ފިލްމު 'ދި އޮޑިސީ'އަށްފަހު ކްރިސްޓޮފަ ނޯލަންގެ ޝައުގުވެރިކަން ހޮރޯ ޖޯންރާއަށް
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ހޮލީވުޑްގެ ފިލްމު "ދި އޮޑިސީ" އަށްފަހު އެ ފިލްމުގެ ޑައިރެކްޓަރު ކްރިސްޓޮފަ ނޯލަންގެ ޝައުގުވެރިކަން ހުރީ ހޮރޯ ފިލްމެއް އުފެއްދުމަށް ކަމަށް ބުނެފިއެވެ. ކްރިސްޓޮފަ ނޯލަން ބުނި ގޮތުގައި "ދި އޮޑިސީ" ޑައިރެކްޓް ކުރުމުގެ ސަބަބުން ބިރުވެރި ފިލްމެއް އުފެއްދުމަށް އޭނާގެ ހިތުގައި އޮތް ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ. ނަމަވެސް، އެފަދަ ފިލްމެއް އުފެއްދުމުގެ ކުރިން އެކަމަށް އެންމެ އެކަށީގެންވާ ކޮންސެޕްޓެއް ނުވަތަ ޚިޔާލެއް ހޯދަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. 'ދަ ހޮލީވުޑް ރިޕޯޓަ'އަށް ދިން އިންޓަވިއުއެއްގައި ނޯލަން ބުނީ، އޭނާގެ އެންމެ ފަހުގެ މި ފިލްމުގައި ހިމެނޭ ބިރުވެރި ބައިތަކުގެ ސަބަބުން، ހޮރޯ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމުގެ ރޫހު އާވެފައިވާ ކަމަށެވެ. "ދި އޮޑިސީގެ ސަބަބުން މިފަދަ މަސައްކަތްތަކަށް ހުރި ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެއްޖެ. އެކަމަކު އަހަރެން އަބަދުވެސް ގަބޫލުކުރާ ގޮތުގައި ހޮރޯ ފިލްމެއް އުފައްދަންވާނީ އޭގެ ކޮންސެޕްޓަށް ވަރަށް ބޮޑަށް ވިސްނާފައި. އެހެން ގޮތަކަށް ބުނާނަމަ، ވަރަށް ތަފާތު މޮޅު ޚިޔާލެއް އޮންނަންވާނެ،" ޑައިރެކްޓަރު ކިޔައިދިނެވެ. ފިލްމު "ދި އޮޑިސީ"ގެ ކާސްޓުގައި ހިމެނޭ މުހިއްމު ތަރިން ކަމަށްވާ މެޓް ޑެމޮން، ޒެންޑޭއާ، ރޮބަޓް ޕެޓިންސަން، އޭން ހޭތްވޭ އަދި ޓޮމް ހޮލެންޑް--ފޮޓޯ/ވެރައިޓީ އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، ބިރުވެރި ފިލްމެއްގެ ކާމިޔާބީ ބިނާވެފައިވަނީ އެ ފިލްމެއްގެ ފަންނީ ފެންވަރަށްވުރެ ބޮޑަށް، އޭގެ ވާހަކައިގެ މައްޗަށެވެ. ނޯލަން ބުނި ގޮތުގައި "ދި އޮޑިސީ" އާއި 2023 ވަނަ އަހަރު އޭނާ އުފެއްދި އޮސްކާ ކާމިޔާބު ކުރި "އޮޕަންހައިމާ"އާ ދެމެދު ހުރި އެއްގޮތް ކަންތައްތައް އޭނާއަށް ފާހަގަވީ ފިލްމުގެ މަސައްކަތް އެއްކޮށް ނިމުނު ފަހުންނެވެ. ފިލްމު އުފެއްދުމުގައި އޭނާ ގެންގުޅޭ ފަލްސަފާއާ ބެހޭގޮތުން ވާހަކަ ދައްކަމުން ނޯލަން ބުނީ، ބަޖެޓާއި ތާވަލަށް އިސްކަންދިނުމަކީ އޭނާގެ އުފެއްދުންތެރި މިނިވަންކަން ދެމެހެއްޓުމަށް ލިބޭ ބޮޑު އެހީއެއް ކަމަށެވެ. މީގެ އިތުރުން، ނޯލަން ވަނީ އޭނާގެ ފިލްމު "ދި ޕްރެސްޓީޖް"އަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އަންނަ އަހަރު ބޮޑު ސްކްރީންތަކުގައި އެ ފިލްމު އަލުން ދައްކާނެކަން ކަށަވަރުކޮށްދީފައެވެ. އެ ފިލްމުގައި މައި އެކްޓަރު ކްރިސްޓިއަން ބޭލް ދައްކުވައިދިން ހުނަރަށް ތައުރީފު ކުރަމުން ނޯލަން ބުނީ، އެއީ ބޭލްގެ އެންމެ ފާހަގަކޮށްނުލެވޭ، ނަމަވެސް އެންމެ މޮޅު އެއް މަސައްކަތް ކަމަށެވެ. ނޯލަންގެ 13 ވަނަ ފިލްމު ކަމަށްވާ "ދި އޮޑިސީ" އަކީ މުޅިން އައިމެކްސް ކެމެރާ ބޭނުންކޮށްގެން ތައްޔާރުކުރި ފުރަތަމަ ފިލްމެވެ. މި ފިލްމު ރިލީޒްކުރި ފުރަތަމަ ބަންދު ދުވަސްތަކުގައި އެކަނިވެސް ދުނިޔޭގެ ބާޒާރުން 264 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ވަނީ ހޯދާފައެވެ. މިއީ ނޯލަންގެ ފިލްމީ ހަޔާތުގައި ފިލްމެއް ރިލީޒްކުރި ފުރަތަމަ ހަފުތާގައި މިހާ ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ