ހިޔަލަ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެމްކޯ އާއި ސިޓީ ސްޓާސް އަށް ހިޔަލަ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެމްކޯ އާއި ސިޓީ ސްޓާސް އަށް

ތިނަދޫ ސިޓީގައި ކުރިއަށްދިޔަ ހިޔަލަ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ޑިިވިޝަނުގެ ޗެމްޕިއަންކަން، ސިޓީ ސްޓާސް އިން ހޯދިއިރު، ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން، ކްލަބް ވެމްކޯ އިން ހޯދައިފި އެވެ.
ހިޔަަލަ ހޭންޑްބޯޅަ މުބާރާތުގެ ހަތް ވަނަ އެޑިޝަނުގެ ދެ ފައިނަލް ރޭ ތިނަދޫ ހޭންޑްބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދިޔައިރު، އަންހެން ޑިިވިޝަންްގެ ޗެމްޕިއަންކަން، ސިޓީ ސްޓާސް އިން ހޯދީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
އެ ގޮތުން، ފައިނަލް މެޗުގައި، އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ރެކްރިއޭޝަން ކްލަބް (އޭއެސްއެމްއެޗް)އާ ކުޅެގެން ސިޓީ ސްޓާސް މޮޅުވީ، 17-06 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ސިޓީ ސްޓާސްގެ އައިޝަތު އާލާ އެވެ.
އަންހެން ޑިވިޝަނުގެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި، ސިޓީ ސްޓާސްގެ ހަތަރު ކުޅުންތެރިން ހިމެނެ އެވެ. އެއީ، އާލާގެ އިތުރުން، މާޒިނާ، ނިއުޝާ އަދި އަޒްލިފާ އެވެ. ދެން ހިމެނެނީ، 71 ލަނޑު ޖަހައި، މުބާރާތުގެ ޓޮޕް ސްކޯރާ އަކަށް ހޮވުނު ފިޓް ފެމިނިންގެ ހަދީޖާ (ކެދު) އާއި އޭއެސްއެމްއެޗްގެ ޔުމަން އާއި ޒައިނާ އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް އޭއެސްއެމްއެޗްގެ ޝޫރާ އެވެ. އަދި، ފެއާ ޕްލޭ ޓީމަކީ ފިޓް ފެމިނިން އެވެ.
އަންހެން ޑިިވިޝަނުގެ އެންމެ މޮޅު ކޯޗަކީ، ސިޓީ ސްޓާސްގެ އަހުމަދު ސަދޫގު އެވެ.
ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވެމްކޯ އިން ހޯދީ ފައިނަލުގައި ސްކޯޕިއަންސްއާ ކުޅެގެން، ވާދަވެރި ކުޅުމަކަށް ފަހު، 22-23 އިން ކުރިހޯދައިގެންނެވެ.
މުބާރާތުގެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ވެމްކޯގެ އިބްރާހިމް ލުތުފީ، އައްފާން، މުނީޒް އަދި ޝިމައު ޖައުފަރާއި، ފަޔާ ސްޓޯމްގެ ޝަހުބާން އަދި، ސްކޯޕިއަންސްގެ ޔަޝްމު އާއި އަލީ ހަސަން އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ޔަޝްމު ހޮވުނުއިރު، އެންމެ އުންމީދީ ކުޅުންތެރިއަކީ ފަޔާ ސްޓޯމްގެ މާއިޝް އެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު ރަޝީދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ