ކެންސަރު މައްސަލަ: ދައުވާތަކަށް 5.5 ބިލިއަން ޑޮލަރު ދޭން ޖޭއެންޑްޖޭ އެއްބަސްވެއްޖެ
އޯވޭރިއަން ކެންސަރަށް މަގުފަހިވާ ކަމަށް ބުނެ އެމެރިކާގައި ޖޯންސަން އެންޑް ޖޯންސަން (ޖޭއެންޑްޖޭ) އާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާތައް ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު ދިނުމަށް އެ ކުންފުނިން އެއްބަސްވެއްޖެ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ފެޑެރަލް އަދި ސްޓޭޓް ކޯޓުތަކުގައިވާ 69،000 މައްސަލަ ހައްލުކުރެވޭނެއެވެ. މިއީ އެ ގައުމުގައި މިހާރު ކުރިއަށްދާ ޓެލްކްއާ ގުޅޭ މައްސަލަތަކުގެ 99.75 ޕަސެންޓެވެ. ނަމަވެސް، މި އެއްބަސްވުން ފާސްވާނީ ދައުވާކުރާ ފަރާތްތަކުގެ 95 ޕަސެންޓް މީހުން މިއަށް ރުހުން ދިނުމުން ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. https://www.sun.mv/212385 ޓެލްކް ބޭނުންކޮށްގެން އުފައްދާފައިވާ ބޭބީ ޕައުޑަރުން ކެންސަރަށް މަގުފަހިވާ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން، 2020 ވަނަ އަހަރު އެމެރިކާގައި އަދި 2023 ވަނަ އަހަރު މުޅި ދުނިޔޭގައި ޖޭއެންޑްޖޭ އިން ވަނީ އެ އުފެއްދުން ވިއްކުން ހުއްޓާލައިފައެވެ. މީގެ އިތުރުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 2024 ވަނަ އަހަރު ވަނީ ޓެލްކް އަކީ އިންސާނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު އޮތް މާއްދާއެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. މީގެ ކުރިން 2016 ވަނަ އަހަރު، އޯވޭރިއަން ކެންސަރުގައި މަރުވި އަންހެނެއްގެ އާއިލާއަށް 72 މިލިއަން ޑޮލަރު ދިނުމަށް އެމެރިކާގެ ޖޫރީއަކުން ޖޭއެންޑްޖޭގެ މައްޗަށް އަމުރުކުރިއެވެ. މިއީ ޓެލްކްއާ ގުޅިގެން އެމެރިކާގައި ނިންމި މިފަދަ ފުރަތަމަ މައްސަލައެވެ. އޭގެ އަހަރެއް ފަހުން އެ ނިންމުން ބާތިލުކުރި ނަމަވެސް، އޭގެ ފަހުން ކުންފުންޏާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޖޭއެންޑްޖޭގެ ލިޓިގޭޝަން ހެޑް އެރިކް ހާސް ބުނި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން މި މައްސަލަގަނޑު ނިންމައިލުމުގެ ފުރުސަތު ކުންފުންޏަށް ލިބޭނެއެވެ. ނަމަވެސް، ޓެލްކްގެ ސަބަބުން ކެންސަރު ޖެހޭކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އެ ކުންފުނިން އަދިވެސް ބުނެއެވެ. ދައުވާކުރާ ފަރާތްތަކުގެ ވަކީލުން ވަނީ، މިއީ ދިހަވަރަކަށް އަހަރަށް ދެމިގެންދިޔަ ކޯޓު މައްސަލަތަކަށް ލިބުނު ރަނގަޅު ހައްލެއް ކަމަށް ބުނެ، މި އެއްބަސްވުމަށް މަރުހަބާ ކިޔައިފައެވެ. މި އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުގައި ކުރިއަށްދާ މައްސަލަތަކަށް ހައްލެއް ނުލިބޭނެއެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 7،000 އަށް ވުރެ ގިނަ މީހުން ހިމެނޭ ގޮތަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިނގިރޭސިވިލާތުގައި ހުށަހަޅާފައިވާ މައްސަލަ މިހާރު ދަނީ އެ ގައުމުގެ ހައިކޯޓުގައި ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ