ރައުދު ކުށަށް އިއުތިރާފުވެއްޖެ، ޖަލަށް ދާކަށް ނުޖެހޭނެ

2025 އެޕްރީލް 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލާގައި ގ. އެރިޔަދޫ، ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ކުރި ދައުވާއަށް އިއުތިރާފު ވެއްޖެ އެވެ.
ރައުދުގެ މައްޗަށް އުފުލީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާ އެވެ. 
މި ކުށުގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ. ދައުވާ ކުރި ސަބަބުގެ ގޮތުގައި ޕީޖީ އޮފީހުން ބުނީ، ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށެވެ.
ޕީޖީ އޮފީހުން މިރޭ ބުނީ ރައުދުގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލާގައި އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އިއުތިރާފުގެ އެއްބަސްވުމެއް ނުހެދުމަށް އެ އޮފީހުން ވާނީ ނިންމާފައި ކަމަށެވެ.
އަދި އިއްޔެ ބޭއްވުނު މައްސަލައިގެ އަޑުއެހުމުގައި އޭނާ ކުށަށް ވަނީ އިޢުތިރާފުވެފައި ކަމަށާ އަވަސްނިޔާގެ އަޑުއެހުން މިމަހު 26 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި ކަަމަށެވެ.
ރައުދުއަސް ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ އެއްމަސް ދުވަހަށް ޖަލަށް ލުން ކަމަށްވާއިރު، އޭނާ ވަނީ މި މައްސަލާގައި ހައްޔަރު ކުރެވި، އެއްމަސް ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ޖަލުގައި ހޭދަކޮށްފައެވެ. 
އެގޮތުން އެ މައްސަލާގައި އޭނާ އެންމެ ފުރަތަމަ ހައްޔަރު ކުރީ އޭޕްރީލް މަހުގެ 24ވަނަ ދުވަހުގެ ރޭ 18:20ގަ އެވެ. އެފަހުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އެންމެ ފުރަތަމަ އޭނާގެ މައްޗަށް ޖެހީ ފަސް ދުވަހެވެ.
އޭގެފަހުން، އިތުރު ދިހަ ދުވަސް ޖަހައި، އެ މުއްދަތު ހަމަވުމުން ފަސް ދުވަސް ޖަހުމަށްފަހު ވަނީ 20 ދުވަސް އިތުރުކޮށްފައެވެ. 
އަދި އެ މުއްދަތު ހަމަ ނުވަނީސް މިދިޔަ މަހު 22 ވަނަ ދުވަހުގެ ހެނދުނު އޭނާ ދޫކޮށްލާފައިވާއިރު، ހަމަ އެދުވަހު ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.
އެފަހުން އޭނާއަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، ޕީޖީގެ ލަފާއާއެކު އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ. 
އެހެންކަމުން، ދައުވާ ސާބިތުވެ އަންނަ ހުކުމުގެ ގޮތުން އޭނާ ޖަލުގައި އެންމެ ދުވަހެއްވެސް ހޭދަކުރަން ނުޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ