ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލަންކާއިން ދެ ދިވެހިން ހައްޔަރުކޮށްފި

ސްރީލަންކާއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތައެމްފަޓަމީން (އައިސް) އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ ދިވެހިން އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ސްރީލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އިން ބުނި ގޮތުގައި، މި ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތީގެ ޝިޕްމަންޓެއް އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 10 މިލިއަން ސްރީލަންކާ ރުޕީސް އަށް އަރާނެ ކަމަށް ފުލުހުން ލަފާކުރެއެވެ.
މި މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ މެންދުރު 12:15 ހާއިރު މާލެއިން ފުރައިގެން ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ވަގުތުއެވެ. ފުލުހުން އޭނާ ބަލައި ފާސްކުރިއިރު، އޭނާ ލައިގެން ހުރި އެތެރެއިން ލާ އަންނައުނު ތެރޭގައި ފޮރުވާފައި ހުރި 602 ގްރާމްގެ މެތައެމްފަޓަމީން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި، އެ ތަކެތި ސްރީލަންކާއަށް އެތެރެކުރީ އެ ގައުމުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެހެން މީހަކާ ހަވާލުކުރުމަށެވެ. އެ މައުލޫމާތުގެ އަލީގައި ކޮލަމްބޯގެ ހޮޓަލެއްގައި ހިންގި ދެވަނަ އޮޕަރޭޝަނެއްގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާއަކީ އެ ގައުމުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގާ މީހެކެވެ. އޭނާ ހައްޔަރުކުރި ވަގުތު އޭނާގެ އަތުން 10.67 ގްރާމްގެ މެތައެމްފަޓަމީން ފެނިފައިވެއެވެ.
މި ދެ މީހުން މިދިޔަ ބުރާސްފަތި ދުވަހު ނިގަންބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި 14 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ސްރީލަންކާ ފުލުހުން އަދިވެސް ކުރިއަށް ގެންދާއިރު، މި ދެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ކޯޓުގައި އަދި ސާބިތެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ