މުއްތަލިބު ނުފޫޒު ފޯރުވާ ކަމަށް ބުނެ ފިޔޯރީ ކައުންސިލްގެ ރައީސްކަމަށް ފައިޒަރު އަމިއްލަ ގޮތުން ވާދަކުރަނީ މުއްތަލިބު ނުފޫޒު ފޯރުވާ ކަމަށް ބުނެ ފިޔޯރީ ކައުންސިލްގެ ރައީސްކަމަށް ފައިޒަރު އަމިއްލަ ގޮތުން ވާދަކުރަނީ

ހައުސިން މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ނުފޫޒު ފޯރުވާ ކަމަށް ބުނެ ޕީއެންސީއަށް ތައީދުކުރައްވާ ފިޔޯރީ ކައުންސިލުގެ ރައީސް، ފައިޒަރު ރަޝީދު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވައިފި އެވެ.
ފައިޒަރު އަދަދު އަށް ވިދާޅުވީ ޕީއެންސީގެ އުސޫލުތައް މުގުރާލާފައި މުއްތަލިބު ނުފޫޒު ފޯރުވަމުންދާތީ ޕީއެންސީގެ ޓިކެޓުގައި ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަން ނިންމި ނިންމުން ބަދަލުކޮށް، އެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރަން ނިންމާފައިވާ ކަމަށެވެ. މުއްތަލިބުއަކީ ވެސް ފިޔޯރީއަށް ނިސްބަތްވާ ބޭފުޅެކެވެ.
"ޕީއެންސީގެ އަސާސީ ގަވާއިދާއި ޕާޓީގެ އުސޫލުތަކާ ހިލާފަށް ގަވާއިދެއް ހެދިފައި، ގަވާއިދެއްގެ ދަށުން ރަށުގެތަކުގެ ސްޓިއަރިން ކޮމިޓީތަކެއް ހަދާފައި ޕާޓީގެ އެެތެރޭގެ އުސޫލުތަކެއް އޮވޭ، މި ބުނާ އުސޫލުތަކުގެ ތެރެއިންނޭ ކަންކަން ކުރިއަށްގެންދަންޖެހޭނީ،" ފައިޒަރު ވިދާޅުވި އެވެ.
"އެކަމަކު އެ އުސޫލުތައް މުގުރާލާފައި މުއްތަލިބު ބޭނުންވާ ގޮތަކަށް ކަންކަން ނިންމަންވީމަ އަޅުގަނޑަށް ޒަމީރަށް ގަބޫލެއް ނުކުރެވެނީ ޕީއެންސީއާއެކީ ކުރިއަށްދާން."
ފައިޒަރު ވިދާޅުވީ ސިޔާސީ ގޮތުން އެކި މަގާމުތަކަށް ފިޔޯރީ މީހުން ނެގީ ސްޓިއަރިން ކޮމިޓީއާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށާއި އެ ކޮމިޓީގެ ނައިބުރައީސަކަށް ވެސް މިވަގުތު ހުންނެވީ އޭނާ ކަމަށެވެ.
މި ސަރުކާރު ވެރިކަމަށް ގެނައުމަށް ބުރަކޮށް މަސައްކަތް ކުރެއްވި ފައިޒަރު ވިދާޅުވީ މުއްތަލިބަކީ ޕާޓީ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ބެފުޅެއް ނޫން ކަމަށެވެ.
ނަމަވެސް ޕާޓީގެ ލީޑާޝިޕުން ބުނި ގޮތާ ހިލާފަށް ރަށުގެ ކަންކަން ކުރިއަށް ގެންދަނީ މުއްތަލިބު ބޭނުންވާ ގޮތަށް ކަމަށާއި މުޅި ރަށުގެ ސިޔާސީ ބާރުވެރިކަން މި ސަރުކާރު ގެންނަން އެއްވެސް މަސައްކަތެއް ނުކުރާ ބަޔަކަށް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ ޕާޓީ ލީޑާޝިޕުން ޔަގީންކަން ދެއްވި ރައީސް މުއިއްޒުވެސް އޮތީ އެ ޔަގީންކަން ދެއްވާފައި. ތިމަންނަމެންނަށް މި މަސައްކަތް ކޮށްދިން ފަރާތްތައް ބޭނުންވާ ގޮތަށް އެ މީހުންނަށް ދެރަ ނުވާ ގޮތަށް، ނިކަމެތި ނުވާ ގޮތަށް ކޮށްދެއްވަނަމޭ.އެކަމަކު އެ މަންޒަރެއް ނޫން މި ފެނުނީކީ،" ފައިޒަރު ވިދާޅުވި އެވެ.
"މުއްތަލިބު ސިޔާސީ މަސައްކަތްތަކެއް އޭނަ ކައުންސިލް ރައީސްކަމަށް އޭނަގެ ދައްތައެއްގެ ކުއްޖަކު ބޭނުންވީމަ އެހާ ހިސާބުން އަޅުގަނޑުމެން މަސައްކަތްކުރި އެންމެން ދޫކޮށްލާފައި، އޭނަގެ ފަރާތަށް އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގައި އާއި މަޖިލިސް ކެމްޕެއިނުގައި ވެސް އެމްޑީޕީއާއެކު މަސައްކަތްކުރި މީހުން އޭނަގެ ފަހަތަށް އަރުވާފައި އެ މީހުންނަށް އޭނަގެ ފަރާތުން ރަށުގެ ހުރިހާ ސިޔަސީ ބާރުވެރިކަމެއް މިދިޔައީ."
މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވި ފައިޒަރު އެންމެ ފަހުން ހުންނެވީ ޕީޕީއެމްގަ އެވެ. ޕީޕީއެމް އުވާލުމުން އޭނާ ޕީއެންސިއަށް ސޮއިކޮށްފައެއް ނުވެ އެވެ. ނަމަވެސް ފައިޒަރަކީ ފިޔޯރީގެ ޕީއެންސީ ސްޓިއަރިން ކޮމިޓީގެ ނައިބުރައީސް އެވެ.
ފައިޒަރު މީގެ ކުރިން ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އޭނާ އެއިރު ވިދާޅުވީ ޕީއެންސީން ފުންކޮށް ނުވިސްނައިފިނަމަ 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ