ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް އިސްވެ ހުންނަވައިގެން މާލިއްޔަތު ކޮމިޓީން ބަލަން ފެށި އެސްއޯއީތަކުގެ މައްސަލަތަކުގެ ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި ޝަމްހީދު ވިދާޅުވީ އެސްއޯއީތަކުގެ މައްސަލަތައް މާލިއްޔަތު ކޮމިޓީން ބަލަން ފެށި ފަހުން ކުންފުނިތަކުގެ އެމްޑީން ހާޒިރުކުރަން ނިންމި ފަހުން އެކަމާ ގުޅޭ ލިޔެކިޔުންތައް މެންބަރުންގެ ފައިލްތަކުން ގެއްލިފައިވާ ކަމަށެވެ.
"އެކަންތައް ތަހުގީގުކުރަން އަޅުގަނޑުމެން މާލިއްޔަތު ކޮމިޓީގައި ފެށީ. ދިއްގަރު ދާއިރާގެ މެންބަރު އިސްވެ ހުރެ ފެށީ. އެ ފައިލްތަކާއި އެ ހުރިހާ ޕްރޮކިއުމަންޓް ފައިލްތަކުގައި ހުރި ޕޭޕަރުތައް. އެއްފަހަރު އެޖެންޑާކޮށް ނޫނީ ދެފަހަރު އެޖެންޑާކޮށް ބައެއް އެމްޑީން ހާޒިރުކުރަން ނިންމާ އެހިސާބުން ހުރިހާ ކަރުދާހެއްވެސް ގެއްލިއްޖެ،" އޭނާ ވިދާޅުވި އެވެ.
ޝަމްހީދު ތުހުމަތުކުރައްވާ ގޮތުގައި މާލިއްޔަތު ކޮމިޓީން ބަލަމުންދިޔަ އެސްއޯއީތަކުގެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް މެންބަރުންގެ ފައިލްތަކުން އަދި އެޖެންޑާއިން ގެއްލުވާލީ ކޮންމެވެސް ބައެއްގެ ނުފޫޒާއެކުގައި ކަމަށެވެ.
"ފައިލް ތެރެއިން ވެސް ގެއްލިއްޖެ. އެޖެންޑާއިން ވެސް ގެއްލިއްޖެ. އެހެންވީމަ ތަހުގީގުކުރުން ކޮންމެ ވެސް ހިސާބަކުން ބާރު އައިސްގެން މި ސަރުކާރު ގުޅުންހުރި ޕްރޮކިއުމަންޓް ތެރޭގައި ހުރި މިސްމެނޭޖްމަންޓްތަކާއި އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ހުއްޓުވުމަށް އަޅުގަނޑުމެން ކުރި މަސައްކަތް ހުއްޓުވައިފި،" އޭނާ ވިދާޅުވި އެވެ.
މިއަދު ހުރިހާ ކަމެއްވެސް އާދައިގެ ކަމަކަށް ވެފައިވާކަން ފާހަގަކުރައްވާ ޝަމްހީދު ވިދާޅުވީ މަޖިލިސް ތެރެއިން ވެސް ތަކުރާރުކޮށް ހިނގަނީ އެއް ކަމެއް ކަމަށެވެ. އަދި، ކަންކަން ތަކުރާރުކޮށް ހިނގާތީ ކަންކަން އާންމުންގެ ސަމާލު ކަމަށް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހިނގަމުންދާ މަޖިލީހުގައި ފެނަކަ ކުންފުނީގެ މައްސަލަތައް ބެލުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއެއް އުފައްދައި އޭގެ މުގައްރިރަކަށް ނާޒިމް ހަމަޖެއްސި އެވެ. ސަބް ކޮމިޓީން ބަލަމުން ދަނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ ތެރޭގައި ހިންގި ހިޔާނާތްތަކާ ގުޅޭ ގޮތުން އެކުލަވާލާފައިވާ އޮޑިޓު ރިޕޯޓުތައް ދިރާސާ ކުރުމުގެ މައްސަލަ އެވެ.
ނާޒިމް އޭރު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުން އަންގާ ގޮތަށް ސަރުކާރުން އަމަލުކުރާނަމަ ކޮރަޕްޝަން ނައްތާލަން ކުރާ މަސައްކަތް ކާމިޔާބުވާނެ އެވެ. ނަމަވެސް މިދިޔަ އެޕްރީލް މަހު ނާޒިމް ވަނީ އެ ކޮމިޓީން ވަކިކޮށްފަ އެވެ.
މާލިއްޔަތު ކޮމިޓީން ބަލަން ފެށި މައްސަލަތަކުގެ ލިޔެކިޔުން ގެއްލިއްޖެ: ޝަމްހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ