ވިޖޭގެ މަގުބޫލުކަމާ ހެދި ފިލްމު ''ޖަނަ ނާޔަގަން''ގެ މަންޒަރުތައް ގިނައިން ނެގީ ސެޓުތަކުގައި: ބޮބީ
ދެކުނު އިންޑިއާގެ ކުރީގެ ފިލްމު އެކްޓަރު އަދި ޓެމިލް ނާޑޫގެ މިހާރުގެ ޗީފް މިނިސްޓަރު ތަލަޕަތީ ވިޖޭގެ ފިލްމީ ކެރިއަރުގެ އެންމެފަހު ފިލްމު "ޖަނަ ނާޔަގަން"ގެ ވަރަށް ގިނަ މަންޒަރުތައް ނަގާފައިވަނީ ފިލްމު ސެޓުތަކުގައި ކަމަށް އެ ފިލްމުގެ ވިލެންގެ ރޯލް ކުޅުނު ބޮބީ ޑިއޯލް ބުނެފިއެވެ. ބޮބީ ބުނި ގޮތުގައި، ފިލްމު ސެޓުތަކުގައި ގިނަ މަންޒަރުތައް ނަގަން ނިންމީ، ވިޖޭ އަކީ އާއްމުންގެ މަގުބޫލުކަން އިންތިހާއަށް އޮތް އެކްޓަރަކަށްވެފައި މަގުމައްޗަށް ނެރެފިނަމަ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެވޭނެތީއެވެ. "އެއީ ހަގީގަތެއް. ވިޖޭ މަގުމައްޗަށް ނެރެފިނަމަ މީހުން އެއްވާލެއް ބޮޑުކަމުން މަސައްކަތެއް ނުކުރެވޭނެ. އޭނާއަކީ އެހާވެސް ނުފޫޒުގަދަ ތަރިއެއް،" ބޮބީ ކިޔައިދިނެވެ. ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "އެނިމަލް"އިން ބެލުންތެރިންގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދި ބޮބީ ވަނީ ވިޖޭގެ ހިތްތިރިކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ފިލްމު "ޖަނަ ނާޔަގަން"ގެ މަންޒަރެއްގައި ބޮބީ ޑިއޯލް އަދި ވިޖޭ--ފޮޓޯ/އެންޑީޓީވީ ފިލްމުގެ ސެޓުގައި ދެ ތަރިންގެ މެދުގައި މާ ގިނަ ވާހަކަތަކެއް ދެކެވިފައި ނުވި ނަމަވެސް، ވިޖޭ އަކީ އޭނާގެ މަޝްހޫރުކަމާ ބަލާއިރު ވަރަށް ސާދާ، މަޑުމައިތިރި އަދި އެކަނިވެރިކޮށް އުޅެން ލޯބިކުރާ މީހެއްގެ ގޮތުގައި ބޮބީ ސިފަކުރިއެވެ. ދެކުނު އިންޑިއާގެ ފިލްމުތަކުގައި، ޚާއްސަކޮށް ތެލެގޫ ފިލްމު 'ޑާކޫ މަހާރާޖް'ގައި މަސައްކަތް ކުރިއިރު ކުރެވުނު ތަޖުރިބާ ހިއްސާކުރަމުން ބޮބީ ބުނީ، އެ ސަރަހައްދުގެ ސަޕޯޓަރުން ފަންނާނުންނަށް ކުރާ އިޙުތިރާމާއި ބަހައްޓާ ގާތްކަމަކީ އަޖައިބުވާ ފަދަ ކަމެއް ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "ޖަނަ ނާޔަގަން" އަކީ ވިޖޭ ސިޔާސީ ދާއިރާއަށް ވަނުމުގެ ކުރިން ކުޅުނު އެންމެ ފަހު ފިލްމު ކަމަށް ބެލެވެއެވެ. އެޗް ވިނޯތު ޑައިރެކްޓްކޮށް، ވެންކަޓް ކޭ ނާރާޔަނާ ޕްރޮޑިއުސްކުރި މި ފިލްމުގައި ވިޖޭ އާއި ބޮބީ ޑިއޯލްގެ އިތުރުން ޕޫޖާ ހެގްޅޭ، މަމީތާ ބައިޖޫ، ގޯތަމް ވަސުދޭވް މެނަން، ޕްރަކާޝް ރާޖް އަދި ނަރައިން މުހިންމު ރޯލްތައް ކުޅެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ