އަންހެނުންނަށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން އުރަމަތީގެ ކެންސަރަކީ ދުނިޔޭގެ ނިސްބަތުން އެންމެ އާންމު އެއް ބާވަތެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ އަހަރަކު އަލަށް ކެންސަރު ޖެހޭ އަންހެނުންގެ ތިންބައިކުޅަ އެއްބަޔަކީ އުރަމަތީގެ ކެންސަރު ތަހައްމަލު ކުރާ މީހުންނެވެ. ދިވެހިރާއްޖޭގައި ވެސް މިއީ އެންމެ އާންމު އެއް ކެންސަރެވެ.
އުރަމަތީގެ ކެންސަރުން މުޅިން ރައްކާތެރިވެވޭނެ ވަކި ގޮތެއް އަދި ހޯދިފައި ނުވި ނަމަވެސް، ދިރިއުޅުމުގެ އާދަކާދަތަކަށް ގެނެވޭ ބަދަލުތަކެއްގެ ސަބަބުން މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުތަނުން ކުޑަކުރެވިދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
މި ބަލިން ރައްކާތެރިވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅަކީ ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމެވެ. މާބޮޑަށް ފަލަވުމަކީ އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވާ މައިގަނޑު އެއް ސަބަބެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު މަދުވެގެން 30 މިނެޓު ވަންދެން ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަކީ ނުވަތަ ކަސްރަތު ކުރުމަކީ ބަލީގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ. ހަފުތާއަކު މަދުވެގެން 150 މިނެޓުގެ އާދައިގެ ކަސްރަތު ނުވަތަ 75 މިނެޓުގެ ބަރު ކަސްރަތު ކުރުމަށް ސިއްހީ އިރުޝާދުތަކުގައިވެ އެވެ.
ކެއިންބުއިމުގެ އާދަތަކަށް ބަލާއިރު، މޭވާއާއި ފެހިކަން ގަދަ ފަތުގެ ބާވަތްތަކާއި، ގްރެއިންސް އަދި ފައިބަރު ގިނަ ކާތަކެތި ބޭނުންކުރުން މުހިންމެވެ. ހަމައެއާއެކު، ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތަކާއި، ހަކުރު ގިނަ ކާތަކެތި މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމާއި، ބަނގުރާ ބޭނުން ނުކުރުމަކީ ވެސް ކެންސަރުގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ. އޭގެ އިތުރުން، ދަރިންނަށް ގާތުން ކިރުދިނުމަކީ ހަށިގަނޑަށް އަންނަ ހޯމޯންގެ ބަދަލުތަކުގެ ސަބަބުން އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް ލިބޭ ބާރެކެވެ.
ބަލި ކުރީކޮޅު ދެނެގަތުމަކީ ފަރުވާ ކާމިޔާބުވުމުގެ އެންމެ ބޮޑު ސިއްރެވެ. އެހެންކަމުން، ގަވާއިދުން މެމޯގްރާމް ހެދުމާއި، އަމިއްލައަށް އުރަމަތީގައި އެއްވެސް ބަދަލެއް ނުވަތަ ގަނޑެއް ހުރިތޯ ބަލައި ޗެކްކުރުމަކީ މުހިންމު ކަމެކެވެ. އާއިލާގައި އުރަމަތީގެ ކެންސަރު ހުރި މީހުން ތިބިނަމަ، ޑޮކްޓަރެއްގެ ލަފާގެ މަތިން ޖެނެޓިކް ޓެސްޓުތައް ހެދުމާއި، ހާއްސަ ރައްކާތެރިކަމުގެ ޕްލޭނެއް އެކުލަވާލުން ބޭނުންތެރިއެވެ. ބައެއް ހާލަތްތަކުގައި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑު މީހުންނަށް ބޭހުގެ ފަރުވާ ނުވަތަ ރައްކާތެރިކަމުގެ ގޮތުން ކުރެވޭ ސާޖަރީތައް ވެސް ޑޮކްޓަރުން ލަފާދެއްވަ އެވެ.
އުމުރުން 50 އަހަރުން މަތީގެ އަންހެނުންނާއި، އާއިލާގައި ކެންސަރު ހުންނަ މީހުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެ އެވެ.
މައުލޫމާތު:ހެލްތުލައިން
އުރަމަތީގެ ކެންސަރުގެ ނުރައްކާ ކުޑަކުރެވިދާނެ ގޮތްތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ