އިޒްރޭލު ދައުލަތެއްގެ ގޮތުގައި ގަބޫލުނުކުރުމާއި އިޒްރޭލު ރައްޔިތުން އެ ގައުމަށް އެތެރެވުން މަނާކުރުމަށް މެލޭޝިއާއިން ގެންގުޅޭ ދިގު މުއްދަތުގެ ސިޔާސަތާ ގުޅިގެން، ވޮޝިންޓަނުގައި ހުންނަވާ މެލޭޝިއާގެ ސަފީރު އެމެރިކާއިން އިއްޔެ ހާޒިރުކޮށްފި އެވެ.
މެލޭޝިއާގެ ފޮރިން މިނިސްޓަރު މުހައްމަދު ހަސަން ވިދާޅުވީ، ސަފީރު މުހައްމަދު ޝަހްރުލް އިކްރާމް ޔައުގޫބް އެމެރިކާގެ އޮފިޝަލުންނަށް ދެންނެވީ އެ ސިޔާސަތަކީ އަބަދު ވެސް މެލޭޝިއާގެ ސިޔާސަތު ކަމަށެވެ. އަދި މެލޭޝިއާގެ އިމިގްރޭޝަން ސިޔާސަތުން އިޒްރޭލު ދައުލަތް ނުވަތަ ޒަޔަނިސްޓް ވެރިކަމެއް ގަބޫލެއް ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހާރިޖީ ފިޔަވަޅު އަޅާފައިވަނީ އިޒްރޭލު ބައިވެރިން ބައިވެރިވި ކަމަށް ތުހުމަތުކުރެވުނު ޑިޖިޓަލް ނޯމެޑް ކޮމިއުނިޓީއެއް ކަމަށްވާ 'ނެޓްވޯކް ސްކޫލާ' ގުޅިގެން އުފެދުނު ހަމަނުޖެހުންތަކަށް ފަހު އެވެ. މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން، ބައިވެރިންގެ އަތުގައި ސައްހަ ދަތުރުފަތުރުގެ ލިޔެކިޔުންތައް ހުރިކަން އެނގުމުން ވެސް، ފަހުން ވަނީ އެ ޕްރޮގްރާމް ހުއްޓުވާފަ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ އިޒްރޭލު ރައްޔިތުން މެލޭޝިއާއަށް އެތެރެވުން މަނާކުރުމުގެ ސިޔާސަތު މެލޭޝިއާއިން ދަމަހައްޓާނެ ކަމަށް އަލުން ތަކުރާރުކުރައްވާފަ އެވެ.
"އެކަމުން އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. އެ މީހުން އިންޒާރު ދީފާނެ. ނަމަވެސް އަޅުގަނޑު މެލޭޝިއާގެ ރައްޔިތުންގެ ހައްގުތައް ސާބިތުކަމާ އެކު ދިފާއުކުރާނަން،" އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އަށް މެންބަރަކު ވަނީ 15 ދުވަހުގެ ތެރޭގައި މެލޭޝިއާއިން މި ސިޔާސަތު ބަދަލުނުކޮށްފި ނަމަ، މެލޭޝިއާއާ އެކު އޮންނަ އިގްތިސާދީ އަދި ސަލާމަތީ ގުޅުންތައް މުރާޖައާކުރުމަށާއި އަސްކަރީ ތަމްރީނު އެހީތައް ހުއްޓާލުމަށް ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް އިލްތިމާސްކުރައްވާފަ އެވެ.
އިޒްރޭލު ރައްޔިތުން އެތެރެވުން މަނާކުރާތީ އެމެރިކާއިން މެލޭޝިއާގެ ސަފީރު ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ