އިތުރު ޖަނަރޭޓަރެއް ބޭނުމެއްނުވޭ، އިންޖީނުތަކާއި ޕެނަލްތައް ރަނގަޅު: ގަމު ބްރާންޗް
އިއްޔެ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އިތުރު ޖަނަރޭޓަރެއް އަދި ބޭނުން ނުވާނެ ކަމަށާއި، ޖަނަރޭޓަރުތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް، ލ. ގަމު ފެނަކަ ބްރާންޗުން މިރޭ ބުނެފިއެވެ. ފަސް ހާހުގެ އާބާދީއެއް އޮންނަ ރާއްޖޭގެ އެންމެ ބޮޑު ރަށްކަމަށްވާ ގަމުގެ، އިންޖީނު ގޭގައި އިއްޔެ މެންދުރުފަހު 2:45 ހާއިރު ރޯވި އަލިފާން ނިވައިލެވުނީ ހަވީރު ހަތަރެއް ޖަހަން ކައިރިވެފައިވަނިކޮށެވެ. އެ ހާދިސާގައި މީހަކަށް އަނިޔާނުވި ނަމަވެސް، އިންޖީނު ރޫމަށާއި އިންޖީނުގޭގެ ފުރާޅަށް ގެއްލުން ވެފައިވެއެވެ. އެ ހާދިސާއާ ގުޅިގެން ކަރަންޓު ކެނޑުމަށްފަހު، މުޅި ރަށަށް ކަރަންޓު ދެވުނީ ރޭ 12 ޖަހަން ކައިރިވެފައި ވަނިކޮށެވެ. https://sun.mv/214839 'ސަން'އިން މިއަދު ސުވާލުކުރުމުން ގަމުގެ ފެނަކަ ބްރާންޗުން ބުނީ އިތުރު ޖަނަރޭޓަރެއް ގެންނަން ނުޖެހޭ ކަމަށާއި، ނަމަވެސް އިންޖީނުގެ އަލުން ހަދަން ޖެހޭ ކަމަށެވެ. "އިންޖީނުތަކާ ޕެނަލްތަކާ އެއްޗެހި އޯކޭ އިރާދަކުރެއްވިއްޔާ،" ގަމު ބްރާންޗުން މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވިއެވެ. ފުލުހުން ބުނީ އިންޖީނުގޭގައި އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ޓަކައި އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އިއްޔެ ފެނަކައިން ނެރުނު ބަޔާނެއްގައިވަނީ އަލިފާނުގައި ގެއްލުންވެފައިވަނީ އެ ރަށަށް ކަރަންޓު ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަށް ކަމަށް ބުނެފައެވެ. އެ ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި ޕެނަލްތަކަށް ދިމާވި މައްސަލަ ދެނެގަނެ، އެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ގަމު ބްރާންޗުން ބުނީ، އިއްޔެގެ ހާދިސާއަށް ފަހު ޓެކްނިކަލް މަސައްކަތްތަކެއް ކުރަމުންދާތީ އެ ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ