ބެލްޖިއަމް ކަޓުވާލުމަށްފަހު ސްޕެއިން ސެމީއަށް

ރޭ ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލްގެ 88 ވަނަ މިނިޓްގައި ބެލްޖިއަމް ކޮޅަށް ލަނޑު ޖަހައި، ސްޕެއިން ސެމީ ފައިނަލަށް ގެންގޮސް އެ ދިނީ މެރީނޯ އެވެ.ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ސެމީފައިނަލަށް ދަތުރުކުރީ 2-1 ން ބެލްޖިއަމް ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިންއަށް ލީޑް ނަގައިދިނީ ފަބިއަން ރުއިޒްއެވެ. 30 ވަނަ މިނިޓްގައި އޭނާ ލަނޑު ޖެހީ އޮލްމޯ ފޮނުވާލި ބޯޅައެއް ކީޕަރު ކޯޓުއާ މަތަކުރުމުން ރީބައުންސަށް ނިކުއިން ވަގުތު ގޯލަށް ފޮނުވާލައިގެންނެވެ. އެކަމަކު ހާފް ނިމުމުގެ ކުރިން 41 ވަނަ މިނިޓްގައި ބެލްޖިއަމްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އަރިމަތިން ނަގައިދިން ހުރަސް ބޮލުން ގޯލަށް ފޮނުވާލީ ޗާލްސް ޑި ކެޓެލާރޭ އެވެ. ބެލްޖިއަމް ކްއާޓާ ފައިނަލަށް ގެންގޮސްދޭން އެމެރިކާ ކޮޅަށްވެސް އޭނާ ދެ ލަނޑު ޖެހިއެވެ. އަދި މިއީ މިމުބާރާތުގައި ސްޕެއިން ގޯލަށް ވަން ފުރަތަމަ ބޯޅައެވެ.ސްޕެއިން މޮޅުވި ތާރީހީ ލަނޑު ފެނިގެންދިޔައީ މެޗުގެ 88 ވަނަ މިނިޓުގަ އެވެ. އޭރިއާ ބޭރުން ސްޕެއިންގެ ޒުވާން ޑިފެންޑަރު ޕައު ކުބަރްސީ ފޮނުވާލި ބާރު ޝޮޓް ބެލްޖިއަމްގެ ބަދަލު ކީޕަރު ލަމެންސް އަތުގައި ޖެހިފައި ކޮންޓްރޯލްނުވެ ނުކުތް ވަގުތު، އެ ބޯޅަ ހޯދައި މެރީނޯ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ވައްދާލާފަ އެވެ.މި ނަތީޖާއާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް ތާރީހީ ރެކޯޑުތަކުގައި ސްޕެއިންގެ ކުރިއެރުން އިތުރަށް ދެމެހެއްޓުނެވެ. މިހާތަނަށް ދެ ޓީމު ކުޅުނު 22 މެޗުގެ ތެރެއިން 12 މެޗުން ސްޕެއިން މޮޅުވެފައިވާއިރު ބެލްޖިއަމަށް ކާމިޔާބުކުރެވުނީ 5 މެޗެވެ.ސްޕެއިން ދެން ނުކުންނާނީ އަންނަ އަންގާރަ ދުވަހު ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ފްރާންސާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ