އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަން އެމްޓީސީސީން ނިންމައިފި އެވެ.
އެމްޓިސީސީގެ ޖެނަރަލް މެނޭޖަރު އިބްރާހީމް ހަސަން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވިދާޅުވީ އަމީނީމަގުގެ މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށެވެ.
ތާރު އަޅައިގެން ހަދާފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެ މަގުގައި ބޮޑެތި އަޑިގުޑަންތައް ވަނީ ހެދިފަ އެވެ. އެހެންވެ، އެ މަގު މަރާމާތުކުރުމުގެ މަސައްކަތް އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން މިދިޔަ މަހު 15 ގައި އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތް ފެށީ ޖުލައި 2022 ގަ އެވެ. ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަސައްކަތުގެ އެންމެ ފަހު ބައި ނިންމައި އެ މަގު އެއްކޮށް ހުޅުވީ 2024 ވަނަ އަހަރުގެ ކުރީކޮޅު އެވެ.
ނަމަވެސް، އެ މަގުގެ އެކި ހިސާބުތަކުގައި ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެގެން މިދިޔަ އަހަރު ވެސް ބައެއް ހިސާބުތައް މަރާމާތުކުރަން ޖެހުނެވެ. އަދި އެ މަގުގެ އެންމެ ފަހުން ހެދި ސަރަހައްދު، ދިވެހިރާއްޖޭގެ އަޑާއި ދިރާގު އިމާރާތާ ދެމެދުގައި އޮންނަ ބައިގެ ތާރުގަނޑު ވެސް މިހާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
ތާރު އަޅައިގެން އަމީނީމަގު ހެދުމަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާގެ ބޮޑު ހޭދައެއް ކޮށްފައިވެ އެވެ. އެ މަގުގެ މަސައްކަތް ކޮށްފައި ވަނީ ނުއަގުގައި، އަދި ދެރަ މެޓީރިއަލް ބޭނުންކޮށްގެން ކަމަށް ބުނެ އެތައް ތުހުމަތެއް ކުރިން ކޮށްފައިވެ އެވެ.
އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީން އަންނަ ހަފުތާގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ