ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ އއ. އަތޮޅުގެ ޗެމްޕިއަންކަން ތޮއްޑޫން ހޯދައިފި ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ އއ. އަތޮޅުގެ ޗެމްޕިއަންކަން ތޮއްޑޫން ހޯދައިފި

މިހާރު ކުރިއަށްދާ އެފްއޭއެމްގެ އަތޮޅު ފުޓްބޯޅަ މުބާރާތް، ބީއެމްއެމް އެެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ އއ. އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން، ތޮއްޑޫން ހޯދައިފި އެވެ.
އެފްއޭއެމްގެ އަތޮޅު މުބާރާތުގައި، އއ އަތޮޅުން، ތޮއްޑޫގެ އިތުރުން ވާދަކުރީ އުކުޅަސް އާއި ރަސްދޫ އެވެ. އިއްޔެގެ ފައިނަލުގައި ބައްދަލުކުރީ ތޮއްޑޫ އާއި އުކުޅަހުންނެވެ. މި މެޗު 3-1 އިން ކާމިޔާބުކުރީ ތޮއްޑޫ އިންނެވެ.
ތޮއްޑޫ ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި، ތޮއްޑޫގެ ލަނޑުތައް ޖެހީ، އަހުމަދު ޝަމީމް އާއި އިބްރާހިމް އުސާމަތު އަދި މުހުތާރު ނަސީރު (ޓޫކިލޯ) އެވެ. މި މެޗުގައި އުކުޅަސްގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ސިރުހާން އެވެ.
އއ އަތޮޅުގެ ޗެމްޕިއަންކަން ހޯދި ތޮއްޑޫ އާއި ރަނަރަޕް، ވަނީ ސެންޓްރަލް ރީޖަނަލް ލީގަށް ކޮލިފައިވެފަ އެވެ. މި ރީޖަންގައި ހިމެނެނީ، ހިމެނެނީ، ކ، އއ، އދ، ވ، މ، ފ، ދ ގެ ޗެމްޕިއަން އާއި ރަނަރަޕް އެވެ.
އެފްއޭއެމް އިން ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ބަދަލުކޮށް އަތޮޅު ފުޓްބޯޅަ މުބާރާތް ފެށީ ފުރަތަމަ ޑިވިޝަނަށް ޓީމުތަކަށް އާދެވޭ ގޮތަށް ހަތަރު ރީޖަނަކަށް ބަހާލައިގެންނެވެ. ސެންޓްރަލް ރީޖަންގެ އިތުރުން ދެން ހިމެނެނީ، ނޯތު ރީޖަން އާއި ސައުތު ރީޖަން އަދި މާލެ ރީޖަން އެވެ.
ނޯތު ރީޖަންގައި ހިމެެނެނީ، ހދ. ގެ އިތުރުން، ހއ، ށ، ނ، ރ، ބ އަދި ޅ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.
އެފްއޭއެމުން އިއުލާނުކޮށްފައިވާ މި ސީޒަނުގެ ކަލަންޑަރުގައިވާ ގޮތުން، ހުރިހާ އަތޮޅު މުބާރާތެއްގެ ޗެމްޕިއަން ކަނޑައެޅުމާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަން، އަންނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ނިމުމުގެ ކުރިން، ކަނޑައެޅިގެންދާނެ އެވެ. އަދި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އޮންނާނީ އަންނަ އަހަރުގެ މެއި މަހުގަ އެވެ.
މި ސީޒަނުން ފެށިގެން، ދިހަ ޓީމާ އެކު ކުޅޭ ދިވެހި ޕްރިމިއާ ލީގު، ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް، ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭނީ މާލެ ލީގުގެ ކޮލިފިކޭޝަން ބުރުގަ އެވެ.
ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ލީގަށް ކޮލިފައިވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ