ބ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރުން، އިސް ދަރިވަރުންނާއެކު ކުލަގަދަކޮށް ފާހަގަކުރަނީ

ބ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރޭ ޑައިމެންޑް ޖުބުލީ އެ ސްކޫލުގެ އިސް ދަރިވަރުންނާއެކު ކުލަގަދަކޮށް ފާހަގަކުރަން ފަށައިފިއެވެ. ހިތާދޫ ސްކޫލުން އެ ސްކޫލުގެ އަހަރީ ދުވަހުގެ ހަރަކާތްތައް ފަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. އިއްޔެ މި ހަރަކާތްތައް ފަށައިފައިވާއިރު، އިއްޔެ ވަނީ ދަރިވަރުންނާއި އިސް ދަރިވަރުންގެ އުފަލުގެ ނަމުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން އެ ހަވީރުގައި ސްކޫލުގެ އިސްދަރިވަރުންގެ ރައިވަރު ކިޔުމާއި ބަނދިކުރުންފަދަ ކަންކަން ކުރިއަށްގެންގޮސްފައިވާއިރު ގޭމްތައްވެސް އެ ހަވީރުގެ ތެރެއިން ވަނީ ބާއްވާފައެވެ. ބ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުން -- މިއަދު ހެނދުނު ވަނީ އަހަރީ ދުވަހުގެ ޚާއްސަ ދުވުން، 75 މިނެޓަށް ކުރިއަށްގެންގޮސްފައެވެ. މި ދުވުމުގައި ވެސް ސްކޫލުގެ ދަރިވަރުންނާއި އިސް ދަރިވަރުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ރަށުގައި ހަރަކާތްތެރިވާ، އެސްއެސް ޓީވީގެ ޕްރެޒެންޓަރުން 'ސަން' އަށް މައުލޫމާތު ދިން ގޮތުގައި، ހެނދުނުގެ ދުވުން ނިންމާލުމަށްފަހު މާދަމާ އޮންނަ އެއްބައިވަންތަކަމުގެ ކެއުމަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު މިހާރު އެ ރަށުގައި ދަނީ ކުރަމުންނެވެ. އެގޮތުން ކެއްކުމުގެ މަސައްކަތަށް ތައްޔާރުވަމުންދާއިރު އިސް ދަރިވަރުންގެ ފަރާތުން ރައިވަރާއި ފަރިއްސާއި އަންބާގެ ހުށަހެޅުންތަކާއެކު ކެއްކުމުގެ ތައްޔާރީތައް ވަރަށް ފޯރިއާއެކު ކުރިއަށްދާކަން ފާހަގަކޮށްފައިވެއެވެ. ބ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުން -- ދުވުމާއި ކެއްކުމުގެ ތައްޔާރީތަކާއެކު، އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ މަސްރޭހަށް މިއަދު މެންދުރު ދޭއް ޖަހާއިރު އެ ރަށުން ފުރާނެއެވެ. ހިތާދޫ ސްކޫލަށް 75 އަހަރުފުރޭ ޑައިމަންޑް ޖުބުލީ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާއިރު އެ ދުވަހު، 75 އަހަރު ފުރުން ފާހަގަކުރުމަށް 75 ގަސް އިންދުމުގެ ހަރަކާތެއް ވަނީ ރާވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ