ސާނަވީ އަދި މަތީ ސާނަވީ ފެންވަރުގައި ކިޔަވައިދިނުމަށް ބޭނުންވާ ގާބިލް، ދެ މާއްދާއިން ހާއްސަވެފައިވާ ޓީޗަރުން ބިނާކުރުމަށް ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް
ސްޓަޑީޒުން އައު
ތިން ޕްރޮގްރާމެއް ތައާރަފް ކޮށްފި އެވެ.
އެ ތިން ޕްރޮގްރާމަކީ ވެސް މެތެމެޓިކްސްއާއެކު ދެ މާއްދާއަކުން މުދައްރިސުން ތަމްރީނު ކުރުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. އެގޮތުން އެމްއެންކިއުއެފް ލެވަލް 7 ގެ އާ ތިން ޕްރޮގްރާމްގެ ގޮތުގައި އެ ކޮލެޖުން ތައާރަފް ކުރި ޕްރޮގްރާމްތަކަކީ:
ވިލާ ކޮލެޖުން ބުނީ ސްކޫލްތަކުގައި މެތެމެޓިކްސްއާއެކު އެކައުންޓިން އާއި ފިޒިކްސް އަދި ކޮމްޕިއުޓަ ސައިންސް ފަދަ މާއްދާތައް ކިޔަވައިދިނުމަށް ގާބިލު ހާއްސަ މުދައްރިސުން ބޭނުންވާ މިންވަރު މިހާރު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، އެ ތިން ޕްރޮގްރާމް ފަރުމާކޮށްފައި ވާނީ ދެ މާއްދާއަކުން އެއްފަހަރާ
މުދައްރިސުންގެ
ގޮތުގައި ތަމްރީނު ވެވޭނެ ގޮތަށް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖުން ބުނީ އެ ޕްރޮގުރާމުތަކަކީ މާއްދާގެ އިލްމާއި
ކިޔަވައިދިނުމުގެ ފަންނު އެއްކޮށްލައިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކެއް ކަމަށާއި އަދި އެއީ މިއީ ކިޔަވައިދިނުމުގެ ނަޒަރިއްޔާތުތަކާއި ތަފާތު އުކުޅުތަކާއި
ސްޓްރެޓެޖީތަކުގެ އިތުރުން، ޑިޖިޓަލް ޓެކްނޮލޮޖީ އަދި އޭއައި ކިޔަވާދިނުމުގައި ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދޭނެ ކޯހެއް ކަމަށް ވެސް ވިލާ ކޮލެޖުން ބުންޏެވެ.
މީގެ އިތުރުން ދަރިވަރުންގެ މަތީ ދަރަޖައިގެ ވިސްނުމާއި މުވާސަލާތުގެ
ހުނަރު ތަރައްގީ ކުރުމުގެ ފަންނުތަކާއެކު، ދަރިވަރުންގެ މެދުގައި
ހުންނަ ތަފާތުތަކަށް އިސްކަންދީގެން
ކިޔަވައި ދިނުމާއި އަދި ރިފްލެކްޓިވް ޓީޗިން ބޭނުންކޮށްގެން
އުނގެނުމާއި އުނގަންނައި ދިނުން ބައްޓަން ކުރުމަށް އެ ޕްރޮގްރާމްތަކުން ބާރުއަޅާނެ ކަމަށް ވެސް ވިލާ ކޮލެޖުން ބުންޏެވެ. އަދި އެ ޕްރޮގްރާމުން ދެމެހެއްޓެނިވި ގޮތެއްގައި
ކަންކަން ކުރުމުގެ އިލްމާއި ހުނަރަށް ވެސް އެ ޕްރޮގްރާމުތަކުގެ ތެރެއިން އަހުލުވެރި ކުރުވާނެ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.
ޕްރޮގުރާމުތަކުގެ ތަފްސީލުތައް
ބެޗެލަ އޮފް ޓީޗިން އިން މެތެމެޓިކްސް އެންޑް އެކައުންޓިން
އެ ކޯހުގައި ހިމެނެނީ ކެލްކިއުލަސް އަލްޖެބްރާ އަދި ސްޓެޓިސްޓިކްސް އެންޑް މެކޭނިކްސް ފަދަ
މެތެމެޓިކްސްގެ މައިގަނޑު މާއްދާތަކުގެ އިތުރުން ޕްރިންސިޕަލްސް އޮފް
އެކައުންޓިން އާއި އިންޓްރޮޑަކްޝަން ޓު މެނޭޖްމަންޓް އެކައުންޓިން އާއި ފައިނޭންޝަލް
އެކައުންޓިން އާއި ފައިނޭންޝަލް ރިޕޯޓިން އާއި އެޑްވާންސްޑް މެނޭޖްމަންޓް އެކައުންޓިން އަދި ސްޓްރެޓީޖިކް ކޯޕަރޭޓް ރިޕޯޓިން ފަދަ އެކައުންޓިން ދާއިރާގެ މާއްދާތަކެވެ. މީގެ އިތުރުން، "ޓީޗިން އެންޑް ލާނިން މެތެމެޓިކްސް" އަދި "ޓީޗިން އެންޑް ލާނިން އެކައުންޓިން" ފަދަ ހާއްސަ ޕެޑަގޮޖީ މޮޑިއުލްތައްވެސް ހިމެނެ އެވެ.
ބެޗެލަ އޮފް ޓީޗިން އިން މެތެމެޓިކްސް އެންޑް ފިޒިކްސް
އެ ކޯހުގައި ހިމެނެނީ މެތެމެޓިކްސްގެ މާއްދާތަކުގެ އިތުރުން އިންޓްރޮޑަކްޝަން ޓު
ފަންޑަމެންޓަލްސް އޮފް ފިޒިކްސް އާއި ޑައިނަމިކްސް އެންޑް ނިއުޓޯނިއަން ލޯސް އާއި ޕްލެނެޓަރީ މޯޝަން އާއި އޮޕްޓިކްސް އެންޑް ސައުންޑާއި އިލެކްޓްރިސިޓީ އެންޑް
މެގްނެޓިޒަމާއި ޕާޓިކަލް ފިޒިކްސް އެންޑް ރިލެޓިވިޓީ އަދި ތާމޯޑައިނަމިކްސާއި މެޓާ އެންޑް އެސްޓްރޯފިޒިކްސް ފަދަ ފިޒިކްސް ދާއިރާގެ މުހިންމު މާއްދާތަކެވެ. އަދި ލެބޯޓަރީ ހުނަރުތަކާއި ފިޒިކްސް ދާއިރާގެ އަމަލީ
ފަންނުތައް ދަސްވާނެ ގޮތަށް ފަރުމާކޮށްފައިވާ އެ ޕްރޮގްރާމްގައި ވެސް،
"ޓީޗިން އެންޑް ލާނިން މެތެމެޓިކްސް" އަދި "ޓީޗިން އެންޑް
ލާނިން ފިޒިކްސް" ފަދަ ހާއްސަ މޮޑިއުލްތައް ހިމެނެ އެވެ.
ބެޗެލަ އޮފް ޓީޗިން އިން މެތެމެޓިކްސް އެންޑް ކޮމްޕިއުޓަ ސައިންސް
އެ ކޯހުގައި ހިމެނެނީ މެތެމެޓިކްސްގެ މާއްދާތަކުގެ އިތުރުން ޑޭޓާބޭސް މެނޭޖްމަންޓް ސިސްޓަމާއި އިންޓްރޮޑަކްޝަން ޓު ނެޓްވޯކްސާއި އާޓިފިޝަލް އިންޓެލިޖެންސް ފޯ ސައިބަ ސެކިއުރިޓީ އާއި ހިއުމަން ކޮމްޕިއުޓަ އިންޓަރެކްޝަނާއި ސޮފްޓްވެއަ އިންޖިނިއަރިން ޕްރިންސިޕަލްސް އަދި ސެކިއޯ ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފަދަ ކޮމްޕިއުޓަރ
ސައިންސް ދާއިރާގެ މާއްދާތަކެވެ. އޭގެ އިތުރުން "ޓީޗިން އެންޑް ލާނިން މެތެމެޓިކްސް" އަދި "ޓީޗިން އެންޑް
ލާނިންގ ކޮމްޕިއުޓަ ސައިންސް" ފަދަ ހާއްސަ ޕެޑަގޮޖީ މޮޑިއުލްތައް ވެސް މި
ޕްރޮގްރާމުގައި ހިމެނެ އެވެ.
އެއީ ތިން އަހަރު ދުވަހުގެ ޕްރޮގްރާމްތަކެކެވެ. އެ ޕްރޮގްރާމްތައް ކިޔެވޭނީ ކޮލެޖަށް ހާޒިރުވެގެންނެވެ. އަދި އެ ޕްރޮގްރާމްތަކުގައި، ދެވަނަ އަހަރު ނިމުމުން "އެޑްވާންސްޑް ޑިޕްލޮމާ އޮފް ޓީޗިން" ސެޓްފިކެޓް ލިބޭނެ އެވެ. އަދި ދެ ފަހަރެއްގެ މަތިން ސްކޫލްތަކުގައި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ "ޓީޗިން ޕްރެކްޓިކަލް" ބައި ވެސް އެ ޕްރޮގްރާމްގައި ހިމެނެ އެވެ.
އެ ޕްރޮގްރާމާ ގުޅޭގޮތުން ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ޑީން އަބްދުއްސައްތާރު ގާސިމް ވިދާޅުވީ އެ ތިން ޕްރޮގްރާމަކީ ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ
މާއްދާތަކަށް
ހާއްސަ މުދައްރިސުން ތައްޔާރުކުރަން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މެތެމެޓިކްސްއާއެކު
އެކައުންޓިން އާއި ފިޒިކްސް އަދި ކޮމްޕިއުޓަ ސައިންސް ފަދަ މާއްދާތަކުން ގާބިލް މުދައްރިސުން ބިނާވުމުން ސާނަވީ އަދި މަތީ ސާނަވީ މަރުހަލާތަކުގައި ކިޔަވާދިނުމުގެ ފެންވަރު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ ވައިސް ރެކްޓަ ޑރ. އަލީ ނަޖީބު އަލަށް ތައާރަފްކުރި ތިން ޕްރޮގުރާމާއި ގުޅޭގޮތުން ވިދާޅުވީ އެއީ މުދައްރިސުން ތަމްރީން ކުރުމުގެ ފުރުސަތު އިތުރުކުރަން ވިލާ ކޮލެޖުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ. އަދި ދިވެހި ދަރިވަރުންނަށް ފެންވަރު ރަނގަޅު ފުރުސަތުތައް ރާއްޖޭގައި ތިބެގެން ފަހިކޮށްދިނުމަކީ ވިލާ ކޮލެޖުގެ މުހިންމު އަމާޒެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ އިންޓޭކުގައި އެ ތިން ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި އެ ޕްރޮގްރާމްތަކާ ގުޅޭ މައުލޫމާތާއި ފުރިހަމަ ވާންޖެހޭ ޝަރުތުތައް އެ ކޮލެޖުގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.
ވިލާ ކޮލެޖްގައި ޓީޗިން ދާއިރާއިން ޑިގްރީގެ އާ ތިން ޕްރޮގްރާމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ