ޔަމަނުގެ ނުތަނަވަސްކަން ބޮޑުވެ، ހޫތީންގެ ކޮންޓްރޯލް ދަށުގައިވާ ހުދައިދާއަށް ސައުދީން ހަމަލާދީފި

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ފުޅާ ހަނގުރާމައާ އެކު ނުތަނަވަސްކަން ބޮޑުވަމުންދާތީ، ހޫތީންގެ ކޮންޓްރޯލްގެ ދަށުގައިވާ ޔަމަނުގެ ހުދައިދާ ސިޓީއަށް ސައުދީ އަރަބިއްޔާއިން ވައިގެ އިއްޔެ ހަމަލާތަކެއް ދީފިއެވެ.
މިއާ އެކު، ހޫތީން ވަނީ ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ހޫތީންގެ ފޮރިން މިނިސްޓްރީން ބުނީ މި ހަމަލާއަކީ މި ހަނގުރާމައިގެ އާ މަރުހަލާއެއްގެ ފެށުން ކަމަށެވެ.
ހޫތީންނާ ގުޅުންހުރި މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ މުއާސަލާތީ ވަސީލަތްތަކަށާއި ކަމަރާން ރަށަށެވެ. އެ ރަށުން އެކަކު ވަނީ ޒަހަމްވެފަ އެވެ. މަންޒަރު ދުށް މީހުން ހުދައިދާ ބަނދަރުގައި ގޮވުންތަކެއް އިވުނު ކަމަށް ރިޕޯޓްކުރި ނަމަވެސް، ސައުދީ އިސްވެ އޮންނަ އިއްތިހާދުން ވަނީ ސީދާ އެ ބަނދަރަށް ހަމަލާދިން ކަމަށް އިންކާރުކޮށްފަ އެވެ.
ސައުދީ އިއްތިހާދުގެ ތަރުޖަމާނު މޭޖަ ޖެނެރަލް ތުރުކީ އަލް-މާލިކީ، މި ހަމަނުޖެހުން ބޮޑުވުމުގެ ޒިންމާ ހޫތީންގެ ބޮލުގައި އަޅުވައި، ދާދި ފަހުން ރަތްކަނޑުގެ އުޅަނދުފަހަރަށް އެ ޖަމާއަތުން ދިން ހަމަލާތަކަކީ ފިނޑި އަދި ފަރުވާކުޑަ ހަމަލާތަކެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އަދި އިތުރަށް ހިންގާ އަދާވާތްތެރި ކޮންމެ އަމަލަކަށް އެއްވެސް ޖެހިލުމެއް ނެތި ރައްދު ދެވޭނެ ކަމުގެ އިންޒާރު ދެއްވި އެވެ.
މި ހަމަލާތައް ދީފައިވަނީ ސައުދީގެ އުޅަނދުފަހަރަށް އަމާޒުކޮށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކުރުމަށް ފަހު، ސައުދީގެ ތެޔޮ ޓޭންކަރުތަކަށް ހޫތީން ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އަލުން ފެށުނު މި ހަމަނުޖެހުންތަކުގެ ސަބަބުން، ރަތްކަނޑު މެދުވެރިކޮށް ކުރާ ދުނިޔޭގެ އެންމެ ބާރުބޮޑު ކަނޑުދަތުރުފަތުރުގެ ވިޔަފާރި މަގަށް ވަނީ ނުރައްކާވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ