މާލެ ރައްޔިތުންނަށް ހައްގީ މައިޒާން ހެދުމެއް ނޫން، ސްމާޓް ސިޓީއަކަށް ބަދަލުކޮށްލާނަން: އާޒިމް

މާލެ ރައްޔިތުންނަށް ހައްގު މިންވަރަކީ ކާނު ސާފުކުރުމާއި ގަބުރުތައް ތަނަކަށް އުކާލައި މައިޒާނެއް ހެދުމާއި ގަސް އިންދުމެއް ނޫން ކަމަށާއި، މޭޔަރުކަމަށް ހޮވައިދީފިނަމަ މާލެއަކީ ރައްޔިތުންނަށް ފަސޭހައިން އުޅެވޭ ސްމާޓް ސިޓީއަކަށް ހައްދަވައިދެއްވާނެ ކަމަށް، މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް މިރޭ ވިދާޅުވެއްޖެއެވެ. އިދިކޮޅު މައި ޕާޓީ އެމްޑީޕީން މާލޭގެ މޭޔަރުގެ ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާނުކުރައްވައި، އާޒިމް ވަނީ މިރޭ އާޓިފިޝަލް ބީޗުގައި ކެމްޕެއިން ލޯންޗްކުރައްވައިފައެވެ. އެމްޑީޕީގެ މެންބަރުންނާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ޚަރަދުތައް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށާއި، ސިޓީ ކައުންސިލްގެ ކުރީގެ ވެރިން ރައްޔިތުންގެ ފައިސާ ބޭނުންކުރިގޮތް ބަލަން ރައްޔިތުން ބޭނުންވާ ކަމަށެވެ. މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް: އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހައްގު މިންވަރަކީ ކާނުތައް ސާފުކުރުމާއި ގަސް އިންދުން އެކަނިނޫން ކަމަށް --- ސަން ފޮޓޯ: މޫސާ ނަދީމް މެންބަރުންގެ ތާއީދާއި އެއްބާރުލުމާއެކު ފަސޭހައިން މޭޔަރުކަމުގެ ޕްރައިމަރީ ކާމިޔާބުކުރައްވާނެ ކަމަށް ވަރަށް ޔަގީންކަމާއެކު އާޒިމް ވިދާޅުވިއެވެ. ނުސީދާކޮށް މިހާރުގެ މޭޔަރު އާދަމް އާޒިމަށް ފާޑުވިދާޅުވެ، އަލީ އާޒިމް ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުންނަށް ހައްގު މިންވަރަކީ ކާނުތައް ސާފުކުރުމާއި މާލޭގައި ގަސް އިންދުމާއި ސަހަރާތަކުގައި ހުރި މަހާނަގާތައް ނަގައި، ސަހަރާތައް ހުސްކޮށް އެ ތަންތަނުގައި ހިތްފަސޭހަ މައިޒާނުތައް ތަރައްގީކުރުމެއްނޫނެވެ. "ތާހިރު ދިރިއުޅުމެއް އުޅެވޭނެގޮތް ހަދައިދޭން އެބަޖެހޭ، ރީތިކޮށް ގޭގައި ތިބެގެން އަޅުގަނޑުމެންނަށް ދަރިންނާ އެއްކޮށް ރީތިކޮށް އުޅެވޭނެ މާހައުލެއް ގާއިމްކޮށްދޭން އެބަޖެހޭ، އަޅުގަނޑުމެންގެ ދަރިންނަށް ގޭގައި ތިބެ ރީތިކޮށް ކުޅެލައި މަޖާކޮށްލައި އުފާވެރި ހިތްހަމަޖެހޭ އާއިލާއެއް ބިނާކުރެވޭނެގޮތް ހަދައިދިނުން އެއީ މާލެ ސިޓީ ކައުންސިލްގެ ޒިންމާތަކުގެ ތެރެއިންވާ ކަމެއް،" އޭނާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ފެހި ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުވި ފުރަތަމަ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށްފަހު ރާއްޖޭގެ ހާލަތު މިސްރާބު ޖެހީ ގޯސް ދިމާލަކަށް ކަމަށާއި، އެ ވެރިކަމަށްފަހު ދިވެހީންގެ ދިރިއުޅުމުގެ ހާލަތު އައީ ދަށްވަމުން ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ގޯސްވީ މަގާމުތަކާ ހަވާލުވާ މީހުން ނާޖާއިޒު ފައިދާ ނަގާތީ ކަމަށެވެ. މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް: އޭނާ ވަނީ މާލެ ސްމާޓް ސިޓީއަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފަ --- ސަން ފޮޓޯ: މޫސާ ނަދީމް އޭނާއާ ވާދަވެރި އާދަމް އާޒިމަށް ފާޑުވިދާޅުވެ އަލީ އާޒިމް ވިދާޅުވީ، ފައިސާ ނެގުމަށްފަހު ސިޓީ ކައުންސިލުން ނުފަށާ މަޝްރޫއުތަކެއް އެބަހުރި ކަމަށާއި، އާދަމް އާޒިމްގެ މަސްލަހަތު އޮންނަ އާރުސީސީ ކުންފުންޏަށް ގިނަ މަޝްރޫއުތައް ދެމުން ދާތީ ވިޔަފާރިވެރިން އެކަމާ ޝަކުވާކުރާ ކަމަށެވެ. މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވަނީ ތަނަވަސް، "އެހެން މާލެ"އެއް ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް އާޒިމް ވިދާޅުވެ، ވަނީ އޭނާ މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެންފިނަމަ ކުރައްވާނެ ބައެއް ކަންކަން ހިއްސާކުރައްވައިފައެވެ. އެގޮތުން މާލޭގެ މަގުތަކުގައި ވެހިކަލްތަކަށް ފަސޭހައިން ޕާކްކުރެވޭނެ ގޮތް ހަދައި، އާންމުން ހިނގާބިނގާވެ އުޅުމަށް ފަސޭހަކޮށްދީ، މާލެ މީހުންނަށް އިގްތިޞާދީ މިނިވަންކަން ހޯދައިދޭނެ ކަމަށް އާޒިމް ވައުދުވެވަޑައިގަތެވެ. "މި މާލެ ސިޓީއަކީ ސްމާޓް ސިޓީއަކަށް ބަދަލުކުރުމުގެ ޕްލޭނެއް އަޅުގަނޑުގެ އެބައޮތް، އެހެންވީމަ ހަމަ ޔަގީނުން ވެސް ތި ބޭފުޅުންނަށް ފެންނަ މާރާމާރީ، ފޭރުން، ވައްކަންކުރުން އެތައް ގުނައަކަށް މިކަންކަން މަދުވެގެން ދާނެ ހަމަ ޔަގީން، މާލެ ސިޓީ ކައުންސިލުން ދެމުންދާ ޚިދުމަތްތައް ފޯނުން ހޯދޭނެ ގޮތްތައް އެބަހުރި،" އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ