އެމެރިކާ ސިފައިންގެ ކޮމާންޑްތައް އަލުން ރީސްޓްރަކްޗާ ކުރަނީ
ވޮޝިންޓަން (16 ޑިސެމްބަރު 2025) : އެމެރިކާ ސިފައިންގެ ކޮމާންޑްތައް އަލުން ރީސްޓްރަކްޗާ ކުރުމުގެ ޕްލޭނެއް ކުރިޔަށްގެންދާކަން ހަނގުރާމާއާބެހޭ އެމެރިކާގެ ވުޒާރާ (ޕެންޓަގަން) އިން ހާމަކޮށްފިއެވެ. ޕެންޓަގަންގެ އިސް ފަރާތްތަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓް ބުނާގޮތުން މިއީ ފާއިތުވި ބައި ގަރުނުގެ ތެރޭގައި އެމެރިކާ ސިފައިންގެ ކޮމާންޑްތަކަށް ގެންނަ އެންމެ ބޮޑު ބަދަލެވެ. މި ބަދަލުގެންނަނީ ދާދިފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އައު ސްޓްރެޓެޖީ އަށް ރިޔާއަތްކޮށް އެސްޓްރެޓެޖީ ތަންފީޒު ކުރެވޭނެ ގޮތެއްގެ މަތިންނެވެ. މިހާރު އެމެރިކާ ސިފައިންގެ ކޮމާންޑްތަކުގެ ސްޓްރަކްޗަރ ނުވަތަ އޮނިގަނޑު އޮތްގޮތުން އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އައު ސްޓްރެޓެޖީ ތަންފީޒުކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެކަން ޕެންޓަގަންއިންވަނީ ހާމަކޮށްފައެވެ. ވޮޝިންޓަން ޕޯސްޓް ބުނާގޮތުން އެމެރިކާ ސިފައިންގެ ކޮމާންޑްތައް އަލުން ރީސްޓްރަކްޗް ކުރަނީ މައިގަނޑު ދެ ކޮމާންޑެއްގެ މައްޗަށެވެ. ޖުމްލަ 11 ކޮމާންޑް އިން އަށް ކޮމާންޑަށް ބަދަލުކުރުމުގެ މައްޗަށެވެ. މައިގަނޑު ދެކޮމާންޑްގެ ތެރޭގައި ސަބް ކޮމާންޑްތައް ހުންނަގޮތަށެވެ. މައިގަނޑު ދެކޮމާންޑަކީ އެމެރިކަން އިންޓަނޭޝަނަލް ކޮމާންޑް އާއި ކޮމާންޑް އޮފް އެމެރިކާސް އެވެ. އެމެރިކަން އިންޓަނޭޝަނަލް ކޮމާންޑް ގެ ތެރޭގައި ހިމަނާގޮތަށް ރާވާފައިވަނީ ސެންޓްރަލް ކޮމާންޑާއި އެފްރިކަން ކޮމާންޑް އަދި ޔޫރަޕިޔަން ކޮމާންޑެވެ. ކޮމާންޑް އޮފް އެމެރިކާސް ތެރޭގައި ހިމެނެނީ މިހާރުގެ ނޮދާން ކޮމާންޑާއި ސަދަން ކޮމާންޑެވެ. އެމެރިކާ ސިފައިންގެ ކޮމާންޑްތަކުގެ އޮނިގަނޑަށް މިގެންނަ ބަދަލުތަކާއެކު އެމެރިކާ ސިފައިންގެ ލަޝްކަރުތަކުގައި ހިމެނޭ ސިފައިންނާއި ހަތިޔާރާއި އެނޫންވެސް ވަސީލަތްތަކުގެ ބޮޑުބައެއް މަރުކަޒު ކުރާނީ ދުނިޔޭގެ ވެސްޓަން ހެމިސްފިޔާ ގައެވެ. ލެޓިން އެމެރިކާއަށް ޚާއްސަ ކޮށްގެންނެވެ. ލެޓިން އެމެރިކާ ސަރަހައްދަށް ޚާއްސަ އިސްކަމެއް ދެނީ އެއީ އެމެރިކާގެ ބެކްޔާޑްކަމަށް ބަލައިގެންނެވެ. ބެކްޔާޑުގައި ޗައިނާއާއި ރަޝިއާ އިގްތިސާދީ ގޮތުންނާއި އިންވެސްޓްމަންޓްގެ ގޮތުން ބާރުގަދަ ކުރަމުންގެންދާތީ އެކަމާ ކުރިމަތިލުމަށެވެ. އައު ސްޓްރަކްޗާ އާއެކު އެމެރިކާގެ އަސްކަރިއްޔާއިން މެދުއިރުމައްޗަށާއި ޔޫރަޕަށް މިހާރު ދޭ އިސްކަން މުސްތަގްބަލްގައި ވަރަށް ބޮޑަށް ކުޑަވެގެން ދާނެއެވެ. ވޮޝިންޓަން ޕޯސްޓް ބުނާގޮތުން އެމެރިކާގެ މައިގަނޑު ފޯކަސް ދެން އަމާޒުކުރާނީ ލެޓިންއެމެރިކާގެ ގައުމުތަކަށާއި ޓައިވާން ކަނޑުއޮޅި އަށެވެ. ޓައިވާން ކަނޑުއޮޅިއަށް ފޯކަސް ބޮޑުކުރަނީ ޗައިނާ ކުއްލި ގޮތަކަށް ޓައިވާން ހިފައި އެގައުމުގެ ބާރުގެ ދަށަށް ގެނަސްފާނެކަމުގެ ބިރަށެވެ. ނަމަވެސް ޓައިވާން ހިފަން ޗައިނާ ކުރާ ހަނގުރާމައެއްގެ ތެރެއަށް ވަނުމަކީ ޗައިނާގެ އަސްކަރީ ބާރު އާދަޔާ ޚިލާފަށް ވަރުގަދަކަމުން މިހާރު އެމެރިކާއަށް ކުރަން ކެރޭވަރުގެ ކަމެއްނޫނެވެ. ދާދިދަހުން އެމެރިކާގެ އަސްކަރިއްޔާއިން ނެރުނު ސިއްރު ޓެކްނިކަލް ޑޮކިއުމެންޓަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އަސްކަރީ ބައެއް ދާއިރާތަކުގައި ޗައިނާ އުޅެނީ އެމެރިކާއަށް ވުރެ ކުރީގައެވެ. މާނައަކީ އަސްކަރީ ބައެއް ހަތިޔާރާއި ވަސީލަތްތަކުގެ ގޮތުން އެމެރިކާއަށް ވުރެ ޗައިނާ ވަނީ އެޑްވާންސް ވެ ޒަމާނީ ވެފައެވެ. އެމެރިކާ ސިފައިންގެ ކޮމާންޑްތައް އަލުން ރީސްޓްރަކްޗަރ ކުރުމުގެ ޕްލޭންގައި ހިމެނޭ ދެވަނަ ކަމަކީ އެމެރިކާ ސިފައިންގެ އޮފްސަރުންގެ ތެރޭގައި ހިމެނޭ 4 ތަރީގެ ޖެނެރަލުންގެ އަދަދު މަދު ކުރުމެވެ. އެމެރިކާ ސިފައިންގެ އޮފްސަރުންގެ ތެރޭގައި ހިމެނޭ 4 ތަރީގެ ޖެނެރަލުންގެ ގިނަމީހުންނަކީ އުމުރުން ދުވަސްވީ މީހުންކަމަށް ވުމުގެ އިތުރުން އެމީހުންގެ ފަރާތުން އަސްކަރިއްޔާއަށް ލިބޭ ފައިދާއަށްވުރެ އެމީހުންނަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުބައެއްކަމަށް ޕެންޓަގަން އިން ދެކެއެވެ. އެހެންކަމުން ހަތަރު ތަރީގެ ޖެނެރަލުންގެ އަދަދު މަދުކުރުމަށްޓަކައި ރިވެތި ގޮތުގައި ރިޓަޔާ ކުރުމަށް އެމީހުންނަށް ބާރުއެޅުން މި ޕްލޭންގައި ހިމެނެއެވެ. އެމެރިކާގެ ހަނގުރާމައާބެހޭ ވަޒީރު ޕިޓް ހެގްސެޓް ވަނީ އެމެރިކާ ސިފައިންގެ ގިނަ އޮފްސަރުން ބަނޑުލައި ފިޓްކަން ގެއްލިފައިވާކަމަށް ވިދާޅުވެ އެބޭފުޅުންނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މިމައްސަލާގައި އެމެރިކާ ސިފައިންގެ ކުރީގެ އިސް އޮފްސަރުން ގެ ފާޑުކިޔުންތައް ހެގްސެޓް އަށްވަނީ އަމާޒުވެގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ