ގެދޮރުވެރިޔާ ފްލެޓުގެ އެޑްވާންސް ކަނޑާލައި ކުލި ކުޑަކޮށްދޭން އެދިއްޖެ ގެދޮރުވެރިޔާ ފްލެޓުގެ އެޑްވާންސް ކަނޑާލައި ކުލި ކުޑަކޮށްދޭން އެދިއްޖެ

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ގެދޮރުވެރިޔާ ފްލެޓުތަކުގެ އެޑްވާންސް ޕޭމަންޓު ކަނޑާލައި ކުލި ކުޑަކޮށްދިނުމަށް ރައީސް މުހައްމަދު މުއިއްޒުގެ އަރިހުން ގަލޮޅަށް ނިސްބަތްވާ ބައެއް ރައްޔިތުން އެދިއްޖެ އެވެ.
ގެދޮރުވެރިޔާގެ ދެ ކޮޓަރީގެ ފްލެޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15000ރ. ދައްކަންޖެހޭއިރު، ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 25000ރ. އެވެ.
ގަލޮޅު ރައްޔިތުންނާ ބައްދަލުކުރުމަށް އިމާދުއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކި ބައެއް ރައްޔިތުން ވަނީ އެޑްވާންސަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ހުރި ކަމަށް މުއިއްޒުގެ އަރިހުގައި ދަންނަވާފަ އެވެ.
"ހުޅުމާލޭގައި އެޅި ސޯޝަލް ހައުސިން ޔުނިޓްސްގެ ނުނަގާ ވަރުގެ ބޮޑު ކުއްޔެއް އެނގޭތޯ މި ސަރުކާރުން މި ހަމަޖެއްސީ. އަދި 11 ގެ ފަހުން ވެސް މި ނަގަނީ އިތުރު 2،500 ރުފިޔާ ނަގާފައި،" ރައްޔިތަކު ބުންޏެވެ.
އެ ސްކީމުގެ ދަށުން ދޫކުރާ ދެ ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 7000ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 1000ރ. އެވެ. ތިން ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 9000ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 1500ރ. އެވެ.
"ސޯޝަލް ހައުސިންއަށް 10،500 ރުފިޔާ ދައްކާފައި، ފެނާއި ކަރަންޓާ ދައްކާފައި ޒަރޫރީ ކަންކަން ކޮށްފައި އަޅުގަނޑުމެން އަނގަޔާ އަތާ ދިމާނުވޭ އިނގޭތޯ ރައީސް. ވަރަށް ބޮޑަށް އެދެން 25،000 އެޑްވާންސް ކަނޑާލައި 10،500 އަށްވުރެ ކުލި ކުޑަކޮށްދިނުމަށް،" އެ ބައްދަލުވުމުގައި ވާހަކަ ދެއްކި ރައްޔިތަކު ބުންޏޭވެ.
އެއީ ކޮންމެ މަހެއްގެ ވެސް 10 ގެ ކުރިން ކުލި ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އަދަދެވެ. 10 އަށްވުރެ ފަހުން ކުލި ދައްކާ ނަމަ އެއަށްވުރެ ކުލި ބޮޑުވާނެ ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންނަށް އެ ތަންތަން ސަރުކާރުން ހަވާލު ކުރަނީ 25 އަހަރުދުވަސް ވަންދެން އެފްޑީސީއަށް ކުލި ދެއްކުމުން މިލްކުވާ ގޮތަށެވެ. އެގޮތަށް އަމަލު ކުރަނީ ކުލި ނުދައްކާ މީހުންނާމެދު ފިޔަވަޅު އަޅަން ފަސޭހައަކަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ