ފަށްކުރުމެއް-: ސުލައިމާންގެފާނުގެ ވާހަކަ 9: ޖިންނީން ކިޔަމަންތެރިކޮށްދެއްވެވުން

ޢަލީ އިޙްޞާން ފިރާޤް
 
ޖިންނީން ކިޔަމަންތެރިކޮށްދެއްވެވުން:   
މާތްﷲ سبحانه وتعالى، سليمان عليه السّلام އަށް ދެއްވައިފައިވާ ނިޢުމަތްތަކުގެ ތެރެއިން އަނެއް ނިޢުމަތަކީ ޖިންނީން އެކަލޭގެފާނަށް ކިޔަމަންތެރިކޮށްދެއްވުމެވެ. އެކަލޭގެފާނުގެ ރަސްކަމުގެ ކަންތައްތައް ކުރެއްވުމުގައި އަދި ބޮޑެތި މަޝްރޫޢުތައް ހިންގެވުމުގައި އެކަލޭގެފާނު ޖިންނީންގެ ބޭނުން ކުރައްވައެވެ. މިވާހަކައަށް އިޝާރާތް ކުރައްވައި  ސަބާ ސޫރަތުގެ 12 އަދި 13 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 
وَلِسُلَيْمَانَ الرِّيحَ غُدُوُّهَا شَهْرٌ وَرَوَاحُهَا شَهْرٌ ۖ وَأَسَلْنَا لَهُ عَيْنَ الْقِطْرِ ۖ وَمِنَ الْجِنِّ مَن يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِ ۖ وَمَن يَزِغْ مِنْهُمْ عَنْ أَمْرِنَا نُذِقْهُ مِنْ عَذَابِ السَّعِيرِ ﴿١٢﴾ يَعْمَلُونَ لَهُ مَا يَشَاءُ مِن مَّحَارِيبَ وَتَمَاثِيلَ وَجِفَانٍ كَالْجَوَابِ وَقُدُورٍ رَّاسِيَاتٍ ۚ اعْمَلُوا آلَ دَاوُودَ شُكْرًا ۚ وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ ﴿١٣﴾
މާނައީ: [އަދި سليمان ގެފާނަށް ތިމަންރަސްކަލާނގެ ވައިރޯޅި ކިޔަމަންކުރެއްވީމެވެ. އެ ވައިރޯޅީގެ ހެނދުނުގެ (އެބަހީ: މެންދުރުކުރީގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި އެ ވައިރޯޅީގެ ހަވީރުގެ (އެބަހީ: މެންދުރުފަހުގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ރަތުލޯވިރުވައި ދެއްވީމެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅާއެކު، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި މަސައްކަތްކުރާ ބަޔަކު، ޖިންނީންގެ ތެރެއިން ލެއްވީމެވެ. އެ ޖިންނީންގެ ތެރެއިން، ތިމަންރަސްކަލާނގެ أمر ފުޅުން އެއްކިބާވެ، ނުކިޔަމަންތެރިވާ ބަޔަކަށް، ނަރަކައިގެ ހުޅުގަނޑުގެ عذاب ގެ ރަހަ ތިމަންރަސްކަލާނގެ ދައްކަވާހުށީމެވެ. އުސްވެގެންވާ ބިނާތަކާއި، ސިފަސިފައިގެ ބުދުތަކާއި، ބޮޑެތި ބިލިގާތަކެއްފަދަ ތަށިތަކާއި، ހަރުލައި ހުންނަ ބިޔަ ތެލިތަކާއި، މިތަކެތީގެ ތެރެއިން އެކަލޭގެފާނު އެދިވަޑައިގަންނަވާ އެއްޗެއް އެއުރެން އެކަލޭގެފާނަށް ހަދައިދެތެވެ. އޭ داود ގެފާނުގެ آل ންނޭވެ! (އެކަލާނގެއަށް) شكر ވެރިވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) عمل ކުރާށެވެ! އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން شكر ވެރިވާ މީހުން ވަރަށްމަދެވެ.] 
މިދެންނެވި އާޔަތުގެ ތަފްސީރުގައި سید ابوالاعلٰی مودودی އޭނާ ލިޔުއްވި ތަފްހީމުލް ޤުރްއާނުގައި ވިދާޅުވެފައިވެއެވެ. އެ އާޔަތުގައިވާ تَمَاثِيل އޭ އޮތް ބަސްފުޅުގެ މުރާދަކީ ހަމައެކަނި ސޫރަ ސިފަވާގޮތަށް ހެދިފައި ހުންނަ ބުދުތަކެއް ނޫނެވެ. ޢަރަބި ބަހުގައި ތަމާޘީލޭ ކިޔެނީ ދިރޭ އެއްޗެއްގެ ސޫރައިގައި ހެދިފައި ހުންނަ ކޮންމެ ސޫރައަކަށެވެ. އެއީ ފަހަރުގައި އިންސާނެއްގެ ސޫރައިގައި ނުވަތަ ގަހެއް، ނުވަތަ މަލެއް ނުވަތަ ކޯރެއްގެ ސޫރައިގައިވެސް ހެދިފައި ހުރެދާނެއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ މާތްﷲ ޚަލްޤުކުރައްވައިފައިވާ ދިރޭ އެއްޗެއްގެ ސޫރައިގައި ތިމާމެންގެ އަމިއްލަ އަތްތަކުން ހަދާ ތަކެއްޗަށް ތަމާޘީލެވެ ކިޔައެވެ. 
އެހެންކަމުން سليمان عليه السّلام ހެއްދެވި ތަމާޘީލަކީ އިންސާނުން ނުވަތަ ޖަނަވާރުގެ ސިފައިގައި ހަދާފައިވާ ބުދޭ ދެންނެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ފަހަރުގައި އެއީ އެކަލޭގެފާނު ބިނާކުރެއްވި ގަނޑުވަރުތަކާއި އެނޫންވެސް ތަންތަން ޑިޒައިން ކުރައްވަން އެކަލޭގެފާނު ހައްދަވާފައިވާ މާމެލާމެލި ތަމްސީލުކުރާ ފަދަ ނުވަތަ ޤުދުރަތީ މަންޒަރުތައް ސިފަވާފަދަ ތަކެއްޗަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. 
ابوالاعلٰی مودودی ވިދާޅުވެފައިވެއެވެ. ބައެއް މުފައްސިރުން މި އާޔަތުގެ ތަފްސީރުގައި ލިޔުއްވާފައިވެއެވެ. [سليمان عليه السّلام، އެކަލޭގެފާނުގެ ކުރީން އުޅުއްވި ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ސޫރައިގައި ބުދުތައް ހެއްދެވިއެވެ. އެކަލޭގެފާނު އެބުދުތައް ހެއްދެވީ ޖިންނީ މެދުވެރިކުރައްވައިގެންނެވެ.] ނަމަވެސް މި ވާހަކައަކީ ޞައްޙަ ވާހަކަތަކެއް ނޫންކަމުގައި ابوالاعلٰی مودودی ވިދާޅުވެފައިވެއެވެ. އެހެނީ އެފަދަ މުފައްސިރުން އެވާހަކަތައް ނަކަލުކުރައްވާފައިވަނީ އިހުއުޅުނު ފޮތުގެ އަހުލުވެރީންގެ ފަރާތުންނެވެ. ދެން ابوالاعلٰی مودودی ގެންނަވައިފައިވަނީ ސޫރަކުރެހުމާއި ބުދުހެދުމާއި މިކަންތައްތަކަކީ ޙަރާމްކަމެއްކަން ބަޔާން ކުރައްވައިފައިވާ ޙަދީޘްފުޅުތަކެވެ. އެއަށްފަހު ވިދާޅުވެފައިވެއެވެ. މި ޙަދީޘްތަކުގައި ސޫރަކުރެހުމާއި ބުދުހެދުމަކީ ޝަރީޢަތުގައި ކަނޑައެޅިގެން މަނާކަމެއްކަމުގައި އަންގަވާފައިވާއިރު سليمان عليه السّلام ބުދުހެއްދެވިއޭ ބުނެވޭނެ އެއްވެސް ޖާގައެއްނެތެވެ.
ޖިންނި ޝައިތާނުން سليمان عليه السّلام އަށް ކޮށްދެއްވާ އަނެއް މަސައްކަތަކީ ބޮޑެތި ބިލިގާތަކެއްފަދަ ތަށިތަކާއި، ހަރުލައި ހުންނަ ބިޔަ ތެލިތައް ހެއްދެވުމެވެ. މިކަމުން سليمان عليه السّلام އަކީ މެހެމާނުންނަށް ކަމޭހިއްތަވާ ގިނަގިނައިން މީސްތަކުންނަށް ޖާފަތްދެއްވާ ބޭކަލެއްކަން ދޭހަވާކަމަށް  سید ابوالاعلٰی مودودی ލިޔުއްވައިފައިވެއެވެ. {މައުދޫދީ، ތަފްހީމުލް ޤުރްއާން، ސަބާ ސޫރަތުގެ 12 އަދި 13 ވަނަ އާޔަތުގެ ތަފްސީރު} 
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. 
"‏إِنَّ عِفْرِيتًا مِنَ الْجِنِّ تَفَلَّتَ الْبَارِحَةَ لِيَقْطَعَ عَلَىَّ صَلاَتِي، فَأَمْكَنَنِي اللَّهُ مِنْهُ، فَأَخَذْتُهُ، فَأَرَدْتُ أَنْ أَرْبُطَهُ عَلَى سَارِيَةٍ مِنْ سَوَارِي الْمَسْجِدِ حَتَّى تَنْظُرُوا إِلَيْهِ كُلُّكُمْ فَذَكَرْتُ دَعْوَةَ أَخِي سُلَيْمَانَ رَبِّ هَبْ لِي مُلْكًا لاَ يَنْبَغِي لأَحَدٍ مِنْ بَعْدِي‏.‏ فَرَدَدْتُهُ خَاسِئًا {صحيح البخاري،كتاب أحاديث الأنبياء،بَابُ قَوْلِ اللَّهِ تَعَالَى: {وَوَهَبْنَا لِدَاوُدَ سُلَيْمَانَ نِعْمَ الْعَبْدُ إِنَّهُ أَوَّابٌ}، ޙަދީޘް ނަންބަރު 3423}
މާނައީ: ޖިންނި ޝައިތާނުންގެ ތެރެއިން ވަރުގަދަ ޢިފްރީތަކު އިއްޔެ ތިމަންކަލޭގެފާނުގެ ކުރިމައްޗަށް ކުއްލިއަށް ފާޅުވިއެވެ. އެކަލޭގެ އައީ ތިމަކަންކަލޭގެފާނުގެ ނަމާދު ބާތިލުކުރުމަށެވެ. އެކަމަކު، މާތްﷲ، ތިމަންކަލޭގެފާނަށް އެ ޢިފްރީތުގެ މައްޗަށް ގަދަވެގަތުމުގެ ބާރުދެއްވިއެވެ. އެހެންކަމުން ތިމަންކަލޭގެފާނު އޭތި ހިފައި މިސްކިތުގެ ތަނބުތަކުގެ ތެރެން ތަނބެއްގައި ބެންނެވުމަށް ޤަޞްދުކުރެއްވީމެވެ. އޭރުން އެކަލޭގެ ތިޔަބައިމީހުންނަވެސް ފެނުނީހެވެ. އެހެން ހީކޮށްގެން ހުއްޓައި، ތިމަންކަލޭގެފާނުގެ އަޚް ސުލައިމާނުގެފާނުގެ ދުޢާފުޅުގެ މަތީން ހަނދާންވިއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. [މިއަޅާގެ ފަހުން އެކަކަށްވެސް އެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާޔަށް ދެއްވާނދޭވެ!] ދެން ތިމަންކަލޭގެފާނު އެ ޢިފުރީތު ނިކަމެތިކަން ލިބިގެންވުމަށް ދޫކޮށްލީމެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ