ސަރުކާރުން މުވައްޒަފުންނަށް މުސާރަ ދެނީ ޕެންޝަން ފައިސާއިން: މައުރޫފް

މުވުައްޒަފުންނަށް މުސާރަ ދޭން ފައިސާ ނެތް ކަމަށާއި، ސަރުކާރުން އެކަން ކުރަނީ ޕެންޝަން ފައިސާ ބޭނުންކޮށްގެން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ތުހުމަތުކުރައްވައިފިއެވެ.
ޖޮބް ބުރާސްފަތި ނަމުގައި އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި މައުރޫފް ވިދާޅުވީ، ސިޔާސީ މުވައްޒަފުން ވަކިކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ފެންނަނީ ކޮންމެ ދުވަހަކުވެސް އެކި މަގާމުތަކަށް މުވައްޒަފުން އައްޔަނުކުރާ މަންޒަރު ކަމަށެވެ. ސަރުކާރުން މުވައްޒަފުން ވަކިކުރާއިރު، ޕީސީބީ ލައްވައި ސަރުކާރުން އެކަން ކުރުވާ ކަމަށް ވިދާޅުވެ، މައުރޫފް ވަނީ އެކަން އެގޮތަށް ކުރަން އުޅޭ ސަބަބާއި މެދު ސުވާލު އުފައްދަވާފައެވެ.
މައުރޫފް ވިދާޅުވީ އެހެން ވުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި އޭނާއަށް ފާހަގަކުރެވެނީ ސަރުކާރުން ސުކޫކެއް ދެއްކުމާއެކު، މާދަމާވެސް މުވައްޒަފުންނަށް މުސާރަަ ދޭނެ ގޮތެއް ނެތުން ކަމަށެވެ. މުވައްޒަފުންނަށް މުސާރަ ދެނީ ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން ކަމަށް މައުރޫފް ތުހުމަތު ކުރެއްވިއެވެ. އެ ފައިސާ އަނެއްކާވެސް މާކެޓަށް ނެރޭ ކަމަށާއި، އެކަމުގެ ނަތީޖާއަކަށް ވަނީ ދިވެހި ފައިސާގެ އަގު ދަށަށް ދިއުމާއެކު ޑޮލަރުގެ އަގު އިންތިހާއަށް އުފުލުން ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި އެއީ ފައިސާ ޗާޕުކުރުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
”އެއީ ފައިސާ ޗާޕުނުކުރާނަމޭ ބުނެ ހަމަ ގަސްތުގައި އޮޅުވާލައިގެން ފައިސާ ޗާޕުކޮށް މާކެޓަށް ނެރުން. ދެން މި މުސާރަ ނުދެވޭތީ، ދެން އަޅުގަނޑުމެންނަށް މީގެ ކުރީގައި ހިންގާފައި ހުރި ސަރުކާރުތަކުގައި ހިނގާފައި ހުރި ކޮންމެ ސަރުކާރަކުން ވެސް ވެރިކަން ހިންގުމުގައި ބޭރު ގައުމުތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ހޯދައިފައި އެބަހުރި. ހިލޭ އެހީ ހޯދައިފައި އެބަހުރި. ގްރާންޓު ހޯދައިފައި އެބަހުރި،“ މައުރޫފް
އެކި ކަހަލަ ޕްރޮޖެކްޓުތަކަށް ނިމިދިޔަ ސަރުކާރުތަކުގައި އެހީވެސް ލިބިފައިވާކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، މި ސަރުކާރުގައި ފެނިގެން ދަނީ ބޭރުގެ އެއްވެސް އެހީއެއް ނުވަތަ ގްރަންޓެއް ނުލިބޭ މަންޒަރު ކަމަށެވެ. މައުރޫފް ފާހަގަކުރެއްވީ ވެރިކަމަށް އައިރު ޕީއެންސީން ފާހަގަކުރަމުން އައީ ފެހި ސިގްނަލްތަކެއްގެ ވާހަކަ ކަމެވެ. އެހެންނަމަވެސް މިހާރު އެ ފެހި ސިގްނަލްތައް ރަތް ވެއްޖެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވީ އައިއެމްއެފް އަދި ވޯލްޑް ބޭންކު ފަދަ ތަންތަނުން ރާއްޖޭގެ އިގްތިސޯދު ހިންގަމުންދާ ގޮތާއި މަލީ ސިޔާސަތު އޮތް ގޮތް ވެސް ބަލާ ކަމަށެވެ. އަދި ހަރަދު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ ކަންކަން ވެސް އެތަންތަނުން ބަލަމުންދާ ކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެންކަމުން މުވައްޒަފުން ކެންޑުމުގެ ވާހަކަ ދައްކަނީ އެކަމަށް ހަރަދު ކުޑަކުރާކަން ދެއްކުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ