އެމްޓީސީސީ ކަޓުވާލުމަށްފަހު އާރުއާރުސީ ޖެހިޖެހިގެން ހަތަރުވަނަ ފައިނަލަށް

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) ދަތުރުކޮށްފިއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގެ ފައިނަލުގެ ޖާގައެއް މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އާރްއާރްސީން ހޯދިއިރު، މިއީ އެ ޓީމުން ޖެހިޖެހިގެން ފައިނަލަށް ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. އާރްއާރްސީން ވަނީ 2021 ވަނަ އަހަރު ފުރަތަމަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އޭގެ ފަހުން 2023 އަދި 2024 ވަނަ އަހަރުގެ ފައިނަލުގައި ކުޅެ، ކުލަބު ވެމްކޯ އަތުން ބަލިވި ނަމަވެސް، މިދިޔަ އަހަރު ވަނީ އަނެއްކާވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) ދަތުރުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ އާރްއާރްސީން ފައިނަލުގެ ފަހު ޖާގަ ހޯދީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ސެމީ ފައިނަލުގައި ކުލަބު އެމްޓީސީސީ އަތުން 4-3 ނަތީޖާއަކުން މޮޅުވެގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އާރްއާރްސީގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު އަފްލާޒް، ޝަނާން ރަޝާދު، އާދަމް ނާސިހު އަދި މޮހްސެން މޮންތަޒޭމީއެވެ. މި މެޗުގައި އެމްޓީސީސީގެ ބްރެޒިލް ކުޅުންތެރިޔާ ނަތަން ސޯރެސް ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑު ޖަހައިދިނީ މުޙައްމަދު އިސާމެވެ. މި މުބާރާތުގެ ފައިނަލުގައި އާރްއާރްސީ ނުކުންނާނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓިއޯ ރެކްރިއޭޝަން ކުލަބާ ދެކޮޅަށެވެ. މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އެސްޓީއޯއިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި ކުލަބު އެޗްޑީސީ އަތުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) ދަތުރުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައިވެސް ވާދަކޮށްފައިވަނީ އެސްޓީއޯ އާއި އާރްއާރްސީއެވެ. އެ ފަހަރު ފައިނަލުގައި 7-5 އިން އެސްޓީއޯ ބަލިކޮށް، އާރްއާރްސީން ވަނީ ދެވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލާފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރޭ 21:00 ގައެވެ. މި މެޗު އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ