މިއަދުވެސް ބޮޑުބަޔަކަށް ވިއްސާރަ، އުދައެރުން އެކަށީގެންވޭ

މިއަދުވެސް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމުނުގައި ވައި ޖެހޭނެކަމަށެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މާލާއި 15 މޭލާ ދެމެދުގައި ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވަމުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން ވިދާޅުވީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ވިދާޅުވިއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 2 - 5 ފޫޓާ ދެމެދުގައެވެ. ކުރިއަށް އޮތް 2 ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ފާއިތުވި 24 ގަޑިއިރުތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހިފައިވާ މިންވަރަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރ.އިފުރަށާއި ބ. ދަރަވަންދޫއަށާއި ށ. ފުނަދޫގެ އިތުރުން ކ. ދިއްފުށްޓަށެއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވާތީ، އުދަ އަރާ ގަޑިތަކުގައި މުދަލަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ