މެޑްރިޑް (ޖުލައި 25) - ސްޕެއިނަށް މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނަށް ހޯދައިދިން ކެޕްޓަން، މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު، ރޮޑްރީގޯ (ރޮޑްރީ) ބުރަކަށީގެ އޮޕަރޭޝަނެއް ކުރާތީ ކުޅުމާ ދުރުގައި މުއްދަތެއް ހޭދަކުރަން ޖެހިއްޖެ އެވެ.
އުމުރުން 30 އަހަރުގެ ރޮޑްރީ ވަނީ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. މިދިޔަ ދެ ސީޒަނަށް ބަލާއިރު، ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ރޮޑްރީ އަށް އަނިޔާގެ ގިނަ މައްސަަލަތަކެއް ކުރިމަތިވި އެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ވެސް ހާސިލްކޮށްފައިވާ ރޮޑްރީގެ އެންމެ މޮޅު ކުޅުން މި ފަހަރުގެ ވޯލްޑް ކަޕްގައި ފެންނާނެ ކަމަށް މިދިޔަ ސީޒަނަށް ފަހު ސިޓީ ދޫކޮށްލި ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
ގާޑިއޯލާ އަށް ފަހު، ސިޓީގެ ކޯޗުކަމާ ހަވާލުވި އެންޒޯ މަރެސްކާ ބުނީ، އަންނަ ހޯމަ ދުވަހު ރޮޑްރީގެ އޮޕަރޭޝަން ކުރިއަށްގެންދާނެ ކަމަށެވެ. އެ އޮޕަރޭޝަން އަށް ފަހު، ރިކަވަރީ އާއި ޗުއްޓީއެއް ހޭދަކުރުމަށް ފަހު، ސީޒަނުގެ ފުރަތަމަ ބައި ނިމުމުގެ ކުރިން އޭނާ އަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތަކުގައި ވެސް ރޮޑްރީ ކުޅުނީ، ބުރަކަށީގެ އެ އަނިޔާ އަށް ފަރުވާހޯދަމުންނެވެ. އޭނާ އޭރު ނިންމީ އޮޕަރޭޝަން ކުރާނީ ވޯލްޑް ކަޕަށް ފަހު ކަމަށެވެ.
ކުރިން އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ރޮޑްރީ ހޯދަން ސްޕެއިނުގެ ގަދަބާރު، ރެއާލް މެޑްރިޑުން މަސައްކަތްކުރެ އެވެ. ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރެއާލުން ތިބީ ރޮޑްރީގެ ސޮއި ލިބޭނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ. އެހެން ނަމަވެސް، މަރެސްކާ ބުނީ، ރޮޑްރީ ސިޓީއާ އެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެެވެ.
"މޮޅެތި ކުޅުންތެރިންނާ ގުޅޭގޮތުން އަބަދުވެސް މީޑިއާގަައި ވާހަކަ ދެކެވޭނެ. އެހެންވީމަ، އެ ކަންކަމާ މެދު އަހަރެން ނުވިސްނަން،" މަރެސްކާ ބުންޏެވެ.
ސިޓީއާ އެކު އަންނަ ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި ރޮޑްރީ އެ ޓީމުގެ އެއްބަސްވުން އާ ނުކުރާނަމަ، މި ފަހަރުގެ ޓްރާންސްފާގައި އޭނާ ކްލަބް ބަދަލުކުރުމުގެ ފުރުސަތު ބޮޑެވެ.
މީގެ ހަ އަހަރު ކުރިން ސިޓީން ރޮޑްރީގެ ސޮއި ހޯދަން އެތުލެޓިކޯ އަށް 73 މިލިއަން ޑޮލަރުގެ ފީއެއް ޖުމްލަ އެކުގައި ދެއްކި އެވެ. ކްލަބް ލެވަލްގައި ސިޓީގައި ހުރެ ހޯދޭނެ ބޮޑެތި ހުރިހާ ކާމިޔާބީއެއް ރޮޑްރީ ވަނީ ހާސިލްކޮށްފަ އެވެ. ސިޓީ އަށް މިހާތަނަށް ކުޅެދިން، 298 މެޗުން 28 ލަނޑު ޖަަހައި، 32 ލަނޑުޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.
ރޮޑްރީ، ސިޓީ އަށް ޖަހައިދިން އެންމެ ހާއްސަ ގޯލަކީ، 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން އިންޓަ މިލާން އަތުން ސިޓީ މޮޅުކޮށްދޭން ޖެހި ގޯލެކެވެ. އެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ރޮޑްރީ ޖެހިއިރު، ސިޓީ އަށް އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ވަނީ ލިބިފަ އެވެ.
ބުރަކަށީގެ އޮޕަރޭޝަނެއް ކުރާތީ ރޮޑްރީ ކުޅުމާ ދުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ