ނުވަ
މަސްދުވަހުގެ ނުތަނަވަސްކަމާއި، އިސް ފަސް ބޭފުޅެއްގެ އިސްތިއުފާ އާއި،
ސޮއިކުރުމުގެ ބާރުވެރިކަން އޮތް ފަރާތަކާމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ
ތެރެއިން ފަންނީ މުހިންމު މުވައްޒަފުންތަކެއް ވަކިވެގެންދިޔުމަށްފަހު، މޯލްޑިވްސް
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ ބޯޑުން ފެބްރުއަރީ މަހު އެ
އޮފީހާއި މަރުކަޒީ ބޭންކާ ދެމެދު ދައުރު ކުރަން ފާސްކުރި ބޮންޑުގެ މުއާމަލާތުގެ
މާލީ ދައުރުވުން ފަށައިފި ކަމަށް ހަބަރުތަކުން އެނގެ އެވެ.
އެއީ ޕެންޝަން ފަންޑުން
ގާތްގަނޑަކަށް 2.4 ބިލިއަން ރުފިޔާ (155.6 މިލިއަން އެމެރިކާ ޑޮލަރު) ގެ
ސެކިއުރިޓީޒް، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް
"ވިއްކާލައި"، އެއިން ލިބޭ ނަގުދު ފައިސާއިން ދެ ކަރަންސީ (ދިވެހި
ރުފިޔާއާއި އެމެރިކާ ޑޮލަރު) ހިމެނޭ، ދިގު މުއްދަތުގެ ސަރުކާރުގެ އާ ބޮންޑެއް
ގަތުމުގެ މުއާމަލާތެވެ. މީގެ ތެރެއިން ބައެއް ކަންކަމަކީ ބަހުސް ކުރެވިދާނެ
ކަންކަމަށްވާއިރު، އެންމެ ބޮޑު ސުވާލު އޮތީ މިއަށްވުރެ މާ ފުންކޮށެވެ. އެ ޖަވާބު
ލިބިގަތުމަށް، މި މުއާމަލާތް ހިންގުމުގެ ނިވަލުގައިވާ އޮނިގަނޑަށްވުރެ ބޮޑަށް، ބަލައިލަންޖެހެނީ
މިކަމުގެ އަސްލު މަގުސަދާއި ނަތީޖާއަށެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
ދެ މުއާމަލާތެއްގެ ސިފައިގައި ދައްކާ އެއް
ހަރަކާތެއް
މި މުއާމަލާތް
ހިންގާ ތަރުތީބަށް ބަލާއިރު، އެމްއެމްއޭއިން ޕެންޝަން ފަންޑުގައި ހުރި
ސެކިއުރިޓީޒް ގަންނަ ނަމުގައި ޕެންޝަން ފަންޑަށް ފައިސާ ދޫކުރަނީ އެވެ. އެއަށްފަހު،
ޕެންޝަން ފަންޑުން ސަރުކާރުގެ އާ ބޮންޑެއް ގަތުމުގެ ނަމުގައި އެ ފައިސާ ފިނޭންސް
މިނިސްޓްރީއަށް ދޫކުރަނީ އެވެ. މި ހަރަކާތުން ދައުލަތުގެ މާލިއްޔާއަށް ހަރަދުކުރަން
އިތުރު ފައިސާ ލިބުނީ އެވެ. މި ދެ ހަރަކާތް ހިނގާނީ އެކަތި އަނެކައްޗާ ގުޅިގެން
ކަމަށްވުމުން، އެއް ހަރަކާތް އަނެއް ހަރަކާތުން ވަކިއެއް ނުކުރެވޭނެ އެވެ. ވަކި ދެ
އެއްބަސްވުމެއްގެ ގޮތުގައި މި މުއާމަލާތް ހިންގި ކަމުގައި ވިޔަސް، މިކަމުން
އެކުވެގެން އަންނާނެ ނަތީޖާއަކަށް ބަދަލެއް ނާންނާނެ އެވެ.
ވަކިވަކިން
ބަލާއިރު ކޮންމެ ހަރަކާތަކީވެސް ގާނޫނީ ގޮތުން ހުއްދަ ކަމެކެވެ. މޯލްޑިވްސް
މޮނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން ސަރުކާރުން ދޫކުރާ ނުވަތަ ގެރެންޓީދޭ
ސެކިއުރިޓީޒް ގަނެ ވިއްކުމުގެ ބާރު އެމްއެމްއޭއަށް ލިބިދެ އެވެ. އަދި ދިވެހިރާއްޖޭގެ
ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން އޮފީހަށް ޕެންޝަން އެސެޓްތައް އިންވެސްޓްކޮށް
ބެލެހެއްޓުމުގެ ހުއްދަ އޮވެ އެވެ. ނަމަވެސް، ދެ މުއައްސަސާއެއް ގުޅިގެން، ވަކި
ހާއްސަ މަގުސަދެއް ހާސިލުކުރުމަށް ހިންގާ ހުއްދަ ދެ އަމަލަކުން ނުކުންނަ
ނަތީޖާއަކީ ގާނޫނުގެ ރޫހުން ނެރެން ބޭނުންވި މާލީ ނަތީޖާއަކަށް ނުވެދާނެ އެވެ.
ގާނޫނީ ހީނަރުކަން އެބައޮތް؛ ނަމަވެސް ގިނަ
މީހުން އެ ބަލާ ދިމާލަކުން ނޫން
އާންމު
ބަހުސްތަކުގައި ވިސްނުން ހުރީ ދައުލަތުގެ މާލީ މައްސޫލިއްޔަތުގެ ގާނޫނުތަކުން މި
ތިން މުއައްސަސާގެ މި މުއާމަލާތަށް ހުރަސްއަޅާ ކަމަށް ނިންމުމެވެ. ނަމަވެސް އެއީ
މުޅިން ކަންއޮތް ގޮތެއް ނޫނެވެ.
ދައުލަތުގެ
ފިސްކަލް ޒިންމާގެ ގާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުން ސަރުކާރުން މަރުކަޒީ
ބޭންކުން ދަރަންޔަށް ފައިސާ ނެގޭނީ، ވޭތުވެދިޔަ ތިން އަހަރުގެ އެވްރެޖް އާމްދަނީގެ
2.5 އިންސައްތައަށްވުރެ ބޮޑުނުވާ އަދަދަކަށް، 91 ދުވަހުގެ ތެރޭގައި އެއިރެއްގެ
މާކެޓް އިންޓްރެސްޓް ރޭޓުގައި އަނބުރާ ދައްކާ ހަލާސްކުރަންޖެހޭ، ކޭޝްފްލޯ
އެޑްވާންސްގެ ގޮތުގަ އެވެ. މިއީ ވަގުތީ ގޮތުން ބަޖެޓް ކޭޝްފްލޯ ހަމަޖައްސަން އޮންނަ
ފުރުސަތެކެވެ. ދިގު މުއްދަތަށް ފައިނޭންސް ކުރާ ވަސީލަތެއް ނޫނެވެ.
ފާހަގަކޮށްލަންޖެހެނީ، އެ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގައި، މަރުކަޒީ ބޭންކާއި،
ޕެންޝަން ފަންޑާއި، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ މައްޗަށް އެ ގާނޫނު
ނުހިންގޭނެ ކަމަށް ބުނެފައިވުމެވެ. އަދި 44 ވަނަ މާއްދާއިން ޕެންޝަން އޮފީސް،
އެމްއެމްއޭ އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް "ދައުލަތް"
މާނަކުރުމުން އިސްތިސްނާކުރެ އެވެ. ވީމާ، އެޑްވާންސްގެ ގަވާއިދު ހިނގާނީ ހަމައެކަނި
ސަރުކާރުގެ މައްޗަށެވެ. މަރުކަޒީ ބޭންކުން ޕެންޝަން ފަންޑަށް ނަގުދު ފައިސާ ދީގެން
އިންވެސްޓްކުރުން އެ ގާނޫނުން އިސްތިސްނާކޮށްލީ އެވެ.
މީގެއިން
ނުކުންނަ ދެ ނަތީޖާއެއް އޮތްއިރު، ފުރަތަމަ ކަމަކީ، ޕެންޝަން ފަންޑަށް އެ ގާނޫނުގެ
6 ވަނަ މާއްދާއާ ހިލާފެއް ނުވެވޭނެ އެވެ. އެ މާއްދާގެ އިންތަކާއި މިންތައް އޮތީ
ސަރުކާރަށް ކަމަށްވާތީ، އެ މާއްދާއިން ރެކުމަށް ގާނޫނަށް މަކަރުހަދައިގެން
އުޅޭކަމުގެ ތުހުމަތު ސީދާ އަމާޒުވަނީ ސަރުކާރަށެވެ: އެމްއެމްއޭއިން ފައިސާ
ނެގުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އިމުގެ ބޭރުން، މެދުވެރިއަކާ މަތިކޮށް
މަރުކަޒީ ބޭންކުން ފައިސާ ނަގަނީ ހެއްޔެވެ؟
ދެވަނަ ކަމަކީ،
މަރުކަޒީ ބޭންކަށް ހިފެހެއްޓޭނެ ސަރުކާރުގެ ސެކިއުރިޓީޒްގެ މިންވަރަކަށް
މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީގެ ގާނޫނުގެ އެއްވެސް ތަނެއްގައި އިމެއް
ކަނޑައަޅާފައި ނެތްއިރު، ގާނޫނުގައި އޮތް ގޮތް މިއަށްވުރެ މާ ނުރައްކަލެވެ. އެ
ގާނޫނުގެ ދަށުން ސަރުކާރުގެ އޭޖެންޓެއްގެ ގޮތުގައި ސަރުކާރުގެ ސެކިއުރިޓީޒްގެ
ޕްރައިމަރީ މާކެޓް ހިންގާ ބަލަހައްޓަނީ އެމްއެމްއޭއިންނެވެ. އަދި އެ މާކެޓުގެ
މައްޗަށް އޮތް ބާރުތައް އެމްއެމްއޭއިން ބޭނުންކުރަންޖެހެނީ ސަރުކާރުގެ އިރުޝާދާ
އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވީމާ، މި މުއާމަލާތުގެ ދެވަނަ ފިޔަވަޅު އަޅާނީ
ސަރުކާރުގެ އެންގުމަށް އެމްއެމްއޭއިން ހިންގާ މާކެޓެއްގެ ތެރެއިންނެވެ.
"މޮނިޓަރީ ފައިނޭންސިންގ" (ފައިސާ ޗާޕުކުރުމުގެ) ކަންބޮޑުވުމަށް
އެމްއެމްއޭއާއި ސަރުކާރުން އެ ބަޔާންކުރާ ގޮތަށް، މިއީ މަރުކަޒީ ބޭންކުން މާކެޓުގެ
ތެރޭގައި މިނިވަންކަމާއެކު، ވަކިފަރާތަކަށް ނުޖެހި ހިންގި މާލީ މުއާމަލާތެއް
ކަމަށް ބުނާ ބުނުމަށް، މި މައްސަލައިގައި އެއްބަސްވެވޭކަށް ނެތެވެ.
ޕެންޝަން އޮފީހުގެ އަމިއްލަ ގާނޫނީ ލަފައިން
ކަނޑައެޅި މިންގަނޑު
މި ހުށަހެޅުން
ޕެންޝަން ބޯޑަށް ފުރަތަމަ ދިޔައިރު އުފެދުނު މައްސަލައަކީ ގާނޫނީ ލަފައެއް
ނެތުމެވެ. ފަހުން އަމިއްލައަށް ގާނޫނީ ލަފައެއް ހޯދިއެވެ. ޕެންޝަން އޮފީހަށް
އަލުން ހަނދާންކޮށްދޭންޖެހެނީ، އެ އޮފީހުން ގާނޫނީ ގޮތުން އެންމެ ބޮޑަށް
ބަލަންޖެހޭ ކަމަކީ ފިޑިއުޝަރީ ވާޖިބުތަކަށް (އަމާނާތްތެރިކަމާއެކު
ރައްކާތެރިކުރުމުގެ ޒިންމާއަށް) ހުރުމަތްތެރިކޮށް ހިތުމެވެ. އެއީ ކޮންމެ
ނިންމުމަކީވެސް ރައްކާތެރި، ޝަފާފު، އަދި ވިޔަފާރީގެ ގޮތުން ސައްހަ، ފަންޑުގެ
ބައިވެރިންގެ އެންމެ ރަނގަޅު މަންފާއަށް އަމާޒުކުރެވިފައިވާ ފަންނީ ވަޒަންކުރުމެއްގެ
މައްޗަށް ބިނާވެފައިވާ ނިންމުމަކަށް ވުމެވެ.
ދައުލަތުގެ
ފިސްކަލް ޒިންމާގެ ގާނޫނީ ހަމަތައް ޕެންޝަން ފަންޑުގެ މައްޗަށް ނުހިނގާތީ، ގާނޫނީ
މުޅި ބާރު އަރައިވަނީ ޕެންޝަން ގާނޫނަށެވެ. އެހެންކަމުން، އެ އޮފީހުގެ އެ ގާނޫނީ
ލަފައިން މި މުއާމަލާތް ސައްހަކޮށެއް ނުދެއެވެ؛ އެއިން ކަނޑައަޅަނީ މިންގަނޑެވެ.
އަދި އެ ބުރަ އުފުލުން ހަވާލުކުރަނީ ބޯޑާއެވެ. މިހާތަނަށް އާންމުކުރި އެއްވެސް
މައުލޫމާތަކުން ޕެންޝަން ގާނޫނާއި އުސޫލުގެ ހަމަތަކަށް ފެތޭގޮތަށް އެ ޒިންމާ
އުފުލިފައެއް ނެތެވެ.
ފަންޑުގެ އަމިއްލަ އުސޫލުތަކުން މި
މުއާމަލާތް ވަޒަންކުރުން
ސަރުކާރުގެ
ސެކިއުރިޓީޒްއަކީ ޕެންޝަން ގާނޫނުގެ ދަށުން އިންވެސްޓްކުރުން ހުއްދަ އެސެޓް
ކްލާހެކެވެ. ވީމާ ސުވާލަކީ ފަންޑަށް މި ބޮންޑު ހިފެހެއްޓޭނެތޯއެއް ނޫނެވެ.
ސުވާލަކީ މިގޮތަށް، މި ދަނޑިވަޅުގައި މިއެސެޓް ހޯދުމަކީ ގާނޫނުން ލާޒިމުކުރާ
މިންގަނޑަށް ފެތޭ ކަމެއްތޯއެވެ. ޕެންޝަން އޮފީހުން އާއްމުކޮށްފައިވާ ސްޓޭޓްމަންޓް
އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް އަންގައިދެނީ ހިރާސްތަކަށް (ރިސްކަށް)
ރިއާޔަތްކޮށްގެން ފަންޑުގެ އަގު އެންމެ މަތީ މިންވަރަކަށް ގެންދިއުމަށާއި، ހަގީގީ
ފައިސާގެ ގަތުމުގެ ބާރު ހިފެހެއްޓުމަށާއި، ރިޓަޔާކުރުމާ ގާތްވާއިރު އަންނަ
އޮޑިބާނިތަކުން (އަގުތަކާއި މާކެޓް އަވަސްއަވަހަށް އުފުލި ތިރިވުމުން) އެސެޓްތައް
ރައްކާތެރިކުރުމަށާއި، ތަފާތު އެސެޓްތަކަށާއި ޖޯގްރަފީތަކަށް އިންވެސްޓްމަންޓްތައް
ބަހާލުމަށެވެ (ޑައިވާސިފައި ކުރުމަށެވެ). ޕެންޝަން ގާނޫނުން އިތުރު ފޯމިއުލާއެއް
ދައްކައެވެ: ރައްކާތެރިކަން، ޑައިވާސިފިކޭޝަން، ރައްކާތެރިކަމާއެކު ލިބޭނެ އެންމެ
މަތީ މަންފާ، އަދި އެކަށީގެންވާ ލިކުއިޑިޓީ (ފައިސާއަށް ބަދަލުކުރެވޭނެ ގޮތް) އެވެ.
މި
މިންގަނޑުތަކުން މި މުއާމަލާތް ވަޒަންކުރުމުން ފަސް މައްސަލައެއް ފާހަގަވެއެވެ.
މިއީ ބޮޑު ދަރަންޏެއް އޮތް ދައުލަތަކަށް އޮތް އެކްސްޕޯޝަރު (ނުރައްކަލަށް
ހުށަހެޅުން) ކުޑަކުރުމުގެ ބަދަލުގައި އިތުރުކުރުމެކެވެ. ވޯލްޑް ބޭންކުގެ 2025 ގެ
ނިޔަލަށް ހުރި ހިސާބުތަކުން ދައްކާ ގޮތުގައި ބޭންކުތަކާއި، މާލީ އިދާރާތަކާއި،
އެމްއެމްއޭގެ މުޅި އެސެޓުގެ ތެރެއިން 40، 66 އަދި 42 އިންސައްތައަކީ ދައުލަތާއި
ކުންފުނިތަކުގެ ދަރަންޏެވެ. މިއީ މާލީ ނުރައްކާ އިތުރުވާ، ދައުލަތާއި މާލީ
އިދާރާތަކުގެ ނުރައްކާތެރި ގުޅުމެއް ކަމަށް އެ ބޭންކުން އިންޒާރުދެއެވެ. ޕެންޝަން
ފަންޑުގެ އިންވެސްޓްމަންޓްގެ ތިންބައިކުޅަ ދެބައި މިހާރުވެސް އޮތީ އެއްފަރާތަކަށް
ބުރަވެފައި ކަމަށްވާއިރު، އެ ފަރާތުން އިތުރަށް ބޮންޑު ގަނެގެން ޑައިވާސިފައި
(އިންވެސްޓްމެންޓް ގިނަ ފަރާތްތަކަށް ބަހާލުމެއް) އެއް ނުވާނެއެވެ. ދިގު
މުއްދަތުގެ ވަސީލަތަކުން ލިކުއިޑިޓީ ދަށްވެ، އިންޓްރެސްޓް ރޭޓު މައްޗަށް
ގޮސްފިނަމަ މާކެޓަށްވުރެ ކުޑަ އިންޓްރެސްޓެއްގައި ތާށިވެއެވެ. ދެ ކަރަންސީގެ
މަންފާއެއް ލިބޭނީ ޑޮލަރުގެ ބައި ތަންފީޒުކުރެވި، ސަރުކާރުގައި ޑޮލަރު
ހުރެގެންނެވެ. ރިޕޯޓުތަކުން ހާމަވާގޮތުން، ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވްގައި
ހުރީ 148 މިލިއަން ޑޮލަރުގައި ކަމަށްވާއިރު، އެ ވަރުން އެއް މަސްދުވަހުގެ
އިމްޕޯޓަށްވެސް ނުފުދެއެވެ. މި ބޮންޑަކީ މިނިވަންކަމާއެކު ވިއްކޭ އެއްޗަކަށް
ނުވާނަމަ، އޭގެ އަގުގެ ފަހަތުގައި ލިކުއިޑިޓީގެ ގެއްލުން ފޮރުވިފައިވެއެވެ.
މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން އިތުރަށް އުފުލިގެންދާނެ ކަމަށް
ދިރާސާވެރިން ބުނަމުންދާއިރު، މި މުއާމަލާތުގެ ސަބަބުން އިންފްލޭޝަން އިތުރުވެ
ނުވަތަ ފައިސާގެ އަގުވެއްޓުން އަތުވެއްޖެނަމަ، ދައްކަން އުޅޭ ފައިދާއާއެކު ހަގީގީ
ގެއްލުން އުފެދޭނެއެވެ؛ އިންފްލޭޝަންގެ ކުޑަކުޑަ ބަދަލަކުންވެސް ލިބޭނެ ކަމަށް
އުއްމީދުކުރާ ކުޑަކުޑަ މަންފާ ފޮހެވިގެންދާނެއެވެ.
މިކަން
ނިންމާލާއިރު "ޕެންޝަން ފަންޑަށް ގެއްލުމެއް ނުވާނެ" ކަމަށް ދޭ
ކަށަވަރުކަމަކީ ގާނޫނީ އަދި މާލީ ގޮތުން ސައްހަ ރައުޔެއް ނޫނެވެ. ފިޑިއުޝަރީ
ރައްކާތެރިކަމަކީ މުސްތަގުބަލަށް ބެލުމެވެ: އިންފްލޭޝަން، ކަރަންސީ، މުއްދަތު، ލިކުއިޑިޓީ،
އެއް ފަރާތަކަށް ބަރޯސާވުން އަދި ސޮވަރިން ކްރެޑިޓް ރިސްކަށް ބެލުމަށްފަހު، އެހެން
ފުރުސަތުތަކާ އަޅާބަލާއިރު ރިސްކަށް އެކަށޭނެ ފައިދާއެއް ލިބޭތޯ ބެލުމެވެ.
މަރުކަޒީ ބޭންކުގެ މާލީ ހާލަތާއި އިދިކޮޅު
އިރުޝާދު
ރަސްމީ
ފަރާތްތަކުން ދައްކާ ސަބަބުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިދިކޮޅު
ފަރާތްތަކުގެ ސިޔާސީ ވާހަކައެއް ނޫނެވެ. އެމްއެމްއޭއިން އަމިއްލައަށް
ޝާއިއުކޮށްފައިވާ ނިންމުމެވެ. އިތުރުވެފައިވާ ލިކުއިޑިޓީ (ލާޒިމުކުރާ
މިންވަރަށްވުރެ އަދި ފައިދާވާނެ ގޮތަށް ލޯނުގެ ގޮތުގައި ދޫކުރެވޭނެ މިންވަރަށްވުރެ
އިތުރަށް، ބޭންކުތަކުން މަރުކަޒީ ބޭންކުގައި ހިފަހައްޓާފައިވާ ރުފިޔާގެ ރިޒާވް)
ވަނީ 7 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށްވާތީ، އެމްއެމްއޭއިން ބުނެފައިވަނީ
މީގެ ސަބަބުން ރުފިޔާއާއި ޑޮލަރުގެ ސަޕްލައި އެއްހަމަނުވާ މައްސަލަ ބޮޑުވެގެންދިޔަ
ކަމަށެވެ. 2025 ގެ މެދުތެރޭގައި އެމްއެމްއޭއިން ވަނީ އެ ފައިސާ ދަމައިގަތުމަށް
(އޯޕަން މާކެޓް އޮޕަރޭޝަންސް) ފަށައި، މިނިމަމް ރިޒާވް ރިކުއަޔަރމަންޓް 10 އިން 11
އިންސައްތައަށް މަތިކޮށްފައެވެ. ޓެކްސްޓްފޮތުގެ ހަމައިން ބަލާއިރު މި މުއާމަލާތް
ވައްތަރީ "ކުއަންޓިޓޭޓިވް އީޒިންގ" (ކިއުއީ) އާއެވެ. ނަމަވެސް
ކިއުއީއަކީ އިގްތިސާދު ދޫކޮށްލަންޖެހޭ ހާލަތްތަކުގައި މުޅި އިގްތިސާދަށް
އަމާޒުކޮށްގެން ހިންގާ ސިޔާސަތެކެވެ. އެމްއެމްއޭގެ އަމިއްލަ ވަޒަންކުރުމުން
ދައްކަނީ އިގްތިސާދަށް ބޭނުންވަނީ މީގެ އިދިކޮޅު ކަމެވެ. އެމްއެމްއޭއިން މި
މުއާމަލާތުގެ މޮނިޓަރީ ޕޮލިސީ މަގުސަދާއި، ރިޒާވް މަނީއާއި ބޭންކުތަކުގެ
ލިކުއިޑިޓީއަށް ކުރާނެ އަސަރާއި، އިގްތިސާދަށް ދޫކުރެވޭ ފައިސާ އަނބުރާ
ހިފަހައްޓާނެ ގޮތް އާންމުކުރަންޖެހެއެވެ.
މިކަމުގެ އަސަރު އާންމު ގޭބިސީއަކަށް ފޯރާނެ
ގޮތް
ފައިސާ
އުފައްދައި، އެ ފައިސާ އަނބުރާ ނުހިފެހެއްޓިއްޖެނަމަ، ބޭންކިން ނިޒާމުގެ
ލިކުއިޑިޓީ މަތިވެގެންދާނެއެވެ. ފިނޭންސުން މުސާރަ، ނުދެއްކި ހުރި ފައިސާ،
ސަބްސިޑީ، ސަޕްލަޔަރުން، އަދި ޕްރޮޖެކްޓްތަކަށް އެ ފައިސާ ހަރަދުކުރުމުން، އެ
ފައިސާ ވަންނާނީ އާންމުންގެ އެކައުންޓްތަކަށެވެ. އަދި މައިގަނޑު މުދާ ހަމައެކަނި
އިމްޕޯޓްކުރާ އިގްތިސާދެއްގައި، އޭގެ ބޮޑުބައެއް ވަގުތުން ބަދަލުވެގެންދާނީ
ޑޮލަރުގެ މާކެޓަށެވެ. ތަކެތީގެ އަގުބޮޑުވަމުން އަދި ބްލެކް މާކެޓްގައި އަގު
އުފުލެމުންދާއިރު، ރަސްމީ އެކްސްޗޭންޖް ރޭޓަކީ 15.42 ކަމަށް ބުނި ނަމަވެސް، ކަޅު
ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 21 ރުފިޔާއަށްވުރެ މަތީގައެވެ. މުދާ އެތެރެކުރާ
ފަރާތްތަކުން މި ބުރަ ފޮނުވާލާނީ ފިހާރަތަކުގެ މުދާ ހަރުގަނޑަށެވެ. އިންފްލޭޝަންގެ
ސަބަބުން ހަގީގީ މުސާރައާއި ރުފިޔާ ޕެންޝަން ބެލެންސްގެ އަގު ވެއްޓިގެންދެއެވެ.
ފުރަތަމަ އަންނާނީ އިންފްލޭޝަނެވެ؛ އެއަށްފަހު ފައިނޭންސް ކުރުން ދަތިވުމާއި
ވަޒީފާތައް ގެއްލުމެވެ.
މިއިން އެއްވެސް
ކަމަކުން އިގްތިސާދީ ކުއްލި ކާރިސާއެއް (ރިސެޝަނެއް) އަންގައެއް ނުދެއެވެ. ނުވަތަ
2.4 ބިލިއަން ރުފިޔާއަކީ ހަމައެކަނި އެވަރުގެ މައްސަލައެއް ކަމަށް ބުނާކަށްވެސް
ނުވާނެއެވެ. ނަމަވެސް 2026 ވަނަ އަހަރު ރާއްޖޭގެ ކުރިއެރުން 0.7 އިންސައްތަ
ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ބުނާއިރު، އަދި ފަރުދީ އުފެއްދުންތެރިކަމުގެ
ކުރިއެރުން 1.0 އިންސައްތަ ދަށްވާނެ ކަމަށް އޭޑީބީއިން ލަފާކުރާއިރު، ރަނގަޅަށް
ކޮންޓްރޯލް ނުކުރެވޭ ފައިސާ އިގްތިސާދަށް ދޫކުރުމަކީ، އެންމެ ނާޒުކު ދަނޑިވަޅުގައި
އިންފްލޭޝަނާއި ބޭރު ފައިސާއަށް ޖެހުމުގެ ބުރަ ބޮޑުވުމުގެ ފުރުސަތު އިތުރުކުރާނެ
ކަމެކެވެ.
ގާނޫނީ ޒިންމާ ނުނަގައި ހިމޭނުން އޮތް
އަސްލު ރެގިއުލޭޓަރު
މޯލްޑިވްސް
މޮނިޓަރީ އޮތޯރިޓީގެ ގާނޫނުގައި "ބޭންކު ނޫން މާލީ އިދާރާތައް"
މާނަކުރުމުން، އެ ގާނޫނުގެ ދަށުން ލައިސަންސް ދީފައިވާ ސެކިއުރިޓީޒް ވިޔަފާރި
އިސްތިސްނާކުރާތީއާއި، ޕެންޝަން ފަންޑުގެ ސެކިއުރިޓީޒް ގަންނަ މުއައްސަސާއަށް އެ
ފަންޑު ރެގިއުލޭޓް ނުކުރެވޭނެތީ، ޕެންޝަން ފަންޑުން އިންވެސްޓްކުރާ ގޮތް ބެލުމުގެ
ސުޕަވިޜަރީ އަމުރެއް އެމްއެމްއޭއަކަށް ނޯންނާނެއެވެ. ޕެންޝަން އޮފީހުގެ
އިންވެސްޓްމަންޓްތައް މޮނިޓަރކޮށް ރެގިއުލޭޓްކުރާ ފަރާތަކީ ސެކިއުރިޓީޒް ގާނޫނުގެ
ދަށުން އުފައްދާފައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އެވެ.
ޕެންޝަން
ގާނޫނުން ބާރުލިބިގެން ސީއެމްޑީއޭގައި "ޕެންޝަން ސުޕަވިޜަން
ޑިޕާޓްމަންޓް" އުފައްދާފައިވަނީ، ޕެންޝަން އެސެޓްތައް އިންވެސްޓްކުރާ ގޮތާއި
އޭގެ މަންފާ ބަލަހައްޓައި، ސްކީމުގެ ރިޕޯޓިންގ އުސޫލުތައް އެކުލަވާލައި، ޕެންޝަން
އޮފީހުގެ ބޯޑަށް މެންބަރުން އައްޔަންކުރުމުގެ ކަންކަން ފާރަވެރިވެ، އަދި ގާނޫނު
ތަންފީޒުކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް އެފަދަ ޑިޕާޓްމަންޓެއް
އުފެއްދުމަށް ގާނޫނުން ލާޒިމުކުރާތީއެވެ. މީގެއިތުރުން، މޯލްޑިވްސް މޮނިޓަރީ
އޮތޯރިޓީގެ ގާނޫނުގެ ދަށުން ސަރުކާރުގެ ސެކިއުރިޓީޒްގެ ސެކަންޑަރީ މާކެޓް
ރެގިއުލޭޓްކުރަނީ ސީއެމްޑީއޭއިން ކަން އެނގެއެވެ. އެހެންކަމުން ސީއެމްޑީއޭއަށް
މިކަމުގައި އިހުތިސާސް ލިބިގެންވާ ދެ އަސާސެއް އެބައޮތެވެ: ޕެންޝަން އޮފީހުގެ
ސުޕަވައިޒަރުގެ ގޮތުންނާއި، ފަންޑުގެ ސެކިއުރިޓީޒް ވިއްކާލި މާކެޓުގެ
ރެގިއުލޭޓަރުގެ ގޮތުންނެވެ. ނަމަވެސް، މިއިން އެއްވެސް ބާރެއް ސީއެމްޑީއޭއަކުން
ބޭނުންކޮށްފައެއް ނުވެއެވެ. މިހުރިހާ ކަމެއް ހިނގައިދިޔައިރު އަސްލު ގާނޫނީ
ރެގިއުލޭޓަރު ދެއްކި ހިމޭންކަމަކީ މިއަދުގެ އިދާރީ މައްސަލައެވެ.
ޒިންމާދާރުކުރުވުމާއި، އޭގެ އިމުގެ މިންވަރު
ޕެންޝަން ގާނޫނުން ޕެންޝަން
އެސެޓްތަކާމެދު އިހުތިޔާރު ބޭނުންކުރާ ފަރާތްތައް ފިޑިއުޝަރީން ކަމުގައި ބަލައެވެ.
އެހެންކަމުން، ގާނޫނާ ނުވަތަ ގާނޫނުން ލާޒިމުކުރާ އިންވެސްޓްމަންޓް މިންގަނޑަކާ ހިލާފުވިކަން
ސާބިތުވެ، އެ ހިލާފުވުން ސަބަބުވެގެން ފަންޑަށް ގެއްލުމެއް ލިބުނުކަން ދައްކައިދެވިއްޖެނަމަ،
ޒިންމާ އުފުލި ފިޑިއުޝަރީއަކު މަދަނީ ޒިންމާ އުފުލަންޖެހިދާނެއެވެ. އެހެން ފިޑިއުޝަރީއަކަށް
ހިލާފުވުން އެނގުނު ނުވަތަ އެނގެންޖެހުނު ކަންވެސް ސާބިތުވެއްޖެނަމަ އެ ފަރާތްވެސް
އެއްހަމައެއްގައި ޒިންމާވެދާނެއެވެ. ކޯޓުން ގެއްލުމުގެ ތިންގުނައާ ހަމައަށް ފައިސާއާއި
ގާނޫނީ ހަރަދު ދެއްކުމަށް އަމުރުކޮށް، ކުށް ސާބިތުވާ ފަރާތަކު މަދުވެގެން 10 އަހަރު
ސްކީމަށް ހިދުމަތްކުރުން މަނާކުރެވިދާނެއެވެ. ގަވަރނަންސް ކޯޑުގެ ދަށުންވެސް ހިލާފުވުން
ތަހުގީގުކޮށް ރެގިއުލޭޓަރަށް ރިޕޯޓުކުރުމާއި ބޯޑު މެންބަރެއް މަގާމުން ވަކިކުރުމުގެ
ފިޔަވަޅު އެޅިދާނެއެވެ.
މި މާއްދާތަކުން
ބޮންޑަށް ވޯޓުދޭ ކޮންމެ މެންބަރަކު ކުށްވެރިވަނީކީ ނޫނެވެ. ގެއްލުން، ހިލާފުވުން،
ސަބަބު، އެނގުން އަދި ރައްކާތެރިކަމުގެ މިންގަނޑު ކޮންމެ ކަމެއް ގާނޫނީ
އިޖުރާއަތުގެ ތެރެއިން ސާބިތުކޮށްދޭންޖެހެއެވެ. މުޅި މެކްރޯއިގްތިސާދީ
ގެއްލުންތައް ފަސޭހަކަމާއެކު އެންމެ ނިންމުމަކަށް އެކަނި ނިސްބަތެއް
ނުކުރެވޭނެއެވެ. ނަމަވެސް، މެންބަރުންނަށް ބޯޑުގެ ނިންމުމަކީ އެ މެންބަރެއްގެ
އަމިއްލަ ފަރުދީ ރައްކާތެރިކަމެއް ކަމަށް ބަލައިގެން ތިބެވޭކަށްވެސް ނޯންނާނެއެވެ.
ޗެއާމަނަކާއި، ސީއީއޯއަކާއި، ސީއެފްއޯއަކާއި، ބޯޑު މެންބަރުން އިސްތިއުފާދެއްވައި
ވަކިވެވަޑައިގަތުމުން، ބާކީ ތިއްބެވި ނިންމުން ނިންމަވާ ފަރާތްތަކަށް މިއީ
އާދަޔާހިލާފު ގާނޫނީ އަދި މާލީ ނުރައްކަލެއް އޮތް މުއާމަލާތެއްކަން އޮންނާނީ
އެނގިވަޑައިގަނެފައެވެ.
ސަރުކާރަށް
ނަގުދު ފައިސާ އިންތިހާއަށް ބޭނުންވެފައި ނުވާނަމަ، އަދި އެމްއެމްއޭއިން
އެއްވަގުތެއްގައި 2.4 ބިލިއަން ނަގުދު ރުފިޔާ ޕެންޝަން ފަންޑަށް ނުދޭނަމަ،
ޕެންޝަން އޮފީހުން މި ދަނޑިވަޅުގައި، މި ޝަރުތުތަކާއެކު މި އިންވެސްޓްމަންޓް
ކުރާނެ ހެއްޔެވެ؟ ނުކުރާނެ ނަމަ، މިއީ ފަންޑުގެ ބައިވެރިންގެ މަންފާއަށްވުރެ
ބޮޑަށް ސަރުކާރުގެ އަމިއްލަ މާލީ ނިންމުމަކަށް ކުރާ ކަމެކެވެ.
އެހެންކަމުން،
ނުސީދާކޮށް ފައިސާ ޗާޕުކުރުމުގެ ސަބަބުން އިންފްލޭޝަން އިތުރުވެ، ބޭރު ފައިސާގެ
ހަގީގީ ރޭޓު އުފުލި، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އިގްތިސާދީ ކާރިސާއަކަށް
މަގުފަހިވެގެންގޮސްފިނަމަ، މިއީ ތިން މުއައްސަސާއެއްގެ ތެރެއިން ހިންގި
މުއާމަލާތެއްކަމަށް ނިންމައި މިކަމުގެ ޒިންމާ ނަގާނެ މީހަކު ނެތްކަމަށް ބުނުމުގެ
ފުރުސަތެއް ނެތެވެ. މި ދެ މުއާމަލާތަކީ އެއްބަސްވުމުގެ ގޮތުން ނުވަތަ އޮޕަރޭޝަނަލް
ގޮތުން ގުޅިފައިވާ ދެ ފިޔަވަޅުތޯއާއި، މި އޮނިގަނޑުގެ ސަބަބުން ފިސްކަލް ޒިންމާގެ
ގާނޫނުގެ 6 ވަނަ މާއްދާގެ މަގުސަދު ގެއްލިގެންދޭތޯ ރައްޔިތުންގެ މަޖިލީހާއި
އޮޑިޓަރ ޖެނެރަލް ބައްލަވަންޖެހެއެވެ. ޕެންޝަންއޮފީހުގެ ބޯޑުން
މެމްބަރުން ވަކިވެ އައްޔަންވެގެންދިޔައިރު، އަދި މިހުރިހައިކަމެއް ހިނގައިދިޔައިރު
ސީއެމްޑީއޭއިން ދެއްކި ހިމޭންކަމަކީ އެ ފަންޑުގެ ބައިވެރިންގެ ހައްގުގައި އެ
އޮފީހާއި ބޯޑު ސުޕަވައިޒްކުރުމަށް ގާނޫނީގޮތުން ހަވާލުކޮށްފައިވާ ޒިންމާ
އަދާކުރިކަމުގެ ޔަގީންކަން ނުލިބޭކަމަކަށްވާތީ، ސީއެމްޑީއޭގެ ބައިވެރިވުން
ތަހުގީގު ކުރެވެންޖެހެ އެވެ.
ތަހުގީގަކުން ގާނޫނީ
ހިލާފުވުމާއި، ގެއްލުމާއި، ސަބަބުގެ ގުޅުން ސާބިތުވެއްޖެނަމަ، ޒިންމާވާ ފަރާތްތަކުން
ޕެންޝަން ގާނޫނާއި ގަވަރނަންސް ކޯޑުގެ ދަށުން އޮތް މަދަނީ ނުވަތަ ރެގިއުލޭޓަރީ ނަތީޖާތަކާ
ކުރިމަތިލާންޖެހިދާނެއެވެ. ޖިނާއީ ޒިންމާއެއް އުފެދޭނީ ވަކި ޖިނާއީ ކުށެއްގެ އެލެމެންޓްތައް
ހެކިތަކާއެކު ވަކިން ސާބިތުވެއްޖެނަމައެވެ. ޕެންޝަން ސޭވިންގްސްއަކީ ފަންޑުގެ ބައިވެރިންގެ
ހައްގެކެވެ. އެ ފައިސާއަކީ މާދަމާގެ ރިޓަޔަރމަންޓް ރައްކާތެރިކަން ބަލިކަށިކޮށް، މިއަދުގެ
ސިޔާސީ ހަރަދުތައް ހަމަޖައްސަން ގާނޫނީ ފާލަމަކަށް ހަދައިގެންވާނެ އެއްޗެއް ނޫނެވެ.
ޕެންޝަން ފަންޑަކީ ސަރުކާރުގެ ވޮލެޓެއް ނޫން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ