ފެން އިސްރާފުކުރެވެނީއެވެ.

ހުރިހާ ދިރުމެއް އުފައްދަވައި ޚަލްޤުކުރައްވައިފައި ވަނީ ފެނުންނެވެ. އިންސާނީ ނަސްލު ދެމިއޮތުން ލެއްވެވީ ވެސް ފެންފޮދެއްގެ ވާސިޠާއިންނެވެ. ފެނަކީ އިލާހީ ނިޢުމަތެކެވެ. ވަކި ފަރާތެއްގެ ބާރުގެ ދަށުގައި ނޯންނަ ގޮތަށް މަޚްލޫޤުންނަށް ދެއްވައިފައި އޮތް މަތިވެރި ރޯއްޖެކެވެ. ފެން އިސްރާފުނުކުރާށެވެ! ދުނިޔޭގެ ތަމައްދުނާއި ތަރައްޤީގެ ތެރެއިން ކުރިއަރާފައިވާ އެއް ޚިދުމަތަކީ ފެނުގެ ޚިދުމަތެވެ. ބުއިމަށާއި އެހެނިހެން ކަންކަމަށް ބޭނުންވާ ފެން އެކި ގޮތްގޮތަށް އެކިއެކި ވަޞީލަތްތައް މެދުވެރިކޮށް، އެ ފެން ބޭނުންކުރާ މީހާއާ ހަމައަށް ފަސޭހަކަމާ އެކު ލިބެން މިއަދު އެބަހުއްޓެވެ. މީގެ ކުރީގެ ޙާލަތްތަކާ އަޅާބަލާއިރު، އޭރު ފެން ލިބުމާއި ލިބޭ ފެންފޮދު ރައްކައުކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެ ޙާލުގައި ފެން ރައްކައު ކޮށްގެން އުޅުނު މީހުންނަށް ފެނުގެ މުހިންމުކަން އެނގޭ ވަރަށް މިއަދު އަޅުގަނޑުމެންގެ ތެރެއިން އެކަކަށް ވެސް ފެނުގެ ނިޢުމަތް ނޭނގެއޭ ދެންނެވުމަކީ އެއްގޮތަކަށް ވެސް ދޮގަކަށް ނުވާނެއެވެ. ދުނިޔޭގެ ކޮންމެ ދިމާއަކަށް ބެލި ކަމުގައި ވީނަމަވެސް، އެއްވެސް ވިސްނުމެއް ފަރުވާލެއް ނެތި ފެން އިސްރާފުކުރެވޭ މަންޒަރު އޮންނަނީ ފެންނާށެވެ. ޚިދުމަތުގެ އެކިއެކި ދާއިރާ ތަކުގައްޔާއި ޞިނާޢަތްތަކުގައެވެ. ކެއިންބުއިމުގައްޔާއި، އަންނައުނު ދޮތުމުގައި ވެސް މެއެވެ. ވަކިން ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން މުސްލިމުން ހިނާޠާހިރުވުމުގައްޔާއި ވުޟޫކުރުމުގައި ވެސް ފެނުން އިސްރާފުކުރާ ކަމީ ކޮޅުނެތްކޮޅަށް ހިތާމަ ހުރި ކަމެކެވެ. އިސްކުރު އެންމެ ބޮޑަށް ދޫކޮށްލައިގެން ވުޟޫގެ ގުނަވަންތަކުގައި ފެންލައި ދޮންނަމުންދާއިރު ބޭނުން ނުކުރެވި ނަރުދަމާގެ ތެރެއަށް އޮހެމުންދަނީ ދެތިންހައެއްކަ މީހުން ވުޟޫކޮށް އަވަދިކުރެވޭހާ ފެނެވެ. ޚިޔާލެއް ފިކުރެއް އަޅުގަނޑުމެންގެ ހަމަ ނެތީ ބާއެވެ؟ އިސްރާފު ކުރުމަކީ ﷲ ރުހިވޮޑި ނުގަންނަވާ ކަމަކަށް ވާހިނދު އެ އިލާހަށް ކުއްތަންވުމުގެ ގޮތުން ކުރާ އަޅުކަމެއްގައި އިސްރާފުކުރުން ވާނީ ފާފައަކަށެވެ. އެފަދަ މީހުންގެ ތެރެއިން އަޅަމެން ނުލައްވާނދޭވެ! އިސްރާފަށް އޮހިގެން އެ ދާ ފެންފޮދަށް އަޅުގަނޑުމެންގެ ޖީބުތަކުން ޚަރަދުވާ ނަމަ އެހާ ބޮޑު އިސްރާފެއް އަޅުގަނޑުމެން ކުރާނެތޯއެވެ؟ ދިވެހިރާއްޖޭގެ މަޝްހޫރު އަދީބު އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު ލިޔުއްވައިފައި ވެއެވެ. "ތިމާފެންފޮދު ތިމާ ހޯދާށެ އޭރުން އަގު ވަޒަންކުރެވޭ، ޙިމާޔަތް ކޮންމެ ތިއްކެއް ވެސް ކުރަންއޭރުން ޢަޒުމުކުރެވޭ." ޝާޢިރު އެ ވިދާޅުވަނީ ކިހާބޮޑު ތެދުފުޅެއް ތޯއެވެ؟ އިސްރާފުވާ ފެނަށް ޙިމާޔަތް ދޭން އަޅުގަނޑުމެންނަށް ސަމާލު ނުވެވެނީ އެ ފެންފޮދު ހޯދުމަށް އަޅުގަނޑުމެން އެއްވެސް މަސައްކަތެއް ނުކުރާތީއެވެ. އިސްރާފުކުރާ މީހުންގެ ތެރެއިން ނުވަމާ ހިނގާށެވެ! އިޞްލާޙުކުރާ މީހުންގެ ތެރެއިން ވަމާ ހިނގާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ