އެމެރިކާގެ ޓެކްސް ސިޔާސަތުގެ ސަބަބުން ޝީންއަށް 99 މިލިއަން ޑޮލަރުގެ ގެއްލުމެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެކްސް ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން މަޝްހޫރު ފާސްޓް ފެޝަން ކުންފުނި ޝީން އަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ސިންގަޕޫރުގައި މައި މަރުކަޒު ހުރި ނަމަވެސް ޗައިނާގައި އުފެދުނު ޝީންއިން ހާމަކުރި ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް 99 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ލިބުނު 395 މިލިއަން ޑޮލަރުގެ ސާފު ފައިދާއާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ.
މި މާލީ ހިސާބުތައް އާންމުކޮށްފައިވަނީ ހޮންކޮންގެ ހިއްސާގެ ބާޒާރަށް ނުކުތުމަށް އެ ކުންފުނިން ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ. ޝީން އިން ބުނި ގޮތުގައި އެމެރިކާއިން ޓެކްސް ބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި މުދަލުގެ އަގު ބޮޑުކުރުން ފަދަ ތަފާތު ފިޔަވަޅުތައް އެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ސަރުކާރުން ނިންމާފައި ވަނީ 800 ޑޮލަރަށްވުރެ އަގުހެޔޮ މުދަލުން ޑިއުޓީ މާފުކޮށްދޭ އުސޫލު އުވާލުމަށެވެ. މި ނިންމުމުގެ ސަބަބުން ޝީން އަދި ޓީމޫ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން އަގުހެޔޮކޮށް މުދާ ގަންނަ އެމެރިކާގެ ކަސްޓަމަރުންނަށް ވަނީ އޭގެ އަސަރުކޮށްފައެވެ.
އެމެރިކާގެ ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި މިގޮތަށް ޑިއުޓީ މާފުކޮށްދޭ އުސޫލުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ޓެކްސްއަށް މަކަރު ހެދުމާއި ނުރައްކާތެރި މަސްތުވާތަކެތި އެތެރެކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރެ އެވެ. މީގެ އިތުރުން އިރާނުގެ ހަނގުރާމައިގެ ސަބަބުން މުދާ ފޯރުކޮށްދިނުމުގައި ލަސްތަކެއްވެ، ހަރަދުތައް އިތުރުވެފައިވާ ކަމަށްވެސް ޝީން އިން ފާހަގަކުރެއެވެ. 
މި ހުރިހާ ގޮންޖެހުންތަކަކާއެކުވެސް ޝީންގެ ކަސްޓަމަރުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިއަހަރުގެ މާޗު މަހުގެ ނިޔަލަށް އެ ކުންފުނީގައި 281 މިލިއަން އެކްޓިވް ކަސްޓަމަރުން ތިބި އިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 16 ޕަސެންޓުގެ ކުރިއެރުމެކެވެ.
މި ކަސްޓަމަރުން ވަނީ އެއް ބިލިއަނަށްވުރެ ގިނަ އޯޑަރު ދީފަ އެވެ. ޝީން އިން މީގެ ކުރިން ނިއުޔޯކް އަދި ލަންޑަނުގެ ހިއްސާގެ ބާޒާރަށް ނުކުތުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން، މިހާރު ވަނީ ހޮންކޮންގްގައި ހިއްސާ ވިއްކުމުގެ ހުއްދަ ޗައިނާގެ ކަމާބެހޭ އިދާރާތަކުން ހޯދާފަ އެވެ.
ކުންފުނީގެ މާލީ ރިޕޯޓުގައިވާ ގޮތުން ފުރަތަމަ ކުއާޓަރުގައި ލިބުނު ގެއްލުމުގެ ތެރޭގައި އިންވެސްޓަރުންގެ ހިއްސާއަށް ގެނައި ބަދަލަކާ ގުޅިގެން ކަރުދާހުގައި ދައްކާ 328 މިލިއަން ޑޮލަރުގެ ގެއްލުންވެސް ހިމެނެ އެވެ. ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހޮންކޮންގްގެ ހިއްސާގެ ބާޒާރަށް ނުކުތުމަށް ތައްޔާރުވަމުންދާއިރު، އެމެރިކާ އާއި ޗައިނާގެ ދެމެދުގައި އޮތް ވިޔަފާރީގެ ނުތަނަވަސްކަމުގެ ސަބަބުން ކުންފުނީގެ މުސްތަގުބަލާ މެދު އަދިވެސް ވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ