ރައްޔިތުންގެ ބަސް އިއްވަން ނިކުންނާނެ މުއިއްޒު ތަކެއް ބޭނުން!

ރައީސް މައުމޫނުގެ ވެރިކަމުގައި ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އަޑުއުފުލީ މިހާރަށްވުރެ ގައުމުގެ ހާލަތު އެތައްތަނެއް ރަނގަޅަށް އޮއްވައެވެ. ނިސްބަތުން އެހާ ބޮޑު ދަރަނިވެރިކަމެއް ނެތެވެ. ޒާތްޒާތުގެ ޓެކްހެއް ނުނަގައެވެ. ލިބޭ މިންވަރަށް ބެލުމެއްނެތި އަތްގުޅި ނުކާވަރުގެ ޕްރޮޖެކްޓްތަކެއް ނުހިންގައެވެ. މާލެ ފިޔަވާ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސަރަހައްދީ ހޮސްޕިޓަލް ހުއްޓެވެ. ކޮންމެ އަތޮޅެއްގައި އަތޮޅު ހޮސްޕިޓާ ހުއްޓެވެ. ކޮންމެ ރަށެއްގައި ސިއްހީމަރުކަޒެއް ނުވަތަ ހެލްތު ޕޯސްޓެއް ހުއްޓެވެ. 
ހުޅުލޭ އެއަރޕޯޓްނުލާ ރާއްޖޭގެ ހަތަރު ހިސާބެއްގައި 4 ސަރަހައްދީ އެއަރޕޯޓް އޮތެވެ. ދުނިޔޭގެ އެންމެ މަތީފެން ވަރަށް ޓޫރިޒަމް އޮތީ ގެންގޮސްފައެވެ. ހުޅުމާލެ ހިއްކާ ބޯހިޔާ ވަހިކަމުގެ މަޝްރޫއުތައް ހިނގައިގެންފައިވެއެވެ. އާބާދީ ބޮޑު މަސްވެރި ގިނަ ރަށްރަށުގައި ބަނދަރު ހަދައިފައިވެއެވެ. ކޮންމެ އަތޮޅެއްގައި ސަރުކާރުން ހިންގާ ބޮޑު ދެ ސްކޫލުގެ އިތުރުން ކޮންމެ ރަށެއްގައި މަދަރުސާއެއް ހިންގިއެވެ. ސެކަންޑަރީ ތައުލީމަށް ހާއްސަކޮށްގެން ކުޅުދުއްފުއްޓާއި ހިތަދޫގައި ރީޖަނަލް ސްކޫލް ހިންގައެވެ. ޔުނިވަރސިޓީ ތައުލީމު ރާއްޖޭގައި ދޭން ފަށައިފިއެވެ. 
ބީއެމްއެލް އާއި އެސްޓީއޯ އާއި ސްޓެލްކޯ އާއި އެމްއޭސީއެލް އާއި އެމްޑަބްލިޔުއެސްއީ އާއި ދިރާގާއި އެމްޕީއެލްއާއި އެމްޓީސީސީ ކާމިޔާބު ކަމާއެކު އެކަށިގެންވާ ގޮތެއްގައި ހިނގަހިނގާ ހުއްޓެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފެށި ފުޅާވާން އޮތީ ފަށާފައެވެ. 100 ފޫޓް ހުންނަވަރުގެ ބޮޑެތި ޒަމާނީ މަސްދޯނި ފަހަރާއި މުދާއުފުލާ އުޅަދު ފަހަރު ގިނަވެ ހިތްވަރާއެކު މަސައްކަތްކުރާ މީހަކަށް ކުރިއަރާދާނެ މަގު ތައްމިނަށް ހުޅުވުފައި އޮތެވެ. 
ކުރުކޮށް ބުނާނަމަ ކުރެވޭ ހޭދަ މިހާރާ އަޅާބަލާއިރު ގައުމުގެ ކުރިއެރުމާއި ފުދުންތެރިކަން އޭރު އޮތީ އިންތިހާ ދަރަޖައަށް މަތީގައެވެ. ކޮރަޕްޝަނާއި ފަސާދަ ވެސް އޮތީ މިހާރާ އަޅާބަލާއިރު 90 ދަރަޖަ ދަށުގައެވެ. އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުން ނެއްޓި ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި ރާއްޖެވެގެން ދިޔައީވެސް މައުމޫނުގެ ވެރިކަމުގައެވެ. 
އެހެން އެހުރިހާ ކަމެއް އޮތް އިރުވެސް ރައްޔިތުންނަށް ހައްގު މިންވަރު ހޯދުމަށް ތެދުވެ ބަޔަކު އޭރު އަޑުއުފުލިއެވެ. ރައްޔިތުންގެ ތެރޭގައިތިބި އިތުބާރު ކުރެވޭ އެތައް ބަޔަކު ނިކުމެ މައުމޫނުގެ ދިގުލީ ވެރިކަން ބަދަލުކުރިއެވެ. އޭގެ 15 އަހަރު ފަހުން މުޅި ނިޒާމް އެއްކޮށް ފުޑުފުޑުވެ ގައުމުގެ ހީރަސް ކެނޑި ހައްދުން ނެއްޓި ދާއިރު ރައްޔިތުންގެ ހައްގުގައި ބަސް ބުނާނެ އިތުބާރު ކުރެވޭ ހަމައެކަކުވެސް ނެތީހެއްޔެވެ. ގައުމު ހަމަ މަގަށް އެޅުވުމަކީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ކަމަކަށް ހަދާފައި ނިންމާލީހެއްޔެވެ. 
މައްޗަށްގޮޅީ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލު ކުރެއްވުމުން އުސްތާޒު މުއިއްޒު ނިކުންނަވާ ރައީސް މުއިއްޒަށް އޮއްސާލެއްވީ ވާހަކަ ތަކަކީ އައުވާހަކަ ތަކެއްނޫނެވެ. އެންމެންނަށްވެސް އެނގޭ ގިނަ ކަންތައްތަކެއްގެ ތެރެއިން ދާދި ކުޑަ މިންވަރެކެވެ. އެކަމަކު އެވަރުވެސް ކޮށްލާނެ އިތުބާރުކުރެވޭ އިލްމީ ގާބިލު އިތުރު މީހަކު ހަމަ ނެތީހެއްޔެވެ. ރައީސްގެ ކުރިމައްޗަށް އޮއްސާލާނެ އެކަހަލަ އެތައް ހާސް ވާހަކައެއް މިއަދު ރާއްޖޭގައި އެބައޮތެވެ. އިތުބާރު ކުރެވޭ ގާބިލު މީހުން ބޮޑު ވަރިހަމާގައި މިތިބެނީ ކީއްވެފާ ހެއްޔެވެ. ރައްޔިތުން ބޭނުންވަނީ ރައީސް މުއިއްޒު ޖަވާބުދާރީ ކުރުވަން ރައްޔިތުންގެ ތެރެއިން ނިކުންނާނެ އިލްމީ ގާބިލު އިތުބާރު ކުރެވޭ މުއިއްޒު ތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ