އެމްއެމްއޭއާ ދިމާ މަގުހެދުމުގެ 97 އިންސައްތަ މަސައްކަތް ނިމިއްޖެ

މާލޭ ބޮޑުތަކުރުފާނު އެމްއެމްއޭ ކުރިމައްޗާ ދިމާލު ހަތަރު ލޭނަށް ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ 97 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
ބޮޑުތަކުރުފާނުމަގު 5 ސެގްމަންޓަކަށް ބަހާލައިގެން ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާްއިރު، ސެގްމަންޓް އެކެއްގެ މިހާރު ކުރިއަށްދަނީ ތާރުއެޅުމުގެ މަސައްކަތެވެ. ތާޅުއަޅަން ފަށާފައިވަނީ މިއަދުއެވެ. މަރުކަޒީ ބޭންކުގެ ކުރިމަތިން އޮންނަ މި ސަރަހައްދުގައި ތާޅުއެޅުމުގެ މަސައްކަތް ފަށާފައިވަނީ 132 މީޓަރު ސަރަހައްދެއްގައި ޝީޓްޕައިލްކޮށް ހިއްކުމަށްފަހުކަން ފާހަގަކޮށްލެވެއެވެ.
ސެގްމެންޓް އެކެއްގައި 130 މީޓަރު ސަރަހައްދެއްގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، ޝަހީދު ހުސައިން އާދަމް ބިލްޑިންނާ ހަމަޔަށް ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. 
އެމްއެމްއޭއާ ދިމާ ކުރިމަތިން އޮންނަ ސަރަހައްދުގެ މަސައްކަތް ގޮސްފައިވާ ހިސާބު... ފޮޓޯ: އެމްޓިސީސީ
މި މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދާއިރު، އެކުންފުނިން ބުނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަމަށެވެ.
އެކުންފުނިން ނިންމާފައިވަނީ އަންނަ ރަމަޟާންމަސް ފެށުމުގެ ކުރިން މަސައްކަތް ނިންމުމަށެވެ. 
ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ، ހުސްވި އޮގަސްޓްމަހުގެ 21 ވަނަ ދުވަހުއެވެ.  މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ.
މި މަޝްރޫއަކީ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ. އެ ކުންފުންޏަށް މި މަސައްކަތް ހަވާލުކޮށްފައި ވަނީ 144,509,024.16 ރުފިޔާ އަށެވެ. މި މަސައްކަތް 455 ދުވަސްތެރޭ ނިންމަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ