އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ގާތްގަނޑަކަށް ފަސް މަސްދުވަހުގެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން، ހުއްޓިފައިވާ ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމުގެ ފުރުސަތުތައް ޕާކިސްތާނުން ބަލަމުންދާ ކަމަށާއި މި މަސައްކަތަށް ޗައިނާގެ ތާއީދު ލިބެމުން އަންނަ ކަމަށް ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
މި މަޝްވަރާތައް ފެށިފައިވަނީ އީރާނުގެ އިންޓީރިއާ މިނިސްޓަރު އެސްކަންދަރު މޫމެނީ އިސްލާމާމާބާދަށް ކުރެއްވި ޒިޔާރަތުގައި، ޕާކިސްތާނުގެ އިސް ލީޑަރުންނާއި އާމީ ޗީފް ޖެނެރަލް އާސިމް މުނީރާ އެކު ބޭއްވެވި ބައްދަލުވުންތަކަށް ފަހު އެވެ. އޮފިޝަލުން ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި، އިބްތިދާއީ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، އެމެރިކާއާ އެކު މަޝްވަރާއަކަށް ދިއުމަށް ހުރި ހުރަސްތައް އަދިވެސް ވަރަށް ބޮޑެވެ.
ޕާކިސްތާނުން ސުލްހައިގެ މެދުވެރިއެއްގެ ރޯލު އަދާކުރަން ފަށާފައިވަނީ، ސައުދީ އަރަބިއްޔާގެ ތެޔޮ ޓޭންކަރުތަކަށް ޔަމަނުގެ ހޫތީން ދިން ހަމަލާތަކާއި ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގާތަށް ދިއުމުގެ ސަބަބުން ސަރަހައްދީ ވިޔަފާރި މަގުތަކަށް ނުރައްކާވެ، ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޕާކިސްތާނުގެ އޮފިޝަލަކު ވިދާޅުވީ، ޗައިނާއިން އަލުން ހާރިޖީ ހައްލެއް ހޯދުމަށް ތާއީދުކުރަނީ އީރާނުން ގަލްފުގެ ސަރަހައްދުގެ އެހެން ގައުމުތަކަށް ދޭ ހަމަލާތަކާއި ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން އެ ގައުމުގެ މަސްލަހަތުތަކަށް ގެއްލުންވަމުންދާތީ ކަމަށެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ މި އިސްނެގުމަށް ތާއީދުކުރާކަން ކަށަވަރުކޮށްދީ، ޕާކިސްތާނާއި އެހެނިހެން ފަރާތްތަކުން ކުރަމުން އަންނަ ސުލްހައިގެ މަސައްކަތްތަކަށް ތާއީދުކުރާ ކަމަށާއި، ގަލްފު ސަރަހައްދަށް ވީ އެންމެ އަވަހަކަށް ސުލްހަ އާއި ހަމަޖެހުން އިއާދަކުރުމުގައި ހަރަކާތްތެރި ރޯލެއް އަދާކުރަމުން ގެންދާނެ ކަމަށް ބުނެފަ އެވެ.
ޕާކިސްތާނުގެ އޮފިޝަލަކު ވިދާޅުވީ، ސައުދީ އާއި ގަލްފުގެ އެހެން ގައުމުތަކަށް ދޭ ހަމަލާތައް ހުއްޓާލުމަކީ އަލުން މަޝްވަރާތައް ފެށުމަށް އޮތް ލާޒިމު ޝަރުތެއް ކަމަށާއި، އެ މެސެޖު އީރާނަށް ފޮނުވާފައިވާ ކަމަށެވެ.
ޗައިނާގެ އިސްނެގުމާ އެކު އީރާން-އެމެރިކާގެ އާ މަޝްވަރާތަކެއް ފެށުމަށް ޕާކިސްތާނުން މަސައްކަތްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ