ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތުމަތު މާހިރާ މުހައްމަދު އެ މަގާމުން ކުއްލި ގޮތަކަށް ވަކިކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާހިރާ މަގާމުން ވަކިކޮށްފައިވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަން ކުރެއްވި ދުވަހު އެވެ.
ރައީސް މުހައްމަދު މުއިއްޒު، މާހިރާ މަގާމުން ވަކިކުރެއްވީ އެއްވެސް އިންޒާރަކާ ނުލައި، އަދި ވަކިކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ވެސް ނެތި ކުއްލި ގޮތަކަށް ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ.
"މާހިރާ އަކީ ޓްރައިބިއުނަލްގައި އެންމެ ގިނަ މައްސަލަ ނިންމަމުން ދިޔަ މެންބަރުން. މިދިޔަ އޭޕްރީލް މަހު އޭރު ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވުމުން އޮފީސް ހިންގުމާއި މައްސަލަތައް ބެލުމުގައި އެންމެ އިސްކޮށް ހުންނެވީ މާހިރާ،" މައުލޫމާތު އެނގޭ މަސްދަރަކުން ބުންޏެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސަކަށް، އެ މަގާމު ކުރިންވެސް ފުރުއްވާފައިވާ އަމްޖަދު މުސްތަފާ މިއަދު ވަނީ އައްޔަންކުރައްވާފައި. އަމްޖަދުއަކީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްކަމާއި ޑީޖޭއޭގެ ޗީފް އެޑްމިނިސްޓަރުގެ މަގާމު ފަދަ މުހިންމު މަގާމުތައް ފުރުއްވާފައިވާ، ގާނޫނީ އަދި ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް.
މިކަމާ ގުޅޭގޮތުން މާހިރާގެ ރަސްމީ ބަހެއް އަދި ނުލިބެވެ. ނަމަވެސް، މި މައްސަލައިގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި، މާހިރާ މަގާމުން ވަކިކުރަން ޖެހޭ ފަދަ އެއްވެސް މައްސަލައެއް އޮތްކަން މީގެ ކުރިން އޭނާއަށް އަންގާފައެއް ނުވެ އެވެ.
މާހިރާ އަކީ ޓްރައިބިއުނަލްގައި އެންމެ ގިނަ މައްސަލަތައް ނިންމަވާ މެންބަރު ކަމަށްވާއިރު، އޭނާ ވަކިކުރަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ނުފެންނަ ކަމަށްވެސް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. މިފަދަ މުއައްސަސާއެއްގެ އިސް މަގާމެއްގައި ހުންނެވި، އަދި އެންމެ ހަރަކާތްތެރި މެންބަރު ކުއްލި ގޮތަކަށް ވަކިކުރުމަކީ ޓްރައިބިއުނަލްގެ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށް ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"މި ވެރިކަން އައިފަހުން މައްސަލަތައް ނިންމޭ މުއްދަތު ވަނި ދިގުލައިގެން ގޮސްފައި. މާހިރާ ވަކިކުރުމުން އިތުރަށް ޓްރައިބިއުނަލް ގޯސްވެގެންދާނެ،" ގާނޫނީ ވަކީލަކު ބުންޏެވެ.
މާހިރާ ވަކިކުރި ސަބަބާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން މިހާތަނަށް އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އެންމެ ގިނަ މައްސަލަ ނިންމެވި ނައިބު ރައީސް ކުއްލި ގޮތަކަށް ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ