ރިޑަންޑަންސީ ޕޮލިސީގެ ތެރެއިން އަމިއްލައަށް ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ ދިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން މިހެން ވިދާޅުވީ ފެނަކައިގެ ރިޑަންޑަންސީ ޕޮލިސީގެ ތެރެއިން އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންނާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.
ފެނަކައިގެ ނޫސްބަޔާނުގައި ވިދާޅުވީ އެ ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތުގެ ދަށުން މުވައްޒަފުން ދޫކޮށްލަން ޖެހުނު ޙާލަތުގައި އުޞޫލެއް އެކަށައަޅައި، އަމިއްލައަށް ވަކިވުމުގެ ފުރުޞަތު މުވައްޒަފުންނަށް ހުޅުވާލީ މުވައްޒަފުން ޝަރަފުވެރިކަމާއެކު އިނާޔަތަކާއެކީ ވަކިވުމުގެ ފުރުޞަތު ހޯދައި ދިނުމުގެ މަޤްޞަދުގަކަމަށެވެ. އަދި ކުންފުނީގެ މާލީ ޙާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ކުންފުނި ރައިޓްސައިޒް ކުރުމުގެ ގޮތުން ރިޑަންޑަންސީ އުޞޫލެއް ވަނީ އެކުލަވާލާފައިވާކަމަށް ފެނަކައިން ވިދާޅުވިއެވެ. މި އުޞޫލުގެ ދަށުން އިނާޔަތާއެކު އަމިއްލައަށް އެދިގެން ވަކިވުމުގެ ފުރުޞަތު މިދިޔަ ޖޫން މަހުގެ 2 ވަނަ ދުވަހު ހުޅުވާލިކަމަށާއި އެކަމުގެ ތަފްސީލްތައް އިންޓާނަލް މެމޯއަކުން އެންގިކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.
މި އުޞޫލުގެ ދަށުން 4 މަހުގެ މުސާރައާއެކު ވަކިވާން ބޭނުންވާ މުވައްޒަފުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ލިޔުމުން ހުށަހަޅުމުން އެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ ކުންފުންޏާއި އެ މުވައްޒަފާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންކަމަށް ފެނަކައިން ވިދާޅުވިއެވެ. އެގޮތުން 4 މަހުގެ މުސާރައާއެކު އަމިއްލައަށް ވަކިވާން އެދި ހުށަހެޅި މުވައްޒަފުންނާއެކު އެއްބަސްވުމެއް ހަދައި އެ އެއްބަސްވުންތަކާ އެއްގޮތަށް އެ މުވައްޒަފުންގެ 4 މަހުގެ މުސާރައަށްވާ ފައިސާ ދޫކޮށްފައިވަކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ.
ފެނަކައިން ވިދާޅުވީ އެކުންފުނިން މުވައްޒަފުންނަށް އޮޅުވާލާފައިވާކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުންނާއި އާއްމު ފަރާތްތަކުން މީޑިއާގެ އެކި މަންސަތަކުގައި ފަތުރަމުން ގެންދަނީ ޙަޤީގަތާ ޚިލާފު ވާހަކަތަކެއްކަމަށެވެ. އަދި އެ ކުންފުނިން އެކަށައަޅާ އުޞޫލަކާ ޚިލާފަށް ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުމެއްވާގޮތަށް އެ ކުންފުނިން އަމަލު ނުކުރާނެކަަމުގެ ޔަޤީކަންވެސް ވަނީ ދެއްވާފައެވެ.
މީގެ ކުރިން ފެނަކައިން ހާމަކޮށްފައިވާގޮތުން އަމިއްލައަށް އެދިގެން ވަކިވާން ހުޅުވާލި ފުރުސަތުގައި ވަޒީފާއިން ވަކިވުމަށް 108 މުވައްޒަފަކު ވަނީ ހުށަހަޅާފައެއެވެ.
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ