މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން މޯލްޑިވްސް ޕޯޓްްސް ލިމިޓެޑު (އެމްޕީއެލް) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ އިއްޔެ ހަވާލުކޮށްފި އެވެ.
އެމްޕީއެލްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ބައިނަލްއަގުވާމީ މުދާ އުފުލާ ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަ 14.6 މީޓަރު ފުން، 375 މީޓަރު ދިގު ކީ ވޯލްއެއް ހެދުމާއި ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ހާއްސަ 5 މީޓަރު ފުން، 820 މީޓަރު ދިގު ކީ ވޯލްއެއް ހެދުން ހިމެނެ އެވެ.
Yes Maldives Pvt Ltd
MU STORE
MU STORE
Enterprise Development Industrial Pvt Ltd
ސީއެޗްއީސީއާ މި މަސައްކަތް ހަވާލުކުރިއިރު، އެ ބަނދަރުގެ ފުރަތަމަ ފިޔަވަހި ފަރުމާކުރުމުގެ މަސައްކަތް ވެސް ހަވާލުކުރީ އެ ކުންފުންޏާ އެވެ. ސީއެޗްއީސީއަކީ ބަނދަރު ތަރައްގީ ކުރުމާއި މެރިން އިންޖިނިއަރިންގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޕްރޮޖެކްޓުތަކެއް ނިންމާފައިވާ ގާބިލު ކުންފުންޏެކެވެ.
އެމްޕީއެލްއިން ވަނީ ސީއެޗްއީސީއާ އެކީ ސޮއިކުރި އެއްބަސްވުމުގެ ދަށުން ތިލަފުށީ ބަނދަރުގެ އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، މުދާ އުފުލުމާއި ބޭލުމުގެ ނިޒާމު މިހާރަށް ވުރެ ހަލުވި އަދި ފަސޭހަ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށް ބުނެފަ އެވެ.
މީގެ ކުރިން އެމްޕީއެލްއިން ވަނީ ބަނދަރުގެ އެހެން މަސައްކަތްތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ވެސް ހަވާލުކޮށްފަ އެވެ. މިދިޔަ މަހުގެ 1 ވަނަ ދުވަހު ދެ ކުންފުނީގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން 100 މީޓަރުގެ ޑޮމެސްޓިކް ކީ ވޯލްއަކާއި ތިން ހެކްޓަރުގެ ސަރަހައްދެއް ޕޭވް ކުރަން ހަވާލުކޮށްފަ އެވެ.
ބައިބަޔަށް ބަހާލައިގެން ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރަމުން އަންނައިރު، އަންނަ އަހަރުގެ ނޮވެމްބަރު 11 އަށް މި ބަނދަރު ބޭނުންކުރަން ފަށާނެ ކަމަށް މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ތިލަފުށީ ވިޔަފާރި ބަނދަރުގެ މަސައްކަތް އެއްކޮށް ނިމޭއިރު، އެމްޕީއެލްއިން ބުނަނީ، އެ ބަނދަރުގައި 1000 މީޓަރަށް ވުރެ ދިގު އިންޓަނޭޝަނަލް ކީ ވޯލްއަކާއި މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓު ހާބަރު ބޭނުންކުރާ އުޅަނދުފަހަރަށް ހާއްސަކޮށްގެން 2000 މީޓަރަށް ވުރެން ދިގު ކީވޯލް ހިމެނޭ ގޮތަށް ޑޮމެސްޓިކް ޓާމިނަލްއެއް ހުންނާނެ ކަމަށެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި ތިލަފުށީ މަޝްްރޫއުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ، ޒަމާންވީ މުހިންމު އެތައް މައްސަލައަކަށް ހައްލު ހޯދައި ދިނުމާއި، ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސް ދާއިރާއަށް އަންނަ ކުރިއެރުމާއި އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.
އެ ގޮތުން މި މަޝްރޫއު ނިމި، ތިލުފުއްޓަށް ވިޔަފާރި ބަނދަރު ކުރުމުން މިހާރު ބޭނުންކުރަމުން އަންނަ 40 އަހަރު ވާން ގާތްވެފައިވާ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
ހަމަ އެހެންމެ، ބޭރު އެންކަރުގައި ބާއްވައިގެން ކޮންޓޭނަރުތައް ބާލަން ހިންގާ ގިނަ ވަގުތު ހޭަދަވާ، އުނދަގޫ އަދި ހަރަދު ބޮޑު އޮޕަރޭޝަންތައް ހުއްޓާލެވޭނެ ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ. އަދި ތިލަފުށީ ބަނދަރުގައި ބަހައްޓާ ކޮންޓޭނަރު ބޭލުމުގެ މަސައްކަތަށް ހާއްސަ ކެރޭނުތަކާއެކީ، އޮޕަރޭޝަނަށް ބުރޫއަރާ މައްސަލަ ހައްލުކުރުމާއެކީ މުދާ ބާލަން ހޭދަވާ ވަގުތު ކުޑަކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލްއިން ގަބޫލުކުރަނީ އާ ބަނދަރުގެ އިންފްރާސްޓްރަކްޗަރާއި ޒަމާނީ ވެއާހައުސްތައް ފަދަ ވަސީލަތްތަކާއެކީ ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި މުދާ ކްލިއާކުރުމުގެ އޮޕަރޭޝަންތައް ލުއިފަސޭހަ ވުމާއި މިހާރު އަންނަ ވަރަށް ވުރެ ބޮޑެތި ބޯޓު ފަހަރު އައުމުން ފްރައިޓުގެ އަގު ކުޑަވެ، މުދަލުގެ އަގު ހެޔޮވުން ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި، މިއީ އިމްޕޯޓަރުންނާއި ޝިޕިން ލައިންތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.
ތިލަފުއްޓަށް އޮޕަރޭޝަންތައް ބަދަލުކުރުމުގެ އެމްޕީއެލްއިން ވަނީ އެ ތަނުގައި ކޮންޓެއިނަރު ބަހައްޓަން ލޯކަލް ކޮންޓެއިނަރު ޑީޕޯއެއް ހަދާފަ އެވެ. އަދި މި ފަހުން އެ ކުންފުނިން ވަނީ ކުދި ބޯޓު ފަހަރަށް ތިލަފުށިން ކޮންޓޭނަރު ލޯޑުކުރުމުގެ ޓްރަޔަލްތައް ވެސް ކާމިޔާބުކަމާއެކު ނިންމާލާފަ އެވެ.
ތިލަފުށީ ވިޔަފާރި ބަނދަރުގެ ކީ ވޯލްގެ ބައިތަކެއް ހަދަން ސީއެޗްއީސީއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ