ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން 5 ދިވެއްސަކަށް ވަގުތީ ބޯހިޔާވަހިކަން ދީފިއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ 8 ވަނަ ޓަވަރުގެ 19 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އަލިފާން ރޯވީ، އެ ޓަވަރުގެ އެޕާޓްމަންޓެއްގެ ބަދިގޭގައިކަމަށާއި، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސަށް މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 13:27 ހާއިރު ކަމަށެވެ.
އަދި މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައިވަކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން ބުނީ ހާދިސާގެ ސަބަބުން އެޕާޓްމަންޓްގައި ދުމުގެ އަސަރު ބޮޑުވެ، މި ވަގުތު ދިރިއުޅެން އެކަށީގެންނުވާތީ، އެތަން ސާފުކޮށް ނިމެންދެން އެ ގޭގައި ދިރިއުޅޭ 5 ދިވެެއްސަކަށް 3 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަކިކަމާއި ކެއިންބުއިމުގެ އިންތިޒާމް އެ އޮތޯރިޓީން ހަމަޖައްސައިދީފައިވާކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި، ނަމަވެސް އެޕާޓްމަންޓުގެ ބަދިގެއަށް އަލިފާނުގެ ސަބަބުން ބައެއް ގެއްލުންތައް ވެފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ހިޔާ ފްލެޓުގައި ރޯވުން: 5 ދިވެއްސަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ