ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އަރިހަށް، އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވަލޮޕްމަންޓް އޮފީހުގެ ޕާލިމަންޓްރީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް، މިނިސްޓަރ ސީމާ މަލްހޯތުރާ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުމާއި، އިނގިރޭސިވިލާތުގެ ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަމުގެ އިތުރުން، ޚާއްސަކޮށް އިޤްތިޞާދު ފުޅާކުރެއްވުމަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ސީމާ ވަނީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން، ފޮރިން، ކޮމަންވެލްތު އެންޑް ޑިވަލޮޕްމަންޓް އޮފީހުގެ މަސައްކަތްތަކަށް ދެއްވާ ޝައުޤުވެރިކަމާއި، އެކަމަނާގެ ބައިވެރިވެވަޑައިގެންނެވުމާއި، ވެދެއްވާ އެހީތެރިކަމަށްޓަކައި، އެކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކުގައި، އަންހެނުން ސިޔާސީގޮތުން ބާރުވެރި ކުރުމާއި، އަންހެނުންނަށްކުރާ އަނިޔާއާއި، ތަޢުލީމީ ދާއިރާއާއި، ތިމާވެށީގެ ވިލުންތެރިކަމުގެ އިތުރުން އަންހެނުންގެ އަޑު އިއްވުންފަދަ މައުޟޫޢުތަކަށް އަލިއަޅުއްވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސިވިލްސަރވިސްއާއި، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ގިނަދުވަސްތަކެއްވަންދެން އެކަމަނާކުރެއްވި މަސައްކަތްޕުޅުގެ ތަޖުރިބާތައް ޙިއްސާކުރައްވާފައެވެ.
އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަކުރައްވަމުން އެކަމަނާވަނީ، ރައިސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ޕާލިމެންޓާއި އަދި ލޯކަލް ކައުންސިލްފަދަ ދާއިރާތަކުން އަންހެނުންގެ އިސްނެގުން އިތުރުކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ސީމާ މަލްހޯތުރާ ދެއްކެވި ވާހަކަފުޅުގައި، އަންހެނުންގެ ބާރުވެރިކަން އިތުރު ކުރެއްވުމަށް ތަފާތު ދާއިރާތަކުން އެކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ސިޔާސީ މައިދާނުގައި އަންހެނުންގެ ހަމަހަމަކަމަށާއި ބާރުވެރިކަން އިތުރު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުންވެސް ސީމާ މަލްހޯތުރާގެ ވާހަކަފުޅުގައި، މުޖުތަމަޢުގައި މިންތީގެ ހަމަހަމަ ކަމާއި ގުޅޭގޮތުން އުނގަންނައި ދިނުމާއި ހޭލުންތެރިކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައިވެއެވެ.
މި ބައްދަލުވުން ނިންމަވާލެއްވުމުގެ ގޮތުން ދެބޭފުޅުންވެސް ވަނީ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ މުހިންމުކަމާއި އަދި ކުރިޔަށް އޮތްތަނުގައިވެސް ދެފަރާތުގެ ބައިވެރިވުމާއެކު މިގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވަލޮޕްމަންޓް އޮފީހުގެ ޕާލިމަންޓްރީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ