ގުދުސް ހިމާޔަތްކުރަން ރާއްޖެއިން ގޮވާލައިފި

ފަލަސްތީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށާއި ގުދުސްގެ މުގައްދަސް ބިންތައް ހިމާޔަތްކުރުމަށް 2026 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލެމްގައި ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
ޔޫނައިޓެޑް ނޭޝަންސް ކޮމިޓީ އޮން ދަ އެކްސާސައިޒް އޮފް ދަ އިނޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓިނިއަން ޕީޕަލް (ސީއައިއާރްޕީޕީ) އާއި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގުޅިގެން ”ޖެރޫސަލަމް: ދަ ފްރޮންޓްލައިން އޮފް ޑިސްޕްލޭސްމަންޓް އެންޑް އެނެކްސޭޝަން އެންޑް ދަ ކީ ޓޫ ޖަސްޓް އެންޑް ލެސްޓިން ޕީސް“ ގެ ނަމުގައި މިސްރުގެ ކައިރޯގައި މިއަދު ބޭއްވި މި ކޮންފަރެންސްގައި، އޯއައިސީއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައޫދި އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަހްމަދު ސަރީރު ބައިވެރިވެވަޑައިގެން ތަގުރީރުކުރެއްވިއެވެ.
މި ކޮންފަރެންސްގައި ރާއްޖެއިން ވަނީ އިސްރާއީލްގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތަށް އަލިއަޅުވާލައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ހިލާފަށް ފަލަސްތީނުގެ ބިންތައް ހިފުމަށް އިސްރާއީލުން ކުރަމުންދާ ހުރިހާ މަސައްކަތެއް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައިފައެވެ. މީގެ އިތުރުން، ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުވާ) އިން ކުރަމުންދާ މުހިންމު މަސައްކަތް ފާހަގަކޮށް، އެ އެޖެންސީގެ މަސައްކަތްތަކަށް ބާރުދިނުމުގެ ގޮތުން ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ރާއްޖެއިން ގޮވާލިއެވެ.
ގުދުސްގެ މުގައްދަސް ބިންތަކުގެ ގާނޫނީ ހައިސިއްޔަތާއި ތާރީހީ އަދި ދީނީ މުހިންމުކަން ހިމާޔަތްކުރެވޭނީ އިސްރާއީލްގެ އިސްތިއުމާރު ނިމުމަކަށް ގެނެސް، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ހައްގު ބަލައިގަނެގެންކަމުގައި ރާއްޖެއިން ފާހަގަކޮށްފައިވެއެވެ.
އ.ދ.ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 3376 އިން 1975 ވަނަ އަހަރު އުފެއްދި ސީއައިއާރްޕީޕީ އަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތްކުރަމުންދާ ކޮމިޓީއެކެވެ. އޯއައިސީއާ ގުޅިގެން ސީއައިއާރްޕީޕީ އިން 2025 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް، 2025 ވަނަ އަހަރުގެ ޖުލައި މަހު ސެނެގާލްގައި ބާއްވައިފައިވެއެވެ. ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ގައުމެއް އަދި އޯއައިސީގެ މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން ދަނީ މި ކޮންފަރެންސްތަކުގައި ބައިވެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ