މާލިއްޔަތު ގާނޫނާއި ގަވާއިދުތަކަށް ރިއާޔަތްކޮށް މިދިޔަ މަހުގެ ކުރީކޮޅު ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުތައް ބަހާލި ގޮތް، އދ. އިން ބަލާ ސަރުކާރުތަކުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކުގެ މިންގަނޑަށް ފެތޭ ކަމަށް ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު 6، ގައި ސަރުކާރުން ބޮޑު ހަފުލާއެއް ބާއްވާ ރައީސް މުހައްމަދު މުއިއްޒުގެ ވައުދު ފުއްދުމަށްޓަކައި 206 ޕްރޮޖެކްޓެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރީ ބީލަމަކަށް ނުލައި، އަދި އެއްވެސް ހާމަކަމެއް ނެތި އެވެ. މިކަމާއި ގުޅިގެން އޭރު ވެސް ޒަރިޔަންދު ކަންބޮޑުވުން ފާޅުކުރި އެވެ.
އޭނާގެ ކަންބޮޑުވުންތައް އަލުން ތަކުރާރުކުރެއްވީ މުއިއްޒު ގަލޮޅު ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. އެގޮތުން މަޝްރޫއުތައް ހަވާލުކުރި ބައެއް ކުންފުނިތަކަކީ އުވާލުމުގެ މަރުހަލާގައި ހުރި އަދި ކޮންސްޓްރަކްޝަން ކުންފުނިތައް ރޭޓުކުރާ ރޭންކިން އިން ދަށުގައި ހުރި ކުންފުނިތައްކަން އޭނާ ފާހަގަކުރި އެވެ.
އަދި، މި މަޝްރޫއުތައް ބަހާލުމަށް މަގުފަހިކުރުމުގެ ގޮތުން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނައި ބަދަލުތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކެއްގެ ގޮތުގައި ޒަރިޔަންދު ވަނީ ސިފަކުރައްވާފަ އެވެ. އެ ބަދަލުތައް އަލުން މުރާޖައާ ކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
މީގެ މާނައަކީ މަޝްރޫއުތައް ކުރިއަށް ނުގެންދާން ގޮވާލުން ނޫން ކަމަށް ވިދާޅުވެ ޒަރިޔަންދު ވަނީ އޭނާގެ ހުށަހެޅުމަކީ މިއަށްވުރެ ރަނގަޅަށް މަޝްރޫއުތައް ހަވާލުކުރެވޭނެ ގޮތަށް ގަވާއިދު އިސްލާހުކުރުން ކަން ފާހަގަކުރައްވާފަ އެވެ.
"އެހެން މި ދަންނަވަނީ. ޔޫއެން އޯޑީސީގަ ކޮރަޕްޝަން މާނަކޮށްފަ އޮންނަ އޮތުމުގަ، ސަރުކާރުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނަށް ފެތޭ ގޮތަށް މިކަން މި ގޮސްފަ މިއޮތީ،" ޒަރިޔަންދު ވިދާޅުވި އެވެ.
މިކަން މުއިއްޒު އަދި ބަންޑާރަ ނައިބު ރަނގަޅަށް ބައްލަވަން ޖެހޭ ކަމަށާއި މިއީ މާލީ ގޮތުން ކުރިއަށް އޮތް ޖީލުތަކަށް ލިބިދާނެ ބޮޑު ގެއްލުމަކުން ގައުމު ސަލާމަތް ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޒަރިޔަންދު ސިފަކުރެއްވި އެވެ.
މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މާލިއްޔަތު ގަވާއިދުގެ 10.22 ވަނަ މާއްދާ ހަތަރު ފަހަރު ބަދަލުކޮށްފައިވާ ކަމަށާއި ބަދަލު ގެނައީ ބިޑަކާއި ނުލާ ކެބިނެޓުން ބޭނުންވާ ފަރާތަކަށް މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ކަމަށާއި، ތަޖުރިބާއެއް ނެތް ފަރާތްތަކަށް ވެސް އަގުބޮޑު ޕްރޮޖެކްޓުތައް ހަވާލު ކުރެވޭ ގޮތަށް ކަމަށް ޒަރިޔަންދު ނޮވެމްބަރު މަހު މި ނޫހާއި ވާހަކަދައްކަވަމުން ވިދާޅުވި އެވެ.
އެ ބަދަލާއެކު މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތަކުން ވެސް ގެރެންޓީއެއް ބަހައްޓާކަށް ނުޖެހެ އެވެ. ނަމަވެސް މިފަހަރު 206 ޕްރޮޖެކްޓު ބަހާލި 53 ކުންފުންޏަށް ވެސް މަޝްރޫއުގެ އަގުގެ 15 ޕަސެންޓަށް ވާ ފައިސާ އެޑްވާންސްގެ ގޮތުގައި ދެއެެވެ.
މިއީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހިންގާ ޕްރޮޖެކްޓުތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް ހަގީގަތަކީ މި މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރީ، ބީއެމްއެލް މެދުވެރިކޮށް ކުންފުނިތަކަށް 9 ޕަސެންޓު އިންޓަރެސްޓުގައި ލޯނު ހަމަޖައްސައިފަ އެވެ. ކުންފުނިތަކަށް ލޯނު ނުދެއްކިއްޖެ ހާލަތެއްގައި އެ ފައިސާ ވެސް ދައްކަން ޖެހޭނީ ސަރުކާރުންނެވެ.
މިދިޔަ މަހު އަމިއްލަ 53 ކުންފުންޏަކާ ހަވާލުކުރި 206 މަޝްރޫއުގެ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ސަރުކާރާ ގުޅުން ހުރި ފަރާތްތަކާ އެވެ. އޭގެ ތެރޭގައި ޕީއެންސީއަށް ނިސަބަތްވާ މަޖިލީހުގެ ފަސް މެންބަރެއްގެ ކުންފުނިތަކަށް 746 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވެ އެވެ.
ސަރުކާރުތަކުން ރާވައިގެން ހިންގާ ކޮރަޕްޝަން ކަމަށް އދ. އިން ބަލާ މިންގަނޑަށް މަޝްރޫއުތައް ބަހާލުން ފެތޭ: ޒަރިޔަންދު ސަރުކާރުތަކުން ރާވައިގެން ހިންގާ ކޮރަޕްޝަން ކަމަށް އދ. އިން ބަލާ މިންގަނޑަށް މަޝްރޫއުތައް ބަހާލުން ފެތޭ: ޒަރިޔަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ