އިންޑިއާގެ ބޭންކަކުން 800،000 ޑޮލަރު ފޭރުނު މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި

ސެންޓްރަލް ބޭންކުގެ އޮފިޝަލުން ކަމަށް ބުނެ، ހަތިޔާރު އެޅި ބަޔަކު އިންޑިއާގެ އޭޓީއެމްއަކަށް ގެންދިޔަ 800،000 ޑޮލަރު ފޭރުނު މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ބެންގަލޫރުގެ ފުލުހުން އިއްޔެ ބުނީ އެ މައްސަލަ ހައްލުކޮށް އޭގެ ތިން ދުވަސް ކުރިން ވަގަށް ނެގި ފައިސާގެ ތެރެއިން 57.6 މިލިއަން ރުޕީސް ހޯދާފައިވާ ކަމަށެވެ.
ބެންގަލޫރު ޕޮލިސް ކޮމިޝަނަރު ސީމަންތު ކުމާރު ސިންގް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބާކީ ހުރި ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސިންހް ފަހުން ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި ފައިސާ ޓްރާންސްޕޯޓް ކުންފުނި، ސީއެމްއެސްގެ މުވައްޒަފަކާއި ސީއެމްއެސްގެ ކުރީގެ މުވައްޒަފެއްގެ އިތުރަށް ޕޮލިސް ކޮންސްޓަބަލް އަކު ހިމެނެ އެވެ.
އެ ވައްކަން ހިނގާފައި ވަނީ ބެންގަލޫރުގެ ލާލްބާގް ސަރަހައްދުގަ އެވެ.
ވައްކަން ކުރި މީހުން އުޅުނީ ރިޒާވް ބޭންކް އޮފް އިންޑިއާގެ އޮފިސަރުން ކަމަށް ހެދިގެންނެވެ. އެ މީހުންގެ ކާރު ހުއްޓުވީ އެހާ ބޮޑު އަދަދެއްގެ ލިޔެކިޔުންތައް ޗެކް ކުރަން ޖެހޭ ކަމަށް ބުނެ އެވެ.
އެ ވެހިކަލްގެ ކޭޝް ކަސްޓޯޑިއަން އާއި ދެ ސެކިއުރިޓީ ގާޑުން އެސްޔޫވީއަށް އެރުމަށް އެންގި އެވެ. އޭރު ގޭންގުގެ އެއް މެމްބަރަކު ވޭން ކޮންޓްރޯލް ކުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ ގޭންގުން ވަނީ ވެހިކަލް ބަދަލުކޮށް، ފޭކް ލައިސަންސް ޕްލޭޓް ބޭނުންކޮށް، ސީސީޓީވީ ކަވަރޭޖް މަދު ތަންތަން ހިޔާރުކޮށް ފޮށިތައް ބަދަލުކޮށްފަ އެވެ.
އެ ވައްކަން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފެށީ މިދިޔަ ބުދަ ދުވަހު އެވެ. އެ އޮޕަރޭޝަންގައި ކަރްނާޓަކާ ސްޓޭޓާއި އަވަށްޓެރި ސްޓޭޓްތައް ކަމަށްވާ ކެރެލާ، ޓެމިލް ނާޑޫ، ތެލެންގާނާ، އަންދްރަ ޕްރަދޭޝް އަދި ގޯއާގައި 200އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވެ އެވެ.
ސީއެމްއެސްގެ ދައުރާއި ކޭޝް ޓްރާންސްފާ ގައިޑްލައިންތަކާ ހިލާފުވެދާނެ ކަމަށް ބެލެވޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ވެސް ސިންހް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ