައިމިވަނީ 23 އަހަރު ޝަރުއީ ދާއިރާއަށް ހިދުމަތް ކުރެއްވުމަށް ފަހު އެވެ. ނިޔާޒު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ 30 ސެޕްޓެމްބަރު 2002 ގައި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ. އޭގެފަހުން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ކުރައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ