ޖޯންސަން އެންޑް ޖޯންސަން (ޖޭއެންޑްޖޭ) އިން އުފެއްދުން ހުއްޓާލާފައިވާ، ޓެލްކް ބޭނުންކޮށްގެން އުފައްދާފައިވާ ކުޑަކުދިންގެ ފުށުގެ ސަބަބުން ރަހިމުގެ ކެންސަރު ޖެހޭ ކަމަށް ތުހުމަތުކޮށް އެމެރިކާގައި އުފުލާފައިވާ ގާތްގަނޑަކަށް 69،000 ދައުވާއަކުން ސަލާމަތްވުމަށް، 5.5 ބިލިއަން ޑޮލަރު ދެއްކުމަށް އެ ކުންފުނިން އެއްބަސްވެއްޖެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ތެރޭގައި އެމެރިކާގެ ފެޑެރަލް އަދި ސްޓޭޓް ކޯޓުތަކުގައި ފުށުގެ މައްސަލައާ ގުޅިގެން ނުނިމި ހުރި މައްސަލަތަކުގެ %99.75 ހިމެނެ އެވެ. ނަމަވެސް މި އެއްބަސްވުން ނިހާއީ ވާނީ ދައުވާކުރާ ފަރާތްތަކުގެ %95 މީހުން މި ގޮތަށް އެއްބަސްވުމުންނެވެ.
ޖޭއެންޑްޖޭން ވަނީ އެ ކުންފުނީގެ ފުށުގެ އުފެއްދުންތަކުން ކެންސަރު ޖެހޭ ކަމަށް ކުރެވޭ ތުހުމަތުތައް އަބަދު ވެސް ދޮގުކޮށްފަ އެވެ. ނަމަވެސް އެ ކުންފުނިން ވަނީ 2020 ވަނަ އަހަރު އެމެރިކާގައި އަދި 2023 ވަނަ އަހަރު މުޅި ދުނިޔޭގައި އެ ބާވަތުގެ ކުޑަކުދިންގެ ފުށް ވިއްކުން ހުއްޓާލާފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗުއޯ) އިން 2024 ވަނަ އަހަރު ވަނީ ޓެލްކަކީ އިންސާނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު އޮތް މާއްދާއެއްގެ ގޮތުގައި ގުރޫޕްކޮށްފަ އެވެ.
ޖޭއެންޑްޖޭގެ ލިޓިގޭޝަން ހެޑް އެރިކް ހާސް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ކުންފުންޏަށް މި މައްސަލަ ނިންމާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ދައުވާކުރާ ފަރާތްތަކުގެ ވަކީލުން ވަނީ، 10 އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ ގާނޫނީ ހަނގުރާމައަކަށް ނިމުމެއް އައުމުން މި އެއްބަސްވުމަށް މަރުހަބާ ކިޔާފަ އެވެ.
މި ސުލްހައިގެ އެއްބަސްވުމުގެ ތެރޭގައި އިނގިރޭސިވިލާތް ނުހިމެނެ އެވެ. އިނގިރޭސިވިލާތުގައި 7،000އަށް ވުރެ ގިނަ މީހުން ދަނީ، ކެންސަރާ ގުޅުންހުރި ޓެލްކް އުފެއްދުންތައް އެ ކުންފުންޏަށް އެނގިތިބެ ވިއްކި ކަމަށް ތުހުމަތުކޮށް ހައި ކޯޓުގައި ވަކި މައްސަލައެއް ކުރިއަށްގެންދަން މަސައްކަތްކުރަމުންނެވެ. މިއީ ވެސް ޖޭއެންޑްޖޭން ދޮގުކުރާ ތުހުމަތުތަކެކެވެ.
ކުދިންގެ ފުށުގެ މައްސަލައިގައި 5.5 ބިލިއަން ޑޮލަރު ދައްކަން ޖޭއެންޑްޖޭން އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ