ޓީޖީއެސްޓީ އާމްދަނީ އިތުރުވެއްޖެ، 6.7 ބިލިއަން ލިބުނު

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކުރި ރިޕޯޓުން ދައްކާ ގޮތުގައި، ދައުލަތަށް ލިބުނު ޓީޖީއެސްޓީ އާމްދަނީ އިތުރުވެ، ސަބްސިޑީ އާއި ކައުންސިލްތަކަށް ދޭ ގްރާންޓުގެ ޚަރަދު ބޮޑުވެއްޖެއެވެ. މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެކުލަވާލައި އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައި ބުނެފައިވާ ގޮތުން، މިއަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުވުމަށް މަގުފަހިވި އެންމެ މުހިންމު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) އެވެ. ފާއިތުވެދިޔަ ހަފުތާގެ ތެރޭގައިވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މި ޓެކުހުންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިއަހަރުގެ އެހާތަނަށް 6.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 6.2 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 475 މިލިއަން ރުފިޔާ ނުވަތަ 7.7 އިންސައްތައިގެ ކުރިއެރުމެކެވެ. ޓީޖީއެސްޓީ އާއި އާންމު ޖީއެސްޓީ ހިމެނޭހެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްގެ ޖުމްލަ އާމްދަނީ ވަނީ 9.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 799.2 މިލިއަން ރުފިޔާ ނުވަތަ 9.0 އިންސައްތައިގެ އިތުރުވުމެކެވެ. ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު -- ފޮޓޯ: ރައީސް އޮފީސް މީގެ ތެރެއިން އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ކުރީ އަހަރުގެ 2.7 ބިލިއަން ރުފިޔާއިން 3.0 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 12.1 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތަށް ލިބުނު ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 17.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 15.8 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 1.8 ބިލިއަން ރުފިޔާ ނުވަތަ 11.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 23.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ 438.8 މިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ 2025 ވަނަ އަހަރު ލިބުނު 190.5 މިލިއަން ރުފިޔާއާ އަޅައި ބަލާއިރު 248.4 މިލިއަން ރުފިޔާ ނުވަތަ 130.3 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް ޓެކްސް ނޫން އާމްދަނީ ވަނީ 5.1 ބިލިއަން ރުފިޔާއިން 4.9 ބިލިއަން ރުފިޔާއަށް ނުވަތަ 2.9 އިންސައްތަ ދަށްވެފައެވެ. ޚަރަދުގެ ބަޔަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 24.5 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ 20.3 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 4.2 ބިލިއަން ރުފިޔާ ނުވަތަ 21.0 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރާ ޚަރަދުތަކާއި ޕޭ ހާމަނައިޒޭޝަންގެ ސަބަބުން މުސާރައަށް ކުރާ ޚަރަދުތައް އިތުރުވެފައިވާތީ، ހިނގަމުންދާ ޚަރަދު (ރިކަރަންޓް އެކްސްޕެންޑިޗާ) ވަނީ 20.8 އިންސައްތަ އިތުރުވެ 21.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ކެޕިޓަލް ޚަރަދުތައް ވަނީ 22.1 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި ޚަރަދުގެ ބައިން އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަށެވެ. ކައުންސިލްތަކަށް ދޫކުރި ގްރާންޓުގެ ޖުމްލަ 1.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅައި ބަލާއިރު 200.5 މިލިއަން ރުފިޔާ ނުވަތަ 16.0 އިންސައްތައިގެ އިތުރުވުމެކެވެ. އައްޑޫ ސިޓީ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް މި ފައިސާއަކީ ލާމަރުކަޒީ އުސޫލުން ޚިދުމަތް ދިނުމަށާއި ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ ހޭދައެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން، ސަބްސިޑީއަށް ކުރި ހޭދަ ވަނީ 3.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރުގެ 1.7 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 1.4 ބިލިއަން ރުފިޔާ ނުވަތަ 86.3 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. ކައުންސިލް ގްރާންޓާއި ސަބްސިޑީއަށް ކުރި ޖުމްލަ ހޭދަ 4.6 ބިލިއަން ރުފިޔާއަށް އަރާފައިވުމީ، ލާމަރުކަޒީ ނިޒާމަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި މުއްދަތުގެ ބަޖެޓް ޑެފިސިޓް ހުރީ 1.5 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި 817.3 މިލިއަން ރުފިޔާގެ ސާޕްލަސްއެއް އޮތް އޮތުމާ އަޅައި ބަލާއިރު ބޮޑު ބަދަލެކެވެ. ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓްރެސްޓުގެ ޚަރަދު ނުހިމަނައި ބަލާއިރު ޕްރައިމަރީ ބެލެންސް އަދިވެސް އޮތީ 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ