ސަރުކާރު ވަޒީފާތައް އިންތިހާއަށް އިތުރުކުރެއްވި މުއިއްޒު: "ހުރިހާ އެންމެން ސަރުކާރުގެ ވަޒީފާއަށް ވަނުމަކީ ގޯހެއް"

ހުރިހާ އެންމެ ސަރުކާރުގެ ވަޒިފާތަކަށް ދިޔުމަކީ ގޯހެއް ކަމަށާއި އެކަމުގެ ސަބަބުން ޕްރައިވެޓް ސެކްޓަރު ހުއްޓޭ ކަމަށް ރާއްޖޭގެ ތާރީހުގައި އެއްވެސް ސަރުކާރަކުން އިތުރުނުކުރާ މިންވަރަށް ސަރުކާރުގެ ވަޒީފާތައް އިތުރުކުރެއްވި ވެރިކަން ހިންގަވަމުން ގެންދަވާ ރައިސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕްލަސް" ގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ސަރުކާރު ވަޒީފާތައް އިތުރުކުރުމަކީ ގޯހެއް ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އެެކަމުގެ ސަބަބުން ޕްރައިވެޓް ސެކްޓަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. 
MU STORE
MU STORE
Enterprise Development Industrial Pvt Ltd
"މިއީ ވަރަށް ގޯސްކޮށް ރާއްޖޭގައި ހިނގާ ކަމެކޭ ވެސް ދެންނެވިދާނެ. އެއީ ޕްރައިވެޓް ސެކްޓާ ރަނގަޅަށް ފުޅާވެގެން ރާއްޖޭގެ އިގުތިސޯދު ފުޅާވާނީ، ދެމެހެއްޓޭނީ. ހުރިހާ އެންމެން އައިސް ސަރުކާރަށް ނުވަތަ ޕަބްލިކް އޮފީސްތަކަށް ވަޒީފާއަށް ވަނީމާ ޕްރައިވެޓް ސެކްޓާ ހުއްޓޭނެ،" މުއިއްޒު ވިދާޅުވި އެވެ. 
ޖުލައި 13، އިން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހު ދައުލަތުގެ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން ވަކިކުރަން ވަނީ ނިންމާފަ އެވެ. އެ މަސައްކަތް ކުރިއަށްދާއިރު މި ސަރުކާރުން އެތައް ހާސް މީހުންނަށް ކުންފުނިތަކުން ވަޒީފާ ދީފައިވެ އެވެ. ވަޒީފާތައް އިތުރުވުމުގެ ސަބަބުން ކުންފުނިތައް ރަނގަޅަށް ނުހިނގާ ކަމަށް މުއިއްޒު އެއްބަސްވެވަޑައިގެންނެވި އެވެ. 
"ވަރަށް ގިނަ ފަރާތްތައް ފަސޭހަ ވަޒީފާއެއްގެ ގޮތުގައި މި ބަލަނީ ސަރުކާރުގެ ކޮންމެވެސް އޮފީހެއްގައި އުޅުމަކީ. އެހެންވީމާ އެ އާދަ ނިމުމަކަށް ގެނައުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ފަށައިގެން މިހާރު މި އުޅެނީ. ސަރުކާރުގެ ކުންފުނިތައް ވެސް ރައިޓް ސައިޒް ކުރުމާއި،" މުއިއްޒު ވިދާޅުވި އެވެ. 
ދިކޮޅު އެމްޑީޕީން ބުނީ އެސްއޯއީތަކުން ޖުމްލަ 14،733 މުވައްޒަފުން ކަނޑާލާނެ ކަމަށާއި އޭގެ ސަބަބުން 50،000 އަށްވުރެ ގިނަ މީހުންނަށް ސީދާ ގޮތުން އަސަރުކުރާނެ ކަމަށެވެ.
ޕްރައިވެޓް ސެކްޓަރު ހުއްޓޭ ކަމަށް މުއިއްޒު ވިދާޅުވިއިރު މި ސަރުކާރުން އަންނަނީ އާންމުން ކުރާ ވިޔަފާރިތަކަށް ވެސް ވަންނަމުންނެވެ. އެކަމުގެ ސަބަބުން ވެސް ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ