މިހިތް އެދޭތީ... 25

"މަންމާ!... އަހަރެމެންނަށް މި ކައިވެންޏެއް ނުކުރެވޭނެ..." ޔައިލް ދެން ހާމަކޮށްލި ހަގީގަތަކުން ފުނޑުފުނޑުވީ ހަމައެކަނި އާމިނަތުގެ ހިތެއް ނޫނެވެ. އިޒީގެވެސް މެއެވެ. ********* "އެއީ ކީއްވެ؟..." ޝަކުވާގެ ރާގަކަށް އާމިނަތަށް އަހައިލެވުނެވެ. ފޮނި އުއްމީދުތަކަކާއިއެކު އާމިނަތު މާލެ އައީ، އެތައް ދުވަހަކު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވަނީކަމަށް ނުހަނު އުފަލުން ހުރެއެވެ. ހުރި ހަމައެކަނި ދަރިފުޅު ކައިވެނި ކުރާ ދުވަސް ދެކެން އާމިނަތު ހުރީ ކެތްމަދުވެފައެވެ. އެހެނަސް، ވަށައިގެން ފެންނަމުން ދިޔައީ، އޭނާގެ އުއްމީދުތައް ފުނޑުފުނޑުވެދާނެކަމުގެ އަސަރުތަކެވެ. "ދަރިފުޅު މަންމައާ ސަމާސާ ކުރަނީތަ؟..." އާމިނަތު ގަދަކަމުން ހިނިތުންވެލިއެވެ. "ކައިވެނި ނުކުރަންޏާ، ކީއްވެ މަންމަ މާލެ ގެނައީ؟..." އާމިނަތު ފަހަރަކު މީހަކަށް ބަލައިލިއެވެ. އެންމެންވެސް ތިބީ ކުށްވެރިންހެން އިސްޖަހައިގެންނެވެ. އޭނާ ނޫން އެންމެންނަށް ހަގީގަތް އެނގެއެވެ. އާމިނަތުގެ ހިތުގައި ޝަކުވާތައް ފުނިޖެހުނެވެ. ހަގީގަތް އެނގޭ އެންމެފަހު މީހަކީ އޭނާއެވެ. އެންމެފަހު ވަގުތާއި ހަމައަށްވެސް ޔައިލް އޭނާ ބެހެއްޓީ އަނދިރީގައެވެ. އެއީ މަޔަކާއި ދަރިއެއްގެ މެދުގައި އޮންނަންޖެހޭ ގާތް ގުޅުން ނެތްކަން ރަމްޒުކޮށްދިން ކަމެކެވެ. "މަންމަގެ ހުރިހާ ސުވާލަކަށް ޖަވާބު ދޭނަމޭ... ހިނގާ އިހަށް ގެއަށް..." ޔައިލް ބޭނުންވީ އާމިނަތު އެ ތަނުން ގެންދާށެވެ. ހަގީގަތް އެނގުމުން، އާމިނަތުގެ ކެތްތެރިކަން ކޮޅުންލާނެއެވެ. ދެން ކަންތައް ވާނީ ކިހިނެއްކަމެއް ޔައިލްއަކަށް ނޭނގެއެވެ. އާމިނަތުގެ ސަބަބުން އިޒީއަށް ފުން ހިތާމައެއް ލިބިދާނެއެވެ. އޭރުން ދެ އާއިލާ ގުޅުމަށް އިތުރު ހުރަހެއް ކުރިމަތިވީއެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަންތައްވެފައި އޮތަސް، ފަހުން ހިތާމަކުރަން ޖެހިދާނެ ކަމެއް ވާން ޔައިލް ބޭނުން ނުވީއެވެ. އިތުރު ޝަކުވާއެއް ނުކޮށް އާމިނަތު ހިނގައިގަތެވެ. އިތުރަށް އެތަނުގައި ހުންނަން ހުދު އާމިނަތަށްވެސް އުނދަގޫވީއެވެ. ޔައިލްގެ ނަޒަރު ހުއްޓުނީ ގޮތް ހުސްވެފައި ހުރި އިޒީއަށެވެ. ޔައިލްގެ ހިތުގައިވީ އެންމެ ސުވާލެކެވެ. އެ ދެމީހުންގެ ގުޅުމަށް ނިމުން އައީ ހެއްޔެވެ؟ ޔައިލް ހީކުރީ އިޒީ އެންމެ ފަހަރަކު ނަމަވެސް އޭނާއަށް ބަލައިލާނެ ކަމަށެވެ. އެހެނަސް، އެހެނެއް ނުވިއެވެ. އޭނާ އެގެއިން ނުކުތުމާއި ހަމައަށްވެސް އިސްޖެހިގޮތަށް އިސް އުފުލައެއް ނުލައެވެ. ޖެހި ބުދެއްހެން އިޒީ އެތައް އިރަކު ކޮޅަށް ހުއްޓެވެ. ދެން ދުވަހަކުވެސް އޭނާއަށް ޔައިލް ނުފެންނާނެބާއޭ އިޒީގެ ހިތަށް އެރިއެވެ. ********* ގޭތެރެ އެއްވަސް ކުރުވާފައިވީ ކާތަކެތީގެ މީރު ވަހުންނެވެ. އެތެރެއަށް ވަދެގެން އައިއިރު ރިޝާންގެ ކަޅި ހުއްޓިފައިވީ، ކާމޭޒަށެވެ. އެއިން ދުވަހެއްގައިވެސް ނުހަދާވަރަށް މޭޒުމަތީގައި ކާތަކެތި އަތުރާފައި ހުއްޓެވެ. ބަދިގެތެރޭގައި ހަރަކާތްތެރިވަމުންދިޔަ ޖޫލިޔާ އަތްމަތި އަވަސްކޮށްލާފައި ތަށިތަކަށް ޖޫސް އަޅައި، ނިންމައިލިއެވެ. "ކުދަ ބޮސް އަންނަނީ..." ރިޝާން ފެނުމުން ޖޫލިޔާ ކޮށި ގޮތަކަށް ބުނެލިއެވެ. ޖޫލިޔާގެ ނަޒަރު ހުއްޓިފައިވީ ސިޓިންގްރޫމުގައި ތިބި ބަޔަކަށެވެ. އެހާ ހާއްސަ ކެއުމެއް ތައްޔާރު ކުރާނީ ހާއްސަ މެހެމާނުންތަކެއް އައުމުން ކަން ރިޝާނަށް އެނގެއެވެ. އާއްމުކޮށް ގެއަށް މީހުން އައިސް ނޫޅޭތީ، ގޭގައި ތިބީ ކޮން ބައެއްތޯ ބެލުމުގެ ޝައުގުވެރިކަން ރިޝާންގެ ހިތުގައި އުފެދުނެވެ. ރިޝާން ހަލުވި ފިޔަވަޅު ތަކެއްގައި ސޯފާ ފެންނަ ހިސާބަށް ދިޔައެވެ. ސޯފާގައި އިނީ މެދުއުމުރުގެ ފިރިހެނެކެވެ. އެމީހާގެ ކުރިމަތީގައި ހުރި ސޯފާގައި ޝާކިރާއި ނަޖުމާ ތިއްބެވެ. ޝަހާމާ ނުކުތީ ކޮޓަރިންނެވެ. ޝަހާމާއަކީ، ނަޖުމާ އާއި އެއްބަނޑު މީހެއްގެ ދަރިއެކެވެ. ރިޝާން ލޮލުގެ އިޝާރާތުން، ޝަހާމާގެ ކައިރީގައި ސޯފާގައި އިނީ ކާކުތޯ އަހައިލިއެވެ. ޝަހާމާ ދެކޮނޑު އަރުވައިލީ ނޭނގެއޭ ބުނާ ފަދައިންނެވެ. "އެއީ އަހަރެންގެ ދޮށީ ދަރި... ރިޝާން..." ރިޝާން ދައްކައިލަމުން ޝާކިރު ފަހުރުވެރިކަމާއިއެކު ބުނެލިއެވެ. "ދެން އެއީ ނަޖުމާއާ އެއްބަނޑު މީހެއްގެ ދަރިއެއް... ޑޮކްޓަރަށް ދައްކާލަން އައިސް އެ ހުރީ..." "ދަރިފުޅަށް ފަރުހާދުބެ ނޭނގިދާނެ ކަންނޭނގެ... މީ ފަރުހާދުބެ... ބައްޕަގެ ދުވަސްވީ ރައްޓެއްސެއް..." ފަރުހާދު ތައާރަފްކޮށްދިނީ ނަޖުމާއެވެ. ފަރުހާދަށް ބެލުނީ ޓައީ އަޅައި، ބެގީކޮށްގެން ހުރި ރިޝާނަށެވެ. ބަލާބެލުމަށް ރިޝާނަކީ، ޒިންމާދާރު ޒުވާނެކެވެ. އަންހެން ކުއްޖެއްގެ ހަޔާތަށް ގެންނަން އެކަށީގެންވާ ސިފަތަކެއް ހުއްޓެވެ. "ފަރުހާދުބެ..." ރިޝާނަށް ހިތާއިހިތުން އެ ނަން ކިޔައިލެވުނެވެ. ރިޝާން ވިސްނަން ހުއްޓައި، ފަރުހާދު ކޮޅަށް ތެދުވެ، ރިޝާނާއި ސަލާންކޮށްލިއެވެ. ރިޝާން ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ފަރުހާދު ދިއްކޮށްލި އަތުގައި ހިފިއެވެ. "ޝާކިރަށްވުރެ ދިގުވެއްޖެ ދޯ މި ސޮރު މިހާރު..." ފަރުހާދު ޖަހައިލީ ލުއި ހިނިގަނޑެކެވެ. "އާނ... ފަރުހާދުގެ މަންޖެވެސް މިހާރު ތިހާވަރު ވެދާނެއެއްނު..." ފަރުހާދުގެ ވާހަކައިގައި ބައިވެރިވަމުން، ޝާކިރުވެސް ލުއި ހިނިގަނޑެއް ޖަހައިލިއެވެ. "އާނ... އެމަންޖެވެސް އަހަންނަށްވުރެ ދިގު... އެކަމަކު ހަށިގަނޑުން ނިކަމެތީ..." ފަރުހާދު ޗޮކެއް ކަނޑައިލިއެވެ. "ތީ އަދި މީހަކާ ނީންނާތީ... އިނީމަ އިސާހިތަކު ހަށިގަނޑު ރަނގަޅުވެދާނެ.... އަހަރެންގެ ރިޝާންވެސް އަދިވެސް މި ހުންނަނީ މީހަކާ އިންނަން ނޭނގިފަ... އަހަރެން ގޮތަށް ބަނޑެއް ލައިފާނެތީ ބިރުން ކަންނޭނގެ...." ޝާކިރު ސަމާސާއަކަށް ހަދާފައި ބުންޏެވެ. އެންމެން އެއްފަހަރާ ހީގަތް ނަމަވެސް ރިޝާންއަކަށް މަޖަލެއް ނުވިއެވެ. ޝަހާމާ އަނގަމަތީގައި އަތް އަޅައިގެން ހޭން ފެށުމުން، ރިޝާން ދެލޯ އަޅައިލިއެވެ. "އެމަންޖެ ގޮވައިގެން އައިނަމަ..." ނަޖުމާ ބުނެލިއެވެ. "ފުރުމުގެ ކުރިން އަދި އެމީހުން ގޮވައިގެން އަންނާނަމޭ..." ފަރުހާދު ބުނެލިއެވެ. "ކޮން ނަމެއްތަ އެމަންޖެއަށް ކިޔަނީ؟...." ނަޖުމާ އަހައިލިއެވެ. "އިޒީ..." ފަރުހާދު ބުނެލިއެވެ. ސޯފާގައި އިށީންނަން އުޅުނު ރިޝާން ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުކޮށްލަމުން އޭނާއަށް ބަލައިލެވުނީ ފަރުހާދަށެވެ. ފަރުހާދަކީ ކާކުކަން އޭނާއަށް ޔަގީންވީ އެފަހަރުއެވެ. މާޒީގެ ހަނދާންތައް ރިޝާން ވަށައިލިއެވެ. އެ ހިތިކަން މިއަދުވެސް އޭނާގެ އަރުތެރޭގައި ހަރުލާފައި އެބަހުއްޓެވެ. ރިޝާންގެ މޫނުން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. އިސާހިތަކު ނިތްކުރިމަތިން ދާ ހިއްލައިލިއެވެ. ފަރުހާދާއި ޝާކިރު އެކުވެރިންނަށްވީ ކޮންއިރަކު ހެއްޔެވެ؟ އެއީ އިއްތިފާގެއް ހެއްޔެވެ؟ ނޫނީ ޝާކިރުގެ ރޭވުމެއް ހެއްޔެވެ؟ ރިޝާން ޝާކިރަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. ބައްޕަގެ ރޭވުންތެރިކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ އޭނާއެވެ. ރިޝާންގެ ނަޒަރުން ބުނެދިން ވާހަކައިން ޝާކިރުގެ ހަމަޖެހުން ގެއްލުނެވެ. "ކޮބާ އަވަހަށް ހިނގާ ކާން..." ޝާކިރު ތެދުވިއެވެ. އެންމެން މޭޒު ކައިރިއަށް ދާން ހިނގައިގަތް ވަގުތު ޝާކިރު ރިޝާންގެ އަތުގައި ހިފެހެއްޓިއެވެ. "އަހަރެން ހުރިހާ ކަމެއްވެސް މި ކުރަނީ ވަރަށް ވިސްނާފަ... ރިޝާންއަށް ރަނގަޅަކަށް... އެކަން ހަނދާން ބަހައްޓާތި!..." ހަމައެކަނި ރިޝާނަށް އިވޭ ވަރަށް އެހެން ބުނެފައި، ޝާކިރުވެސް ގޮސް ކާމޭޒު ކައިރީގައި އިށީނެވެ. ކާން ތިބެގެން އެތައް ވާހަކައެއް ދެކެވުނެވެ. މުޅީންވެސް ދެފަރާތުގެ އާއިލާ ގުޅުން ބަދަހިކުރަން ކުރާނެ ކަންތައްތަކެވެ. ވިޔަފާރީގެ ވާހަކަވެސް ދެކެވުނެވެ. ފަރުހާދުގެ ރަށުގައި ވިޔަފާރިއެއް ފަށައި، ފަރުހާދާއި ހަވާލުކުރުމުގެ ވިސްނުން ގެންގުޅޭ ވާހަކަ ޝާކިރު ބުނުމުން، ފަރުހާދަށް ހީވީ، އޭނާ ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހުނު ހެންނެވެ. އެންމެފަހުން ޝާކިރުގެ އަސްލު މައުޟޫޢު ފެށިއެވެ. "އަހަރެން މި ހިތަށް އަރަނީ މި ދެ އާއިލާ އެއްވެއްޖެއްޔާ ކިހާ އުފާވެރިވާނެހޭ..." ޝާކިރު ބަލައިލީ ފަރުހާދުގެ މޫނަށެވެ. "ދިހަ އަހަރަށްވުރެ ގިނަވީ ގާތް އެކުވެރިންގެ ގޮތުގަ ތިބޭތާ... ދެން ދެ އާއިލާ ގުޅުވާލިއްޔާ މާ ރަނގަޅުވާނެ... ނޫންތަ؟..." "ތިބުނީ؟..." ޝާކިރު ދެއްކި ވާހަކަ ފަރުހާދަށް ފަހުމެއް ނުވިއެވެ. "މިބުނީ އަހަރެމެން ދެމީހުންގެވެސް ހުސްކޮށް ތިބި ދެ ދަރިން އެބަ ތިއްބޭ... ދެމީހުން ގުޅުވާލިއްޔާ ކިހިނެއްހޭ ވާނީ؟... ދެ އާއިލާވެސް އެކުވީ..." ޝާކިރު އޭރުވެސް އިނީ ފަރުހާދުގެ މޫނަށް ބަލާށެވެ. ފަރުހާދު އަނގަޔަށް ލާން އުޅުނު ސަމުސާ ތިރިކޮށްލިއެވެ. މޭޒު ކައިރީގައި ތިބި މީހުންގެ ތެރެއިން ފަހަރަކު މީހެއްގެ މޫނަށް އޭނާ އަވަސް ނަޒަރެއް ދިނެވެ. ރިޝާންވެސް ހައިރާންވެފައި ޝާކިރުގެ މޫނަށް ބަލަން އިނެވެ. ހިނިތުންވުން ފެންނަމުންދިޔައީ ހަމައެކަނި ނަޖުމާގެ މޫނުންނެވެ. ފަރުހާދު ވިސްނައިލިއެވެ. ރިޝާނަކީ ބަލައިލަން ހުތުރު ކުއްޖެއް ނޫނެވެ. އާއިލާ ތަނަވަހެވެ. ޝާކިރަކީ އޭނާގެ ގާތް އެކުވެރިއެކެވެ. ޝާކިރު ބުނާ ގޮތުންނަމަ، ރިޝާނަކީ ދިރިއުޅުމުގެ ކަންކަމަށް ފުންކޮށް ވިސްނާ، އަހުލާގު ރަނގަޅު ކުއްޖެކެވެ. އެކަހަލަ ކުއްޖަކު، އިޒީއަށް ދެރަގޮތެއް ނުހަދާނެއެވެ. އެއްކޮޅުން އިޒީއަށް ދިމާވި ހިތްދަތި ގޮތެވެ. އެކަމުން އަރައިގަންނަން އެ ކައިވެނި މުހިއްމެވެ. އޭނާގެ އެދުމަށް އިޒީ ދެކޮޅެއް ނުހަދާނެއެވެ. އެކަމަކު، ކައިވެންޏަށް އެއްޗެއް ބުނުމުގެ ކުރިން އާގިސާގެ ބަސް އޭނާއަށް މުހިއްމެވެ. ޝަހާމާ މޭޒުގެ ދަށުން ރިޝާންގެ ފައިގައި ޖެހިއެވެ. އިނދެވުނީ ހިނިތުންވެގެން ކަން ރިޝާނަށް އެނގުނީ ޝަހާމާ ލޮލުން އިޝާރާތް ކުރުމުންނެވެ. ރިޝާން އަވަހަށް ނޫންކަމަށް ހަދައިލިއެވެ. ބައްޕަގެ ކޮންމެ ނިޔަތެއް އޮތް ކަމުގައިވިޔަސް، ރިޝާނަށް އެ ކައިވެނި މުހިއްމެވެ. "ތީ އަހަރެން ވަރަށް ރުހޭ ކަމެއް... އެކަމަކު، މިހާ މުހިއްމު ކަމެއްގަ އަންހެންވެރިންގެ ހިޔާލުވެސް ހޯދާލަންވާނެތާ..." ފަރުހާދު ބުނެލިއެވެ. "އެހެންވެއެއްނު މިބުނީ ގޮވައިގެން ނައީ ކީއްވެހޭ... އޭރުން މި މޭޒުދަށުން ތިކަން ނިންމާލެވުނީހެއްނު..." ފަރުހާދުގެ ވިސްނުން ހުރިގޮތް އެނގުމުން، ޝާކިރަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. ******** "މަންމާ!..." އިސްޖެހިފައި އިން އާމިނަތުގެ އަތުގައި ހިފައިލަމުން ޔައިލް ގޮވައިލިއެވެ. އާމިނަތު ވަގުތުން ޔައިލްގެ އަތް ފޮޅުވައިލިއެވެ. އެނގުނު ހަގީގަތެއްގެ ސަބަބުން އާމިނަތު އިނީ ވިސްނަންވީ ގޮތެއްވެސް ނޭނގިފައެވެ. ޔައިލް ދެއްކި ވާހަކައިން އޭނާއަށް ލިބިފައިވި ސިހުން އޭރުވެސް ފިލައިގެން ނުދެއެވެ. އެއްކޮޅުން އައިޝާގެ ގާތިލުން ކަމުގައި އޭނާ ގަބޫލުކުރި އާއިލާއެވެ. ހިތްދަތި މާޒީއެވެ. އަނެއްކޮޅުން ޔައިލްއެވެ. ހުރި ހަމައެކަނި ދަރިފުޅު ކަންތައް ކުރިގޮތުން އާމިނަތު އިނީ ހިތް ހަލާކުވާވަރު ވެފައެވެ. އެއީ އޭނާ ޔައިލްއަށް ދިން ތަރުބިއްޔަތެއް ނޫނެވެ. ބަދަލުހިފުމަކީ އާމިނަތު ރުހޭ ކަމެއް ނޫނެވެ. "އަހަރެން އެމީހުންނަށް ނަފުރަތު ކުރިން..." ކަރުނަ ފޮހެލަމުން އާމިނަތު ޔައިލްއަށް ބަލައިލިއެވެ. ކަރުނުން ފުރިފައިވާ މަންމަގެ ދެލޯ ފެނުމުން، ޔައިލްއަށް އުނދަގޫގޮތަކަށް ހިންދިރުވައިލެވުނެވެ. "އެކަމަކު، އަހަރެން އެއްއިރަކުވެސް ކުރި ކަމެއް ނޫން، ބަދަލުހިފުމަކީ... އަހަރެންގެ ދަރިއަކު ތަރުބިއްޔަތުކުރި ގޮތެއްވެސް ނޫން... އެކަމަކު، މިއަދު ވިސްނިއްޖެ އަހަރެންގެ ތަރުބިއްޔަތުގަ މައްސަލައެއް އުޅޭކަން..." އާމިނަތު އެންމެ ދެރަވީ ކޮން ކަމަކާއިކަން އެނގުމުން، ޔައިލްގެ ހިތުގައި ރިއްސައިލިއެވެ. "އެއީ މަންމަގެ މައްސަލައެއް ނޫން... އެއީ އަހަރެންގެ މައްސަލަ..." މަންމަ ހަމައަކަށް އަޅުވަން ބުނާނެ އިތުރު އެއްޗެއް ޔައިލްއަކަށް ނުވިސްނުނެވެ. "ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން..." އާމިނަތު މަޑުމަޑުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ސޯފާކައިރިއަށް ތިރިވިގޮތަށް ޔައިލް އިނީ ތެދުވަންވެސް ނޭނގިފައެވެ. އޭރު ދެލޯ ފުރުނު ކަރުނަތައް ޔައިލްގެ ކޯތާފަތް ތެންމާލައިފިއެވެ. ******** ކުރީ ދުވަހެކޭ އެއްގޮތަށް މިއަދުވެސް ގޭތެރެ އޮތީ ފަޅުވެފައެވެ. ގެއަށް ވަންގޮތަށް ފަރުހާދުގެ ހިތަށް ފުރަތަމަވެސް އައީ ޝާކިރު ދެއްކި ވާހަކައެވެ. އިޒީގެ ކައިވެނި ކުރެވުމުން، އެކުއްޖާގެ ހަޔާތުގެ ފަޅުކަން ނެތިގެން ދާނެއެވެ. އާއިލާ އުފާވެރި ވާނެއެވެ. ދިމާވި ކަންތައްތަކުން އަރައިގަންނަން ފަސޭހަވާނެއެވެ. އެއީ ފަރުހާދަށް ވިސްނުނު ގޮތެވެ. "އާގިސާ އައިސްބަލަ..." ދޮވެފައި ހުރި އެއްޗެހިތައް ފަތްޖަހަން އިން އާގިސާއަށް ގޮވައިލަމުން ފަރުހާދު ބުނެލިއެވެ. އަލަމާރިއަށް އެއްޗެހިތައް ލާން އިން އިޒީއަށް ބަލައިލާފައި އާގިސަ ތެދުވިއެވެ. ކޮޓަރިން ނުކުމެ، ދޮރު ލައްޕައިލިއެވެ. "ވަރަށް މުހިއްމު ވާހަކައެއް ދައްކަން އެބަޖެހޭ..." ފަރުހާދު ދިޔައީ ސޯފާ އާއި ދިމާއަށެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ