ކުޑަކުދިން ޝަހީދުކުރުން؛ ޔަހޫދީންނަށް "އާދައިގެ" ކަމެއް

ފަލަސްޠީނުގެ ޣައްޒާގައި ކުޑަކުދިން ޝަހީދުކުރުން ޔަހޫދީން އާދައިގެ ކަމަކަށް ހަދާފައިވާ ކަމަށް، ޔަހޫދީ ދައުލަތުގެ ނޫހަކުން ބުނެފިއެވެ.
ޔަހޫދީން މަޝްހޫރު ނޫހެއް ކަމަށްވާ 'ހައާރެޓްޒް' އިން ބުނި ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ޣައްޒާގެ ޢުދުވާނު ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި 274 ކުޑަކުދިން ވަނީ ޝަހީދުކޮށްލައިފައެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުން، ޢުދުވާނު ހުއްޓައިލުމަށް އެއްބަސްވި ފަހުން ވެސް ކޮންމެ ދުވަހަކު ޔަހޫދީން ދަނީ އެވްރެޖްކޮށް ފަލަސްޠީނުގެ އެއް ކުއްޖަކު ޝަހީދުކުރަމުންނެވެ. އަދި 2023 އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި މިހާތަނަށް 21،000 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.
ޣައްޒާގެ ސިއްހީ ނިޒާމު މުޅިން ސުންނާފަތިކޮށްލާފައި އޮތުމަކީ ވެސް ކުޑަކުދިން މަރުވުމަށް މެދުވެރިވާ ބޮޑު ސަބަބެކެވެ. މިގޮތުން، ޔަހޫދީންގެ ޙަމަލާތަކުގައި ލިބޭ ޒަޚަމްތަކަށް އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުން އެތައް ކުދިންނެއްގެ ފުރާނަ ގެއްލެމުންދާއިރު، ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގައި ޝަހީދުވާ ކުދިންގެ އަދަދުތައް ރަސްމީ ތަފާސްހިސާބުތަކުގައި އަދި ހިމެނިފައެއް ނުވެއެވެ.
ޣައްޒާގެ އިންސާނީ ޙާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، ގެދޮރު ގެއްލިފައިވާ 1.7 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ އަސާސީ އެއްވެސް ވަޞީލަތެއް ނެތް ވަގުތީ ހިޔާތަކުގައެވެ.
ޢުދުވާނު ހުއްޓައިލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 1,127 މީހުން ޝަހީދުވެ، 3,643 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ.
މީގެއިތުރުން، ޣައްޒާގެ މީހުން ދިރިއުޅޭ ތަންތަނާއި، ހަސްފަތާލުތަކާއި މަގުތައް ހިމެނޭހެން މަދަނީ އުމްރާނީ ވަޞީލަތްތަކުގެ 90 އިންސައްތަ ވަނީ ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތިކޮށްލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ