މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ވަލީއަހުދު މުހައްމަދުގެ ހާއްސަ މަންދޫބެއް ރާއްޖެ

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މަންދޫބެއް ހުކުރު ދުވަހުގެ ރޭ ރާއްޖެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ސައުދީ ވަލީއަހުދުގެ މަންދޫބު ރާއްޖެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ވަޑައިގެންނެވި ހާއްސަ މަންދޫބަކީ ސައުދީ ރަސްގެފާނުގެ އެޑްވައިޒަރު އަދި އެ ގައުމުގެ ކެބިނެޓް މެންބަރު ޕްރިންސް ޑރ. މަންސޫރު ބިން މުތައިބް ބިން އަބްދުލްއަޒީޒް އެވެ.
ޕްރިންސް ޑރ. މަންސޫރު ބިން މުތައިބް ބިން އަބްދުލްއަޒީޒަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރު އެވެ. ސައުދީ ވަފުދަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެއާޕޯޓުގައި އެމްއެންޑީއެފުން ވަނީ ޝަރަފުގެ ގާޑެއް އަރުވާފައެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، މިނިވަން ދުވަހުގެ އިރުއޮއްސޭ ވަގުތު ޖުމްހޫރީ މައިދާނުގައި ހާއްސަ ސަގާފީ ހަރަކާތްތަކަކާއި ސަރުކާރުގެ މުއައްސަސާތަކުގެ މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހުގެ ހެނދުނުއެވެ.
މި ދަތުރުފުޅަކީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. ރައީސް މުއިއްޒު މީގެ ކުރިން ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި، އިންވެސްޓްމަންޓާއި، އިގްތިސާދީ ތަރައްގީއާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން، މިއަހަރުގެ ފެބްރުއަރީ މަހު ރައީސް މުއިއްޒު ވަނީ ސައުދީ ވަލީއަހުދަށް ހާއްސަ ސިޓީފުޅެއްވެސް ފޮނުއްވާފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ