ގިނަ ޑްރަގާ އެކު ލަންކާއިން ދެ ދިވެހިން ހައްޔަރުކޮށްފި

ސްރީލަންކާގެ ކަޓުނަޔަކަ އިންޓަނޭޝަނަލް އެއަޕޯޓުންނާއި ކޮލަމްބޯގެ ހޮޓަލަކުން ގާތްގަނޑަކަށް 10 މިލިއަން ސްރީލަންކާ ރުޕީސްގެ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 'އައިސް' (މެތަމްފެޓަމީން) އާއެކު ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ލަންކާގެ ފުލުހުންގެ ނާކޮޓިކް ބިއުރޯ (ޕީއެންބީ) އިން ހާމަކޮށްފައިވާ ގޮތުގައި ބުދަ ދުވަހުގެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. ލަންކާގެ 'ޑެއިލީ ނިއުސް' ގައި ރިޕޯޓުކޮށްފައިވާ ގޮތުން:
އޭނާ ހައްޔަރުކުރީ މާލެއިން ފުރައިގެން ގޮސް ބުދަ ދުވަހުގެ މެންދުރު 12:15 ހާއިރު ކަޓުނަޔަކަ އެއާޕޯޓަށް ފޭބިތަނާ
ތަފްސީލް - އޭނާގެ އަތުގައި މަސްތުވާތަކެތި ހުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު ޕީއެންބީގެ ޑެޕިއުޓީ ޑިރެކްޓަރަށް ލިބުމާ ގުޅިގެން ފުލުހުންވަނީ އެއާޕޯޓުގެ އެރައިވަލް ޓާމިނަލްގެ ބެގޭޖް ބެލްޓް ކައިރީގައި ފާރަލައި އޭނާ ހިފަހައްޓާފައި ކަމަށް އެ ނޫހުން ބުންޏެވެ.
ފުލުހުން އޭނާ ބަލައިފާސްކުރިއިރު، 602 ގްރާމްގެ އައިސް ފެނިފައިވެ އެވެ. މިތަކެތި ފެނިފައިވަނީ ދެ ޕެކެޓަކަށް ލައި ސެލޯޓޭޕް އަޅައި ލައިގެން ހުރި ޖަންގިޔަލުގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅެނިކޮށެވެ.
ފުލުހުންގެ ތަހުގީގުގައި އޭނާއާ ސުވާލުކުރުމުން، މިތަކެތި ގެންދިޔައީ ލަންކާގައި އައިސް ވިއްކުމުގެ ވިޔަފާރިކުރާ މައި މީހާއާ ހަވާލުކުރަންކަން ވަނީ އެނގިފައި ކަމަށް ލަންކާ ފުލުހުން ވަނީ ބުނެފަ އެވެ.
މި މައުލޫމާތުގެ މައްޗަށް ބިނާކޮށް ފުލުހުން ހިންގި އޮޕަރޭޝަންގައި ބުދަ ދުވަހުގެ ރޭ ކޮލަމްބޯގެ ހޮޓަލަކުން އެ ނެޓްވޯކްގައި މަސްތުވާތަކެތި ޑިސްޓްރިބިއުޓްކުރާ މައި މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ:
އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް 
އޭނާގެ އަތުން 10 ގްރާމް އަދި 670 މިލިގްރާމްގެ އައިސް ފެނިފައިވާކަމަށް ޕީއެންބީގެ އޮފިސަރުންނާ ހަވާލާދީ ނޫހުގައި ބުނެފައިވޭ
މި މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިން ބުރާސްފަތި ދުވަހު ނީގަމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައިވާއިރު، އިތުރަށް ސުވާލުކޮށް ތަހުގީގުކުރުމަށްޓަކައި 14 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ