ހަނގުރާމަ ހުއްޓާލުމުގެ އަމުރަށް އަމަލު ކުރުން ހުއްޓާލައިފިން: އީރާން

އެމެރިކާއިން މި މަހުގެ ތެރޭގައި އީރާނަށް ދިން ހަމަލާތަކުގައި މަދުވެގެން 50 މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުން ބުނެފިއެވެ. މީގެ އިތުރުން، އެމެރިކާއިން އެއްބަސްވުންތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ، ދެ ގައުމުގެ ދެމެދުގައި ވެފައިވާ "އިސްލާމްއާބާދު ފަހުމުނާމާ" އަށް އަމަލުކުރުން ހުއްޓާލާފައިވާ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އީރާނުގެ ހެލްތު މިނިސްޓްރީން ހޮނިހިރު ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ގެއްލުންތައް ލިބިފައިވަނީ ޖުލައި ހަ ވަނަ ދުވަހުން ފެށިގެން ދެމުންދާ ހަމަލާތަކުގައެވެ. މި ހިސާބުތައް އާންމުކޮށްފައި ވަނީ، އެމެރިކާ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވިދިވިދިގެން ހަތް ވަނަ ރެޔަށް އީރާނުގެ އެކި ސަރަހައްދުތަކަށް ހަމަލާދީފައި ވަނިކޮށެވެ. ސެންޓްކޮމް އިން ބުނި ގޮތުގައި އެމެރިކާގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ އަސްކަރީ ލޮޖިސްޓިކްސް އާއި، ހަތިޔާރު ރައްކާކުރާ ބިމުއަޑީގެ ގުދަންތަކުގެ އިތުރުން ކަނޑުމަތީގެ އުޅަނދުތަކަށެވެ. ނަމަވެސް އީރާނުން ބުނާ ގޮތުގައި އެމެރިކާގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އާންމުންނަށް ޚިދުމަތްދޭ ތަންތަނަށެވެ. އީރާނުގެ ދެކުނުގައި އޮންނަ ޖާސްކްގެ ބުންޖީ ޑީސެލިނޭޝަން ޕްލާންޓަށް ދިން ހަމަލާއެއްގައި އެތަނުގެ ޕަމްޕިން ސްޓޭޝަނާއި ޕަވާ ޓްރާންސްފޯމަރު އެއްކޮށް ހަލާކުވެފައިވާ ކަމަށް ހޮރުމޮޒްގާން ވޯޓާ އެންޑް ވޭސްޓްވޯޓާ ކޮމްޕެނީގެ ވެރިޔާ ހަމްޒޭ ޕޯ އާ ހަވާލާދީ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ. މި ހަމަލާގެ ސަބަބުން 20 ރަށެއްގެ 10،000 މީހުންނަށް ބޯފެން ނުލިބި ތިބެން ޖެހިފައިވާ ކަމަށް އީރާނުން ބުނެއެވެ. މީގެ އިތުރުން، ދެކުނުގެ ބައެއް ބްރިޖުތަކާއި ރޭލު ދަތުރުކުރާ މަގުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ދައްކާފައެވެ. އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ގަލްފުގައި ތިބޭ އެމެރިކާގެ ބައިވެރިންނަށް އަމާޒުކޮށް ޑްރޯން އާއި މިސައިލް ހަމަލާތަކެއް ދީފައެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނި ގޮތުގައި، ކުވައިތުގެ އަލް-އަހްމަދީ ބަނދަރުގައި އޮންނަ އެމެރިކާ އަސްކަރިއްޔާގެ ތެޔޮ ޕިއަރަކަށާއި، ބަހްރޭންގެ ޝެއިޚް އީސާ އެއާ ބޭސްގައި ހުންނަ އެމެރިކާގެ މަތިންދާބޯޓު އެސެމްބަލްކުރާ ތަނަކަށް ވަނީ ހަމަލާދީފައެވެ. އަދި އުރުދުންގެ އަޒްރަގްގައި ހުންނަ އެމެރިކާގެ ބޭހަކަށް ހަމަލާދީ ދެ ފައިޓަރ ޖެޓު ގޮއްވާލާފައިވާ ކަމަށް ވެސް އައިއާރްޖީސީން ބުނެފައިވެއެވެ. މި ހަމަލާތަކާ ގުޅިގެން ކުވައިތުން އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާއިރު، އުރުދުންއިން ވަނީ އީރާނުގެ 10 ބެލިސްޓިކް މިސައިލް ވައްޓާލާފައިވާ ކަމަށް ބުނެފައެވެ. ބަހްރޭންގައި ވެސް ވަނީ އާންމުން ރައްކާތެރި ތަންތަނަށް ވަނުމަށް އަންގައި ސައިރަން އަޅާފައެވެ. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ގަރީބްއާބާދީ ފާސް ނިއުސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިސްލާމްއާބާދު ފަހުމުނާމާގެ ދަށުން އެމެރިކާއިން އަދާކުރަންޖެހޭ ހުރިހާ ޒިންމާތަކަކާ ޚިލާފުވެ، އެކަންކަން ހުއްޓާލާފައިވާ ކަމަށެވެ. އެހެންކަމުން އީރާނުން ވެސް އެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލައި، ގައުމު ދިފާއުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވެސް ވަނީ އެމެރިކާގެ އަމަލުތަކަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުން ހަނގުރާމައެއް ބޭނުމެއް ނުވެއެވެ. ނަމަވެސް އެ ގައުމަށް މަޖުބޫރުކޮށްފައިވާ ހަނގުރާމައިގައި އަމިއްލަ ނަފްސު ދިފާއުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލަ ގޯސްވެފައި ވަނީ، މީގެ 10 ދުވަސް ކުރިން އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޖޫން މަހުގެ މެދުތެރޭގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް އިއުލާންކުރެއްވުމާ ގުޅިގެންނެވެ. ހޮރުމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އީރާނުން ހަމަލާދިން ކަމަށް ބުނެ، ޓްރަމްޕް ވަނީ އީރާނުގެ ބަނދަރުތައް ބްލޮކޭޑްކޮށް، އީރާނުގެ ތެޔޮ އެކްސްޕޯޓުކުރުމަށް ދީފައިވާ ލުއިތައް ބާތިލުކުރައްވާފައެވެ. އީރާނުން ބުނާ ގޮތުގައި ވަގުތީ ސުލްހައިގެ އެއްބަސްވުމުގެ ދަށުން ހޮރުމުޒް ކަނޑުއޮޅީގެ ދަތުރުފަތުރު ކޮންޓްރޯލްކުރުމުގެ ހައްގު އެ ގައުމަށް ލިބިގެންވެއެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވަނީ އެ ކަނޑުއޮޅިއަކީ ހުރިހާ ފަރާތްތަކަށް ވެސް ހުޅުވިފައި އޮންނަންޖެހޭނެ ތަނެއް ކަމަށެވެ. ނޮވެންބަރު މަހު އޮންނަ އިންތިޚާބުގެ ކުރިން ތެލުގެ އަގު ދަށްކުރުމަށް ޓްރަމްޕް މަސައްކަތްކުރައްވަމުން ގެންދެވި ނަމަވެސް، އެމެރިކާގެ އިންޒާރުތަކާއި ހަމަލާތަކުގެ ސަބަބުން އީރާނުން ދޫދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ