ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައި އޮތް ހުދައިދާ ސިޓީއަށް ސައޫދީ އަރަބިއްޔާއިން ވައިގެ ހަމަލާތަކެއް ދީފިކަމަށް ހޫތީންގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިއީ އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ޔަމަން ހަނގުރާމަ އިތުރަށް ހޫނުވެގެންދިޔަ ހަމަލާއެކެވެ.
ހޫތީން ކޮންޓްރޯލްކުރާ ފޮރިން މިނިސްޓްރީން ބުނީ، ހުކުރު ދުވަހުގެ ރޭ ދެވުނު މި ހަމަލާގެ ސަބަބުން ރިޔާދަށް ބޮޑު އަގެއް ދައްކަންޖެހޭނެ ކަމަށެވެ.
ހޫތީންނާ ގުޅުންހުރި އަލް މަސީރާ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ މުވައްސަސާތަކަށާއި ކަމަރާން އައިލެންޑަށެވެ. އަދި ކަމަރާން އައިލެންޑަށް ދެވުނު ހަމަލާގައި އަންހެނަކު ޒަޚަމްވެފައިވާ ކަމަށްވެސް އެ ޓީވީން ބުނެފައިވެއެވެ.
ރޮއިޓާސް ނިއުސް އޭޖެންސީން މަންޒަރު ދުށް ހެކިންނާ ހަވާލާދީ ބުނިގޮތުގައި ހުދައިދާގެ ބަނދަރުގައި ވެސް ގޮވުންތަކެއް ފެނިފައިވެއެވެ. ނަމަވެސް، ޔަމަނުގައި ހަރަކާތްތެރިވާ ސައޫދީ ލީޑްކުރާ ކޯލިޝަނުން ވަނީ އެ ބަނދަރަށް ހަމަލާ ދިންކަން ދޮގުކޮށްފައެވެ.
ހުދައިދާއަކީ ހޫތީންގެ ބާރުގެ ދަށުގައިވާ އުތުރު ޔަމަނަށް ވިޔަފާރި އަދި އިންސާނީ އެހީތައް ވަންނަ އެންމެ މުހިންމު ލައިފްލައިން ކަމަށްވާއިރު، އެ ސަރަހައްދަށް ވަންނަ މުދަލުގެ ބޮޑު ބައެއް ހިނގަނީ މި ބަނދަރުންނެވެ.
ސައޫދީ ކޯލިޝަނުގެ ރަސްމީ ތަރުޖަމާނު މޭޖަރ-ޖެނެރަލް ތުރުކީ އަލް-މާލިކީ ވަނީ ހޫތީންގެ ފަރާތުން ރެޑް ސީގައި ދޭ ހަމަލާތައް "ފިނޑިކަމާއި ޖާހިލުކަމު" ގެ ޢަމަލުތަކެއް ކަމަށް ސިފަކުރައްވައި، ހަނގުރާމަ އިތުރަށް ހޫނުވުމުގެ ޒިންމާ ހޫތީންގެ ބޮލުގައި އަޅުއްވާފައެވެ. އަދި ހޫތީންގެ ހަސަދަވެރި ޢަމަލުތައް ނުހުއްޓުވާނަމަ، ޖެހިލުމެއް ނެތި ރައްދު ދެއްވާނެ ކަމަށާއި ބޭނުންވާ ހުރިހާ އޮޕަރޭޝަނަލް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަމަލާގެ ކުރިން ބުދަ ދުވަހު، ހޫތީން (އަންސާރު ﷲ) ވަނީ ރެޑް ސީގައި ދަތުރުކުރަމުންދިޔަ ސައޫދީގެ ތެޔޮ ޓޭންކަރުތަކަށް ޑްރޯން އަދި މިސައިލް ހަމަލާ ދީފައެވެ. އެ ހަމަލާގައި މަދުވެގެން އެއް އުޅަނދެއް ހަލާކުވެފައިވާއިރު، ހޫތީން ބުނީ އެ އުޅަނދުތަކުން އެމީހުން ދެ ދުވަސް ކުރިން އިޢުލާން ކުރި ބްލޮކޭޑާ ޚިލާފުވެފައިވާ ކަމަށެވެ.
ޖުލައި 20 ގައި އިޢުލާން ކުރި އެ ބްލޮކޭޑަކީ އޭގެ އެއް ހަފްތާ ކުރިން ސަނާގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދެވުނު ހަމަލާއަށް ދިން "ލޮލަށް ލޮލު" ގެ ރައްދެއް ކަމަށް ހޫތީން ބުނެއެވެ. އެ ހަމަލާގެ ޒިންމާ ހޫތީން ސައޫދީގެ ބޮލުގައި އަޅުވާފައިވީ ނަމަވެސް، ރިޔާދުން ސަޕޯޓްކުރާ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރުން ވަނީ އެ ވައިގެ ބަނދަރަށް ދެވުނު ހަމަލާގެ ޒިންމާ ނަގާފައެވެ. އެމީހުން ބުނީ އެއީ ހުއްދައެއް ނެތި އީރާނުގެ މަތިންދާބޯޓެއް ޖައްސާލުމާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށެވެ.
ހޫތީ ޢަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ބުނީ މި ހަމަލާއާ އެކު 2022 ވަނަ އަހަރުން ފެށިގެން ދެފަރާތުން ގެންގުޅުނު ޣައިރު ރަސްމީ ޓްރޫސް ނިމުމަކަށް އައިސްފައިވާ ކަމަށެވެ. ރަސްމީކޮށް ސޮއިކޮށްފައި ނެތަސް، މިއީ 2015 ގައި ސައޫދީ ކޯލިޝަން ޔަމަނަށް ހަމަލަދިން ފަހުން އެންމެ ދިގު މުއްދަތަށް ދެމިއޮތް ހަނގުރާމަ ހުއްޓާލުމެވެ.
މި ބަދަލުވުންތަކާ އެކު ސަރަހައްދުގައި އިތުރަށް ހަނގުރާމަ ހޫނުވެ، ރެޑް ސީ ހުރަސްކުރާ ދުނިޔޭގެ ވިޔަފާރީގެ 30 އިންސައްތަ ކޮންޓެއިނަރ ޓްރެފިކަށާއި ދުނިޔޭގެ އިޤްތިޞާދަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައެވެ. މީގެއިތުރުން، މިހާރު ހޯރމުޒް ކަނޑުއޮޅި ވެސް ވަނީ އީރާނުގެ ފަރާތުން ބޮޑުތަނުން ބަންދުކޮށްފައެވެ.
ނަމަވެސް، ހޫތީންގެ ތަރުޖަމާނު މުޙައްމަދު ޢަބްދުއް ސަލާމް ހުކުރު ދުވަހު ބުނީ، އެމީހުން ބާބުލް މަންދަބް އޮޅި ބަންދުކޮށްފައި ނުވާ ކަމަށެވެ. އަދި އެމީހުން އިޢުލާން ކޮށްފައިވަނީ ސައޫދީގެ ފަރާތުން ޔަމަނަށް ކުރާ ޙިޞާރަށް ރައްދެއްގެ ގޮތުން ސައޫދީގެ ކަނޑުގެ ސަރަހައްދަށް އަމާޒުކުރާ ނޭވަލް ބްލޮކޭޑެއް އެކަނި ކަމަށް އޭނާ ބުނެފައިވެއެވެ.
ސައޫދީން ހޫތީންގެ ބާރުގެ ދަށުގައިވާ ހުދައިދާއަށް ވައިގެ ހަމަލާތަކެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ