ދިވެހީން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ އެމްއެމްއޭއިން ފަށައިފި

ދިވެހީން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ކުރިއަށްގެންދާ "ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާ ގުޅޭ ސާވޭ 2026" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި މިއަދު ފަށައިފިއެވެ. އެމްއެމްއޭއިން ބުނީ މި ސާވޭ ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ސާވޭގައި މައިގަނޑު ގޮތެއްގައި އެއްކުރާނީ ދަތުރުކުރި މަންޒިލްތަކާއި ދަތުރުގެ ބޭނުމާއި ޚަރަދުތައް ހަމަޖައްސާފައިވާ ގޮތުގެ އިތުރުން ވައިގެ ދަތުރުފަތުރަށާއި ދަތުރުގެ ތެރޭގައި ހިނގި އެހެނިހެން ޚަރަދުތަކާ ގުޅޭ މައުލޫމާތު ކަމަށް، އެމްއެމްއޭއިން ވަނީ ބުނެފައެވެ. https://x.com/MMA_Maldives/status/2080936018199630006 މި ސާވޭގައި އެއްވެސް ފަރާތެއްގެ އަމިއްލަ ނުވަތަ ޒާތީ މައުލޫމާތެއް އެއް ނުކުރާނެ ކަމަށާއި ސާވޭއިން އެއްކުރާ ހުރިހާ މައުލޫމާތެއް ބޭނުންކުރާނީ ހަމައެކަނި ތަފާސްހިސާބު އެކުލަވައިލުމުގެ ބޭނުމުގައި ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އަދި ސާވޭގައި އެއްކުރާ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެ ކަމަށް މަރުކަޒީ ބެންކުން ވަނީ ބުނެފައެވެ. މީގެ އިތުރުން، ސާވޭ ކުރިއަށްގެންދާ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން އެއާޕޯޓުގެ އެރައިވަލް ހޯލުގައި ހަރަކާތްތެރިވާނެކަން ފާހަގަކޮށް، އެ މުއްދަތުގައި ރާއްޖެއަށް އެނބުރި އަންނަ ދިވެހީންގެ ސާވޭއަށް އެއްބާރުލުން ދިނުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ. https://sun.mv/224744 އެމްއެމްއޭއިން އެ ދިރާސާ އިއުލާންކޮށްފައިވާއިރު، ބޭރަށް ފުރާ ދިވެހީންނަށް މަރުކަޒީ ބެންކުން ކަނޑައަޅައިފައިވާ ޑޮލަރު ރޭޓުގައި 500 ޑޮލަރު ލިބެއެވެ. އޭގެ އިތުރަށް ގައުމީ ބެންކް، ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކުން ބޭރަށް ކުރާ ދަތުރާއި ހުރުމަށާއި ބޭސްފަރުވާއަށް 3،000 ޑޮލަރު ދޫކުރެއެވެ. އެ ޑޮލަރު ލިމިޓުތަކުގެ ސަބަބުން ބޭރު ފައިސާ ބޮޑު އަގުގައި ގަންނަން ޖެހުމުގެ ޝަކުވާ ގިނަ ބަޔަކު ކުރެއެވެ. މި ސަރުކާރުން ވެރިކަމަށް އައީ ޑޮލަރުގެ ތާށިކަމާއި ކަޅު ބާޒާރު ނައްތާލާނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް ޑޮލަރުގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ ގިނަ މަސްތަކެއް ވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ